ދިވެހި|English 9 ޖުލައި 2026 · 04:10
Top banner
Advertisement
ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން- 15
ރިޕޯޓް

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން- 15

އއަޙްމަދު ފަޔާޟު ޙަސަން14 މާރިޗު 2026
ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވާފައިވަނީ އެފަދަ ދެވަނައެއްނުވާފަދަ މަތީ ދަރަޖައަކަށެވެ. އެގޮތުން މީހަކަށް އިސްލާމް ދީނަށް ވަދެވެނީ ރަސޫލުﷲ ﷺ ރަސޫލުކަން ގަބޫލުކޮށް އެކަލޭގެފާނަށް ތަބާވެގެންނެވެ. އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ވަކިނުކުރެވޭނެކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 151 އާޔަތުގައި ﷲ އަންގަވަނީ އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލުންނާދެމެދު ތަފާތުކުރާ މީހާއަކީ ކާފަރެއްކަމުގައެވެ. އެހެންކަމުން އިސްލާމް ދީނަށް ވަންނަ ކޮންމެ މީހަކު ރަސޫލުﷲ ﷺ އަށް ހުރިހާ މާނައެއްގައި ތަބާވެ އެކަލޭގެފާނަށް މާތްކޮށްހިތަންޖެހެއެވެ. އެހެންނޫނީ އެމީހާ ކުފުރުގެތެރެއަށް ގެއްލެނިކުރައްވައެވެ. ކީރިތި ޤުރްއާނުގައިވާ މިފަދަ އެތައް މިސާލަކުން ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވިވަރު އެނގިގެންދެއެވެ. ރަސޫލުﷲ ﷺ ގެ ސުއްނަތުގައި ހިފަންޖެހޭކަމަށް އަންގައިދެނީ ކީރިތި ޤުރްއާންއެވެ. އަދި އެނޫން އެހެން ނެރެޓިވްއެއް ނެތްކަމަށް ސާފުބަހުން އަންގަނީ ކީރިތި ޤުރްއާންއެވެ. ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތަށް ނަޒަރު ހިންގާލަމާތޯއެވެ؟ ﷲ އަމުރުކުރައްވަނީ ރަސޫލު ﷲ ﷺ ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ހިފުމަށެވެ. ހަމައެގޮތަށް ﷲ އަމުރުކުރައްވަނީ ރަސޫލުﷲ ﷺ މަނާކުރެއްވި ކޮންމެ ކަމަކުން އަޅުގަނޑުމެން ދުރުހެލިވުމަށެވެ. ﷲ ގެ އިންޒާރުގެ މިބަސްފުޅުން އެނގެނީ އެކަލޭގެފާނުގެ ސުއްނަތުގެ ދިފާއުގައިވަނީ ޚުދު ކީރިތި ޤުރްއާންކަމެވެ. މިކަމުންވެސް ލިބޭ ފިލާވަޅަކީ ރަސޫލުﷲ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ. އަދި އެކަމާ ސުވާލުކުރެވޭނެ އެއްވެސްގޮތެއްނެތްކަމެވެ.  އަޅުގަނޑުމެންނަށް ރަސޫލު ﷲ މުހިންމުވާ ސަބަބު ރަސޫލުﷲ ﷺ އަކީ ނަބީކަން ޚަތިމްކުރެއްވި އެންމެ ފަހުގެ ނަބީކަލޭގެފާނެވެ. އެހެންކަމުން ﷲ އެކަލޭގެފާނު ފޮނުއްވާފައިވަނީ މުޅިން ޢާލަމްތަކަށެވެ. ޢާލަމްތަކުގައިވާ އެންމެހައި މަޚުލޫޤުންނަށް އެކަލޭގެފާނަކީ ޤިޔާމަތަށް ދާދެން އެމީހުންގެ ރަސޫލާއެވެ. އެހެންވެ ރަސޫލުﷲ ﷺ ގެނެސްދެއްވި ރިސާލަތަކީ އެންމެފަހުގެ ރިސާލަތެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބިންގަލަކީ ﷲ ގެ ކަޅާމްފުޅު ކީރިތި ޤުރްއާންއެވެ. މިއީ ޤިޔާމަތަށްދާދެން ދެމިއޮންނާނެ މުޢުޖިޒާތެއްވެސްމެއެވެ. ނަތީޖާއަކީ ﷲ އަށް އީމާންވާ ކޮންމެ މީހަކަށް އެންމެ މުހިންމު ބޭކަލަކަށް ރަސޫލުﷲ ﷺ ވުމެވެ. އިސްލާމް ދީނަކީ ފަލްސަފާއެއްނޫނެވެ. ހަމައެގޮތަށް އިސްލާމް ދީނަކީ އަޅުކަމެއްވެސް ނޫނެވެ. އެކަމަކު ﷲ ބާވައިލެއްވި މިދީނަކީ ދިރިއުޅުމުގެ އުސޫލެކެވެ. އެހެންކަމުން އެކަމަކަށް އިސްލާމް ދީން ނުވަންނަ އެއްވެސް ކަމެއް މުސްލިމެއްގެ ދިރިއުޅުމުގައި ނުވެއެވެ. ކެއުމާއި ބުއިމާއި ނިދުމާއި އުނުފޭރާންލުމާއި ފާޚާނާކުރުމުގައިވެސް އަމަލުކުރަންޖެހޭ ސާފު ހަމަތަކެއް އިސްލާމް ދީނުގައިވެއެވެ. ތިމާގެ އަމިއްލަ ޒާތީ ހަޔާތާއި ތިގެ އިޖުތިމާޢީ ހަޔާތާއި ތިމާގެ ވަޒީފާގެ ހަޔާތުގެ ހުރިހާކަމެއް ބަހައްޓަންޖެހޭގޮތް ދީނުގައިވެއެވެ. އިސްލާމް ދީން ބިނާކުރެވިފައިވާ އިރުޝާދު ފޮތް ނުވަތަ އިންސްޓްރަކްޝަން މެނުއަލްއަކީ ކީރިތި ޤުރްއާނާއި ރަސޫލުﷲ ﷺ ގެ ސުއްނަތެވެ. މިދެންނެވި މެނުއަލް މުސްލިމުންނަށް ބަޔާންކޮށްދެއްވައި އުނގަންނައިދެއްވި އިމާމަކީ ރަސޫލުﷲ ﷺ އެވެ. އެހެންކަމުން މުސްލިމުންނަށް އެކަލޭގެފާނުގެ މުހިންމުކަން ކުޑަވާނެ އެއްވެސް ގޮތެއްނެތެވެ. -ނުނިމޭ

ގުޅުންހުރި ޚަބަރު