ދިވެހި|English 9 ޖުލައި 2026 · 04:08
Top banner
Advertisement
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-1
ރިޕޯޓް

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-1

އއަޙްމަދު ފަޔާޟު ޙަސަން28 ފެބްރުއަރީ 2026
މިހާރުގެ ހާލަތާއި ފަސްމަންޒަރު ފަލްސަވާވެރިންގެ ބަހުގައި އަޅުގަނޑުމެން އިންސާނުން މިހާރު ދިރިއުޅެމުން މިދަނީ ޕޯސްޓް މޮޑްނިސްޓް ދުވަސްވަރުއެވެ. އެހެން އިބާރާތަކުން ބަޔާންކުރާނަމަ މިއީ ދުނިޔެ ޒަމާނީވުމުގެ ނުވަތަ ޒަމާނީ ދުނިޔޭގެ ފަހުގެ ދައުރެވެ. މިއީ އިންސާނީ ތާރީޚުގައި އޭނާގެ ވިސްނުމާއި ފިކުރަށް އެންމެބޮޑެތި ބަދަލުތައް ގެނުވި ވަގުތެވެ. މިވިސްނުމުގައި ހައްގު ތެދަކީ ނޯންނަ އެއްޗެކެވެ. މިފިކުރުގައި އިންސާނުން މުހިންމުކަން ދޭންޖެހެނީ އޭނާގެ ތަޖުރިބާތަކަށާއި ސަގާފަތަށެވެ. މި ދުވަސްވަރުގެ ހަމައަކީ ތިމާއަށް ފެންނަ ގޮތް އެއީ ރަނގަޅު ނުވަތަ ތެދު ގޮތެވެ. އަޅުގަނޑުމެންގެ ވަށައިގެން ކަން ހިނގާގޮތުން މިހާލަތް ދެނެގަންނަން ފަސޭހަވެއެވެ. މިއަދު އިންސާނުންގެ މެދުގައި ފާހަގަކުރެވޭ އެންމެ ޚާއްޞަ ސިފައަކީ ކޮންމެކަމަކަށް ފާޑުކިޔާ ނުވަތަ ކޮންމެ ކަމަކަށް ފާޑުކިއުމުގެ ނަޒަރުން ބެލުމެވެ. އެހެންނޫނީ ކޮންމެކަމަކަށް ޝައްކާއި ވަހުމުގެ ނަޒަރުން ބެލުމެވެ. ޕޯސްޓް މޮޑްނިސްޓް ދައުރުގައި އިންސާނާގެ ފިކުރު ބަދަލުވުމަށް މެދުވެރިވި ކަންކަމުގެތެރޭގައި މީސް މީޑިއާއި އިންޓަނެޓާއި މުނިފޫހިފިލުވުން  ހިމެނެއެވެ. މި ދުވަސްވަރު އެންމެންގެ ފޯކަސްއަކީ އުފަލާއި މަޖަލެވެ. އާދެ، އެންޖޯއި ކުރުމަކީ އެންމެންގެ މަގުސަދެވެ. އިންސާނާގެ ވިސްނުމަށްއައި މިބޮޑު ބަދަލުގެ ނޭދެވޭ އަސަރާ މުސްލިމުންވެސް ކުރިމަތިލާންޖެހިފައިވެއެވެ. ޙައްސާސްކަންބޮޑު މިދަނޑިވަޅުގައި މޮޑްނިޒަމްގެ ކުރިއަށް ޖެހިލަންޖެހެއެވެ. ނުވަތަ ދުނިޔެ ޒަމާނީވުމުގެ ކުރިން އޮތް ހާލަތަށް ބަލާލަންޖެހެއެވެ. ޒަމާނީ ދައުރު އައުމުގެ ކުރިން (ޕްރީ މޮޑްނިސްޓް ޒަމާނުގައި) ދުނިޔޭގައި ބޮޑެތި ޙަޟާރަތާއި ޘަޤާފަތްތައް އޮތެވެ. އޭގެތެރޭގައި ހިންދުކަރައާއި ސީނު ކަރައާއި ފާރިސް ކަރައާއި ހުޅަނގުގެ ނުވަތަ ވިލާތާއި އެފްރިކާގެ ޙަޟާރަތްތައް ހިމެނެއެވެ. އެ ޙަޟާރަތްތަކުގައި އެމީހުން އިޙުތިރާމްކޮށް ގަދަރުކުރި ކަންކަން ހުއްޓެވެ. އެއީ ދުވަހަކުވެސް އެމީހުން މަލާމާތްކޮށް ހަޖޫޖަހައި މަޖަލަކަށްހަދާފައިނުވާ ކަންކަމެވެ. އެފަދަ ކަންކަމަކީ އެމީހުންގެ ޢިއްޒަތާއި ހައިބަތުގެ ރަމްޒުތަކެވެ. އޭގެތެރޭގައި ހުރުމަތްތެރިވި ދީނީ ފޮތްތަކާއި ޤައުމީ އަބުޠާލުންނާއި ޚާއްޞަ ބިނާތަކާއި ތާރީޚީ ވާހަކަތަކާއި އަސާސީ ޤާނޫނުތަކާއި އާދަކާދަތައް ހިމެނެއެވެ. އެކަމަކު މިޒަމާނުގައި ފާހަގަކުރެވޭ އެއްކަމަކީ ޒުވާނުންގެ ވިސްނުމާއި ފިކުރު އެއްކޮށް ބަދަލުވެފައިވުމެވެ. ނަތީޖާއެއްގެގޮތުން އެމީހުން އިހުތިރާމްކޮށް ކަމޭހިތާ އެއްވެސްކަމެއްނުވެޔޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. މައިންބަފައިންނަށް އިހުތިރާމެއްނުކުރެއެވެ. މަގުމަތީގެ އަދަބު ސަދަބެއްނެތެވެ. މުޖުތަމަޢުގެ އާންމު ހަމަތަކާއި އަސާސްތަކަށް ބެލުމެއްނެތެވެ. މިއީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ލޮލަލަށް ތަކުރާރުކޮށް ފެންނަ މަންޒަރެވެ. ފަހަރުގައި ގަބޫލުކުރަން ބޭނުންނުވިޔަސް މިއީ ހިނގަމުންމިދާ ޒަމާނުގެ ހަގީގަތެވެ. ހުރުމަތާއި ކަރާމަތަކީ އެމީހުންގެ ކުރިމަތީގައި ނުވާއެއްޗެއްފަދައެވެ. -ނުނިމޭ

ގުޅުންހުރި ޚަބަރު