ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް
ޚަބަރު

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ސައުވީސް ގަޑިއިރަށް

އއަހުމަދު މުހައްމަދު1 އޮކްޓޯބަރު 2024
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. މި ބަދަލު ގެނެސްފައިވަނީ ރޭ ބާރައިން ފެށިގެންނެވެ. މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމެކެވެ. މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެކުންފުނީން ވަނީ ހޮޓްލައިން، 1545 ވެސް ތަޢާރަފުކޮށްފައެވެ. ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ "ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު ބޮޅެއް. އިރާދަކުރެއްވިއްޔާ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް،" ކަމަށެވެ.

ގުޅުންހުރި ޚަބަރު