ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ޕެންޝަން އޮފީހުގެ ސީއީއޯ އިސްތިއުފާ ދެއްވައިފި
ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އއިބްރާހީމްް ސަމީރު4 ފެބްރުއަރީ 2026
ޕެންޝަން ފަންޑުގެ ފައިސާ ސަރުކާރުން އެދުނު ގޮތަށް ބޭނުންކުރުމަށް އެ އޮފީހުގެ ބޯޑުން ނިންމާފައިވަނިކޮށް، ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސުޖާތާ އިސްތިއުފާ ދެއްވިކަން މިހާރު ވަނީ އެ އޮފީހުގެ މުވައްޒަފުންނަށް ވެސް އަންގަވައިފައެވެ. އޭނާ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ 31 އޮކްޓޫބަރު 2022 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމުގައެވެ. މި މައްސަލަ ފެށުނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުންނެވެ. މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި، މީގެ ކުރިން ވެސް އެ އޮފީހުގެ އިސް ބައެއް ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެގޮތުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި، އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމްގެ އިތުރުން އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ މި މުއާމަލާތާ ގުޅިގެން އިސްތިއުފާ ދެއްވައިފައެވެ. މާލީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިގޮތަށް ފައިސާ ބޭނުންކުރުމަކީ ނުސީދާކޮށް ފައިސާ ޗާޕްކުރުމެވެ. އަދި މިކަމުގެ ސަބަބުން ޕެންޝަން ފަންޑަށާއި ގައުމުގެ އިގްތިސާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް، މި ހުރިހާ ކަންބޮޑުވުންތަކެއް ހުއްޓައި، ސަރުކާރުން ބޭނުންވި ގޮތަށް ފަންޑުގެ ފައިސާ ބޭނުންކުރުމަށް މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން މިދިޔަ ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ. ސުޖާތާ ހަލީމް މަގާމުން އިސްތިއުފާ ދެއްވީ މި ނިންމުމާ އެކު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ޕެންޝަން އޮފީހަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.  

ގުޅުންހުރި ޚަބަރު