ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދެ އިންތިޚާބު އެއްކޮށްލުމަކީ އަޅުގަނޑު ތާއީދު ކުރާކަމެއްނޫން: ރައީސް ޔާމީން
ޚަބަރު

ދެ އިންތިޚާބު އެއްކޮށްލުމަކީ އަޅުގަނޑު ތާއީދު ކުރާކަމެއްނޫން: ރައީސް ޔާމީން

ޟޟަމްރަތު އަހްމަދު27 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުން  ނުވަތަ އެއްދުވަހަކު ބޭއްވުމަށް އެއްގޮތަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި ޕީއެންއެފްއިން ރޭ ބޭއްވި "ޗާގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "ދެއިންތިޚާބު އެއްކޮށްލުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ތާއީދު ކުރާކަމެއްނޫން،" ކަމަށެވެ. ދެއިންތިޚާބު އެއްކޮށްލުމުން ގާނޫނީ މައްސަލަތަކެއް ނިކުންނާނޭ ކަމަށާއި، އެ ހާލަތުގައި މުޅި ގާނޫނުއަސާސީއާއި ގައުމުގެ މަސްލަހަތު ދަމަހައްޓާދޭނޭ އެއްވެސް ފަރާތެއްނެތި ގައުމުގެ މުޅި ނިޒާމު އޭގެ ގާނޫނީ ހުސްކަމެއްގެ ތެރެއަށްދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އެއްކޮށްލައި (ދެއިންތިޚާބު އެއްކޮށްލާފައި) ދައުރު އެކީ ފެށޭ އަދި ނިމޭ، ގޮތަށް ހަދައިފި ކަމަށް ވަންޏާ ކަމެއް ދިމާވާހިނދު ޖަވާބުދާރީ ކުރުވާނޭ ނޫނީ ބަހެއް އަހާލާނޭ ބަޔަކު،" ނުތިބޭނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޖުޑީޝަރީއަކީ ގައުމުގައި މިކަހަލަ ކަމެއް ހިނގައިދިޔާމައި އިދާރީގޮތުން ކަންކުރާނޭގޮތް ބުނެދެވޭނޭ ތަނެއްނޫން ކަމަށެވެ. "ޖުޑިޝަރީގައި (އަދި މިހާރު ރައީސް ރަޝީދު އެމީހުންގެ ފިޔަކޮށާލާފައި އޮތްވަރުން) އެމީހުންނަށް ހުށަހެޅޭ މައްސަލައަކަށް ނޫނިއްޔާ އެމީހުންނަށް ހުކުމެއްވެސް ނެރެވޭ ބައެއްނޫން. ކުރީގައި ވިއްޔާ ވިރާސީ ބާރުތަކެއް އޮވެގެން އެކިކަންތައްތަކަށް އަމިއްލައަށް އިސްނަގައިގެން އެމީހުންކުރޭ. އެކުރާކަންތައްތަކުގައި ބޮޑެތި ގޯސްތައް ވެސް ހަދާފައި އެބަހުރި ރަނގަޅުކަތައްވެސް ކޮށްފައި އެބަހުރި،" ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ  އެއްވެސް ބަޔަކަށް ސީދާ ބާރުދީފި ކަމަށްވާނަމަ އެބާރެއް އެދަނީ ކޮރަޕްޓްވަމުން ކަމަށެވެ. "އެހެންވީމާ ދެއިންތިޚާބު އެއްކޮށްލައިގެން ދެ ބައިމީހުންގެ ދައުރު އެކީފެށިފައި އެކީ ހުސްވާގޮތަށް އޮތުމަކީ ގައުމަށް ދިމާވާ ބޮޑު ނުރައްކަލެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު