ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ލޯންޗު ބަންޑުންޖަހާލި ހާދިސާ: އެކެއްގެ އަތްވަނީ ބުރިވެފައި: ފުލުހުން
ޚަބަރު

ލޯންޗު ބަންޑުންޖަހާލި ހާދިސާ: އެކެއްގެ އަތްވަނީ ބުރިވެފައި: ފުލުހުން

ޟޟަމްރަތު އަހްމަދު21 މާރިޗު 2026
ވ. ފެލިދޫ ކައިރީގައި 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އަނިޔާވި މީހުންނަށް އެންމެފުރަތަމަ ފަރުވާދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އެކެއްގެ އަތެއް ވަނީ ބުރިވެފައެވެ. އަތްބުރިވެ ސީރިއަސް އަނިޔާތަކެއް އޭނާއަށް ވަނީ ލިބިފައެވެ. އެއީ އިންޑިއާގެ ފިރިހެނެކެވެ. އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އިންޑިއާއަށް ފުރައިފައެވެ. ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ 2026 މާރިޗު 20 ވަނަ ދުވަހު ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެކެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުން ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު