ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކޮންމެ ވަގުތަކީވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ: ސާޖިދާ
ޚަބަރު

ކޮންމެ ވަގުތަކީވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ: ސާޖިދާ

މމުހައްމަދު އަލީ29 ސެޕްޓެމްބަރު 2024
‎ކޮންމެ ވަގުތެއްގައިވެސް ބަލިމީހާގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި "ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސް 2024" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ ބަލިމީހާގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ސިއްހީ ނިޒާމުގައި ހިމެނޭ ހުރިހާފަރާތްތަކެއްގެ ޝާމިލުވުން ބޭނުންވާކަމެއްކަމުގައެވެ. ‎މި ކޮންފަރެންސަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމުކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދިޔަ ކޮންފަރެންސެކެވެ. ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް މެޑަމް ސާޖިދާ އައްޑޫސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެކަމަނާ ވިދާޅުވީ ބަލިމީހާއަށް ފަރުވާ ދެވޭގޮތުންނާއި ދެވޭފަރުވާގެ ބާވަތުން ހަށިގަނޑަށް ބޮޑެތި ގެއްލުންވެދާނޭ ކަމަށެވެ. އޭގެ އިތުރުން ފުރާނައަށް ގެއްލުންވުމަކީ ބައެއް ފަހަރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ޚިދުމަތް ދިނުމުގައި ފަރުވާތެރިވެ މިފަދަ ކަންކަން މަދުކުރުމަށް ނުވަތަ ނައްތާލުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. އެކަމުގައި ޤައުމީ ފެންވަރުގައި ހުރިހާ ލެވެލެއްގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމައި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމާއި ބަލިމީހުންގެ ސަލާމަތަށްޓަކައި އާ އުޞޫލުތަކާއި އާ ވަޞީލަތްތައް ތަޢާރަފުކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ‎މި ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ޕޭޝަންޓް ސޭފްޓީ ސްޓްރެޓެޖިކް ޕްލޭން" އިފްތިތާޙް ކޮށްދެއްވާފައެވެ. މީގެއިތިރުން އެކަމަނާވަނީ ޕޭޝަންޓް ސޭފްޓީ ކޮމިޓީ އިފްތިތާޙްކޮށްދެއްވައި އެކޮމެޓީގެ މެންބަރުންނަށް ޕިން ހަވާލުކޮށްދެއްވާފައެވެ. މި ކޮންފަރެންސްގައި "އިމްޕްރޫވިންގ ޑައިގްނޯސިސް ފޯރ ޕޭޝަންޓް ސޭފްޓީ"ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއްވެސް ބާއްވާފައިވެއެވެ. ‎މި ކޮންފަރެންސްގެ ކުރިން އެކަމަނާ ވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަޢުރަޒު ބައްލަވައިލައްވާފައެވެ. އަދި އެކަމަނާ ވަނީ މަޢުރަޒުގައި ހުޅުވާފައިހުރި ސްޓޯލްތަކުން ލިބެންހުރި ޞިއްޙީ ދާއިރާގެ އެކިއެކި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ. އަދި ކޮންފަރެންސަށްފަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށްވެސް އެކަމަނާ ޒިޔާރަތްކުރެއްވިއެވެ. ‎މިއަހަރުގެ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ ބަލިމީހާގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ގޮތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުން، މިއެވެ. ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.  

ގުޅުންހުރި ޚަބަރު