ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބު ކުރުމާ ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
ޚަބަރު

ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބު ކުރުމާ ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

އއިބްރާހީމްް ސަމީރު13 ފެބްރުއަރީ 2026
ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ގައުމީ ބަރުލަމާނީ އިންތިޚާބު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ތާރިގު ރަހުމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެންޕީން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ތާރިގު ރަހުމާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި އިންތިޚާބުގެ ނަތީޖާއާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. ބަންގްލަދޭޝްގައި ބޭއްވި މި އިންތިޚާބަކީ އެ ގައުމުގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލަކަށްވާއިރު، ރާއްޖެއަކީ ބަންގްލަދޭޝްއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ޚާއްޞަކޮށް ސިއްހީ، ތައުލީމީ އަދި މަސައްކަތްތެރިންގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ބޮޑު އެއްބާރުލުމެއް އޮވެއެވެ.

ގުޅުންހުރި ޚަބަރު