ދިވެހި|English 9 ޖުލައި 2026 · 04:08
Top banner
Advertisement
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-5
ރިޕޯޓް

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން-5

އއަޙްމަދު ފަޔާޟު ޙަސަން4 މާރިޗު 2026
ﷲ، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުންގެގޮތުގައި އިޚުތިޔާރުކުރެއްވި އެންމެހައި ބޭކަލުންނަށް ޢިއްޒަތާއި މަތިވެރިކަން ދެއްވިއެވެ. އެހުރިހައި ބޭކަލުންނަށް ދުނިޔެއާއި އާޚިރަތުގައި މަގާމާއި ދަރަޖަ ދެއްވިއެވެ. އެކަމަކު އެހުރިހައި ބޭކަލުންނާއި ނުބައްދަލު މިންވަރަށް ﷲ، ރަސޫލު ﷲ ﷺ އަށް ޢިއްޒަތާއި ދަރަޖައާއި ޝަރަފްދެއްވިއެވެ. އޮޅިގެން މީސްތަކުންނަށް އެކަލޭގެފާނަށް އަޅުކަންކުރެވިދާނެ މިންވަރަށް ﷲ، ރަސޫލު ﷲ ﷺ އަށް ލޯތްބާއި މާތްކަން ދެއްވިއެވެ. އެހެންވެ ﷲ ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ﷺ ކަމުގައި އެންގެވިއެވެ. އެކަލޭގެފާނަކީ އިންސާނެއްކަމަށް ތަކުރާރުކޮށް ﷲ ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނަކީ ހަމައެކަނި ﷲ ގެ އެންމެފަހުގެ ރަސޫލާ ﷺ ކަމުގައި ވިދާޅުވުމަށް އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިކަމުގެ ޙިކުމަތަކީ އެކަލޭގެފާނަށް ތަބާވި މީހުން ޝިރުކުގެތެރެއަށް ވަނުމަށް ފުރުސަތުނުދެއްވުމެވެ. ، ރަސޫލު މާތްކުރައްވައި މަތިވެރިކުރެއްވުން މާތް ﷲ އެކަލާނގެ ރަސޫލާ ﷺ ސިފަކޮށްދެއްވާފައިވާ ގޮތާއި އެކަލޭގެފާނަށް ދެއްވާފައިވާ ޢިއްޒަތާއި މަތިވެރިކަން އިންސާނަކަށް ބަޔާންކޮށްދެވޭވަރަށްވުރެބޮޑެވެ. ކީރިތި ޤުރްއާނުގެ 400 އަށްވުރެ ގިނަ އާޔަތުގައި ﷲ، އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވާ މާތްކުރައްވާފައިވެއެވެ. އެކަލޭގެފާނަށް ތަބާވުމަށާއި ކިޔަމަންވުމަށް އަންގަވާފައިވާ އާޔަތްތައްވެސް އެހާގިނއެވެ. އަދި އިތުރަށް ކީރިތި ޤުރްއާނުގެ އެތައް ސަތޭކަ އާޔަތުގައި އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. ކީރިތި ޤުރްއާނުން ތިން ސޫރަތް ޚާއްޞަވެފައިވަނީ ރަސޫލުﷲ ﷺ ގެ މާތްކަމަށެވެ. އެއީ މުޙައްމަދު ސޫރަތާއި ފަތުޙު ސޫރަތާއި ޙުޖުރާތު ސޫރަތެވެ. މިސޫރަތްތަކުގެ އިތުރަށް ޟުޙާ ސޫރަތާއި އިންޝިރާޙު ސޫރަތާއި ކައުޘަރު ސޫރަތުން ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަންހުރިވަރު ބަޔާންކޮށްދެއެވެ. ﷲ، އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވައި ޢިއްޒަތްތެރިކުރައްވާފައިވާވަރާ ކައިރިއަށްވެސް އިންސާނަކަށް އެކަން ނުކުރެވޭނެއެވެ. އެކަމަކު މުސްލިމުންނަށް އޮތީ އެމަސައްކަތުގައި ފޫހިކަމެއްނެތި ދެމިތިބުމެވެ. އިންސާނުންގެ ކުރިމަތީގައި އެމީހުންނަށް އެންމެ ހިތްގައިމު އަދި އެންމެ މުހިންމު އެއް އަޑަކީ އޭނާގެ ނަމެވެ. އެހެންވެ ނަމުން މުޚާޠަބުކުރުމަކީ އާންމުކޮށް އެންމެންވެސް ކަންކުރާގޮތެވެ. އެކަމަކު ތިމާޔާ އެންމެ ގާތް އަދި ތިމާދެކެ އެންމެލޯބިވާ މީހުން ތިމާއާއި ވާހަކަދައްކާއިރު ތިމާގެ ނަން ބޭނުމެއްނުކުރެއެވެ. ނަމުގެ ބަދަލުގައި އެމީހުން ބޭނުންކުރަނީ ކޮންމެވެސް ލަގަބެކެވެ. މިސާލަކަށް މަންމަ ތިމާއަށް މުޚާޠަބުކުރާނީ ދަރިފުޅާ ނުވަތަ ދޫނި މިފަދަ ނަމަކުންނެވެ. ހަމައެގޮތަށް މަގާމުގައި ތިބޭ މީހުންނާއި ވާހަކަދައްކާއިރު އެމަގާމު އިސްކުރެވެއެވެ. އެއީ އިހުތިރާމްކޮށް ކަމޭހިތުމުގެގޮތުންނެވެ. ﷲ، އެއިލާހުގެ ނަބިއްޔުންނާއި މުޚާޠަބުކުރެއްވީ މުޅިންވެސް އެބޭކަލުންގެ ނަންފުޅުންނެވެ. އިބުރާހީމްގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. ޢީސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. މޫސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. -ނުނިމޭ

ގުޅުންހުރި ޚަބަރު