ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ކައުންސިލަށް ކުރިމަތިލީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ޚިދުމަތް ކޮށްދޭން: މާޖިދު
ރިޕޯޓް

ކައުންސިލަށް ކުރިމަތިލީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ޚިދުމަތް ކޮށްދޭން: މާޖިދު

މމުހައްމަދު އަލީ26 ޖެނުއަރީ 2026
އެމްޑީޕީގެ ފަރާތުން ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ މުހައްމަދު މާޖިދު ބުނީ އޭނާ ކައުންސިލަށް ކުރިމަތިލީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ޚިދުމަތް ކޮށްދިނުމަށް ކަމަށެވެ. "މިނިކުންނަނީ ﷲގެ އިރާދަފުޅާއެކު ރައްޔިތުންނަށް ޚިދުމަތް ކުރަން ޚާދިމެއްގެ ގޮތުގައި. ފަރެސްމާތޮޑާ ރައްޔިތުންގެ މުހުތާދުތައް އަޅުގަނޑަށް އެނގޭ. ރައްޔިތުން ބޭނުންވަނީ ކޮންކަމެއް ކަމެއްވެސް އެނގޭ. ކައުންސިލަށް ލާޒިމް ކޮށްފައިވާ ކަންކަމަކީ ކޮންމެ ބަޔަކު ކައުންސިލަށް ހޮވުނަސް ކުރަންޖެހޭ ކަންކަން. ދޭންޖެހޭ ޚިދުމަތް އެއީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ އަސާސީ ޚިދުމަތްތައް. އެކަންކަމުގެ އިތުރުން ރައްޔިތުން ބޭނުންވާ އެތައް ކަމެއް އެބަހުރި. އެކަންކަމަށް ވެސް އަޅުގަނޑު އިސްކަން ދޭނަން،" މާޖިދު ބުންޏެވެ. މާޖިދުއަކީ މީގެ ކުރިން ޓީޗަރެކެވެ. ފަހުން ފަރެސްމާތޮޑާ އިންޖީނުގޭގެ މެނޭޖަރެއްގެ ހައިސިއްޔަތުން ވަނީ މަސައްކަތްކޮށްފައެވެ. އެދުވަސްވަރަކީ އޭނާއަށް އެތައް ތަޖުރިބާއެއް ކުރަން ލިބުނު ފުރުސަތެކެވެ. ރައްޔިތުންގެ އުދާސްތަކެވެ. ދަތިކަމެވެ. މިހެންގޮސް އެތައް ކަމެކެވެ. "ފުރަތަމަ އަޅުގަނޑު މިއެދެނީ ރައްޔިތުންގެ ގާތުން ތިޔަ ބޭފުޅުންނަށް ޚިދުމަތް ކޮށްދިނުމުގެ ފުރުސަތު ދޭށޭ. އެ ދެއްވާ ފުރުސަތުގެ ބޭނުން ކޮށްގެން ރައްޔިތުން ބޭނުންވާ ކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޮށްދިނުމަށް މަސައްކަތް ކުރާނަމޭ. ރައްޔިތުން ކައުންސިލަށް ބަޔަކު ހޮވާފައި މިފޮނުވަނީ އެމީހުންނަށް ޚިދުމަތްކޮށްދިނުމަށް. އެންމެ އަސާސީ ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަން ވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ،" އޭނާ ބުންޏެވެ. ފަރެސްމާތޮޑާއަކީ މަސްވެރި ރަށެކެވެ. މަސްވެރީން ހިމެނޭ ގޮތަށް އެންމެހާ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ގާތުން މަސައްކަތް ކުރުމަކީ އޭނާގެ އަޒުމެކެވެ. އެއީ ނުގުޑާނޭ އަޒުމެއް ކަމަށް ބުންޏެވެ. "އިރާދަ ކުރެއްވިއްޔާ އެއްވެސް ރައްޔިތަކު ބާކީއެއް ނުވާނެ. އެންމެންވެސްވާނީ ހަމަހަމަ. ފަރެސްމާތޮޑާއަކީ އެކުވެރި އެއްބައެއްވަންތަ މީހުން ދިރިއުޅެމުންދާ ރަށެއް. ތަރައްގީއަށް އިންތިހާއަށް ބޭނުންވެފައިވާ ރަށެއް. ރައްޔިތުން ބޭނުންވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް އަވަސް ކުރަން. ނުފެށިހުރި މަސައްކަތްތައް އަވަހަށް ފަށަން. އިރާދަ ކުރެއްވިއްޔާ ސަރުކާރަށް އެއްބާރުލުން ދީގެން ފަރެސްމާތޮޑާގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމަކަށް އަޅުގަނޑުމެން މަގު ފަހިކޮށްދޭނަން،" ރައްޔިތުންނަށް ކަންކަން ކޮށްދެވޭނީ ރައްޔިތުންނާ ގުޅޭ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭ ބަޔަކަށް ކަމަށް އޭނާ ބުންޏެވެ. "އެއީ އަޅުގަނޑުމެން. ދެފުށްފެންނަ ގޮތަކަށް ނޫނީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަންކަން ނުކުރާނަން. ރައްޔިތުންގެ ޝަކުވާތައް އުފަލުން އަޑުއަހައި ހައްލުކޮށްދޭން މަސައްކަތް ކުރާނަން. ބޭނުންވަނީ އެންމެހާ ރައްޔިތުންގެ ވޯޓު،" މާޖިދު ބުންޏެވެ.

ގުޅުންހުރި ޚަބަރު