ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ
ޚަބަރު

މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ

އއިބްރާހީމްް ސަމީރު19 ޖެނުއަރީ 2026
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ. އާޓިފިޝަލް ބީޗް ކުރިމަތީ ހުންނަ ޕީއެންސީގެ އޮފީހުގައި ހުޅުވި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، މި އޮފީހަކީ ހަމައެކަނި އޭނާގެ ކެމްޕެއިން އޮފީހެއް ނޫން ކަމަށާއި، މިއީ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ވެސް އޮފީހެއް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ، އެ މަގާމުގައި ކުރިން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތަކާއި، ރައްޔިތުންނާ ގާތުން ގެނެސްދެއްވި ބަދަލުތައް ނަމޫނާއަކަށް ބަލައިގެން ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ބޮޑެތި ބަދަލުތަކެއް ބޭނުންވެފައިވާކަން ފާހަގަކުރައްވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން ވަރަށް ގިނަ ޝަކުވާތައް އިވިގެންދިޔަ ކަމަށެވެ. އެހެންކަމުން، މީގެ ކުރިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ މުޅި ގައުމީ ހަޔާތުގައި ވެސް ކަންކަމާ ކުރިމަތިލާފައި ވަނީ ކެރިގެން ސާބިތުކަމާ އެކު ނަތީޖާ ނެރުމުގެ ވަރުގަދަ އަޒުމުގައި"، މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ. މީގެއިތުރުން، އޭނާ ވަނީ މާލޭގެ މޭޔަރުކަމަށް ހޮވައިދެއްވައިފި ނަމަ، ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މާލެއަކީ ޗާލު އަދި އުފާވެރި ދިރިއުޅުމެއް އޮތް ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ހިދުމަތް ދިނުމުގައި އެއްވެސް ސިޔާސީ ކުލައަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު