ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސުވިޑަންގެ މަލްމޯގައި ހުންނަ އުއްމުލް މުއުމިނީން ޚަދީޖާ މިސްކިތް
ރިޕޯޓް

ސުވިޑަންގެ މަލްމޯގައި ހުންނަ އުއްމުލް މުއުމިނީން ޚަދީޖާ މިސްކިތް

ހިރި ނިއުސްހިރި ނިއުސް27 ފެބްރުއަރީ 2026
ސުވިޑަންގެ މަލްމޯގައި ބިނާކޮށްފައިވާ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ އަންހާގެ ނަންފުޅަށް ނިސްބަތްވާ މިސްކިތަކީ މުޅި ސްކެންޑިނޭވިއާ ސަރަޙައްދުގައި ހުރި އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތަކީ އެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމުންގެ ދީނީ އަދި އިޖުތިމާޢީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބިނާއެކެވެ. މި މިސްކިތް ރަސްމީކޮށް ހުޅުވާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިއީ ގަތަރުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއާޒް އާއި ސްކެންޑިނޭވިއާގެ ވަޤުފް ޖަމްޢިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި ބިނާގެ މަސައްކަތް ނިންމުމަށް ގަތަރު ސަރުކާރުން 3 މިލިއަން ޔޫރޯއަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވެއެވެ. 1،791 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ބިނާކޮށްފައިވާ މި މިސްކިތަކީ އެއްފަހަރާ 2،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް ތަނެކެވެ. މިސްކިތުގައި ހަމައެކަނި ނަމާދު ކުރާނެ ބައިގެ އިތުރުން، އިޖުތިމާޢީ އެކި ޙަރަކާތްތައް ބޭއްވުމަށް ޚާއްޞަ މާލަމްތަކާއި، ދީނީ ތަޢުލީމު އުނގަންނައިދޭ ކްލާސް ރޫމްތައް ވެސް ހިމެނެއެވެ. މިއީ ޒަމާނީ ފެންވަރަށް، ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާނެހެން ފަރުމާކޮށްފައިވާ ބިނާއެކެވެ. މި މިސްކިތަށް ނަން ދެވިފައިވަނީ ކީރިތި ރަސޫލާ ﷺ ގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުލް ކުބްރާ ރަޟިޔަﷲ އަންހާގެ ނަންފުޅަށް ނިސްބަތްކޮށެވެ. އެކަމަނާއަކީ އިސްލާމްދީނުގެ ކުރިމަގަށްޓަކައި އެކަމަނާގެ މުދަލާއި ނަފްސުން ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭކަނބަލެކެވެ. މަލްމޯގެ ރޯސެންގާޑް ސަރަޙައްދުގައި މި މިސްކިތް ހުރުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ އެކި ޤައުމުތަކުގެ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އާލާވުމަށް ލިބުނު ބޮޑު ބާރެކެވެ. މިސްކިތް ހުޅުވުނު ފަހުން، ރަމަޟާން މަހުގެ ޚާއްޞަ އިފްޠާރުތަކާއި، ދީނީ ދަރުސްތަކުގެ އިތުރުން، އެކި ދީންތަކުގެ މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންދެއެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ތަރުބަވީ ޙަރަކާތްތަކުގެ ސަބަބުން، ސުވިޑަންގެ މުޖުތަމަޢުގައި މުސްލިމުން ބައިވެރިވުން އިތުރުވެ، އިސްލާމީ ރީތި އުޞޫލުތައް ފެތުރުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ. އުއްމުލް މުއުމިނީން ޚަދީޖާ މިސްކިތަކީ ހަމައެކަނި އަޅުކަންކުރާ ތަނެއް ނޫނެވެ. އެއީ ސުވިޑަންގައި ދިރިއުޅޭ މުސްލިމުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި އިސްލާމީ ސަޤާފަތާއި ތަމައްދުނު ރަމްޒުކޮށްދޭ މުހިންމު އިސްލާމީ މަރުކަޒެކެވެ. -ކާފުނިއުސް

ގުޅުންހުރި ޚަބަރު