ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އިންސާނާ ބަދަލުވޭ!
ރިޕޯޓް

އިންސާނާ ބަދަލުވޭ!

ޙޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ9 އޭޕްރީލް 2026
ޢަބްދުލްމަލިކު އިބުނު މަރުވާނަކީ އުމަވީ ޚާންދާނުގެ ފަަސްވަނަ ޚަލީފާއެވެ. ޚަލީފައަކަށްވެ ވަޑައިގަތުމުގެ ކުރިން، އޭނާ ބެލެވުނީ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރެއިން އެއް ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ގިނަ ވަގުތު ހޭދަކުރެއްވީ މިސްކިތްކޮޅުގައެވެ. އަޅުކަންކުރެއްވުމާއި، ދީނީ ޢިލްމު ދަސްފުޅު ކުރެއްވުމުގައި ގިނަ ވަގުތު ހޭދަކުރެއްވެވިއެވެ. މީސްތަކުން އޭނާއަށް މުޚާޠަބު ކުރައްވަނީ "ހައްމާމަތުލް މަސްޖިދު" ނުވަތަ މިސްކިތު ދޫނީގެ ނަންފުޅުންނެވެ. ހިޖުރައިން 65 ވަނަ އަހަރު، އޭނާގެ ބައްޕާފުޅު މަރުވާން ބިން އަލް ޙަކަމް އަވަހާރަވީއިރު، އޭނާ އިންނެވީ މިސްކިތްކޮޅުގައި ޤުރުއާން ކިޔަވައި ވިދާޅުވާށެވެ. އެވަގުތު ގަނޑުވަރުން މީހަކު އައިސް ދެންނެވިއެވެ. "މިއަދުން ފެށިގެން ތިޔައީ މުއުމިނުންގެ އަމީރެވެ." މި އަޑު އިވިވަޑައިގަތުމުން އޭނާ ކީރިތި ޤުރުއާން ލައްޕަވާލައްވާފައި، އެއްފަރާތެއްގައި ބާއްވަވާފައި ވިދާޅުވިއެވެ."މިއީ އަހުރެންނާއި، ތިބާގެ ވަކިވުމެވެ." ޚިލާފަތުގެ ތަޚުތަށް އިސްވެ ވަޑައިގަތުމަށްފަހު، ޢަބުދުލް މަލިކު އިބުނު މަރުވާންގެ ދިރިއުޅުއްވުން މުޅިން ބަދަލުވެގެން ދިޔައެވެ. އެހިސާބުން، އޭނާ ދުނިޔަވީ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރައްވަން ފެއްޓެވިއެވެ. އޭނާގެ ވެރިކަމުގައި ޙައްޖާޖު ބިން ޔޫސުފް ފަދަ ހަރުކަށި ގަވަރުނަރެއް އައްޔަން ކުރައްވައި، ރައްޔިތުންނަށް އަނިޔާ ކުރެއްވިއެވެ. ޢަބްދު الله ބިން ޒުބައިރު، މުސްޢަބު ބިން ޒުބައިރު، ފަދަ އެތައް ބަޔަކު ޝަހީދުކޮށްލެއްވިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތައް ފިއްތާލެއްވުމަށްޓަކައި، ކަޢުބަތު الله ގެފުޅަށްވެސް ބޮޑުބަޑިން ޙަމަލާދެއްވިއެވެ. އެއްދުވަހަކު، ޢަބްދުލް މަލިކު އިބުނު މަރުވާން، ސަޢީދު ބިން މުޞައްޔިބަށް ވިދާޅުވިއެވެ. "އަހުރެންގެ ޙާލަތު ބަދަލުވެފައިވާ މިންވަރަކީ، ހެޔޮކަމެއް ކުރާ ހިނދު، ހިތަކަށް އެއްވެސް އުފަލެއް އިޙުސާސް ނުކުރެވެއެވެ. އަދި އަހުރެން ނުބައި ކަމެއް ކުރާ ހިނދު ދެރައެއްވެސް ނުވެއެވެ." ސަޢީދު ބިން މުޞައްޔިބު ޖަވާބުގައި ދެންނެވިއެވެ. "އޭގެ މާނައަކީ ތިބާގެ ހިތް ވަނީ މަރުވެފައެވެ." މިއީ ހަމައެކަނި ބޭރުފުށުން ދީންވެރި، އަދި ހިތުން ދީން ބަލައި ނުގަންނަ ކޮންމެ މީހެއްގެ ޙާލަތެވެ. އެފަދަ މީހަކަށް އިމްތިޙާނެއް ނުވަތަ ބާރެއް ލިބުމުން އޭނާގެ އަސްލު މޫނު ހާމަވެގެންދެއެވެ. މީހަކު ވަރަށް ތަޤުވާވެރި ކަމަށް ފެނިދާނެއެވެ. އެކަމަކު، އޭނާއަށް ވެރިކަމުގެ ބާރުތައް ލިބުނުހާ އަވަހަކަށް އޭނާގެ ތަޤުވާވެރިކަން ފިލައިގެންދެއެވެ. މީހަކު މަތިވެރި ކަމަށް ފެނިދާނެއެވެ. އެކަމަކު، ދެބަސްވުމެއް އުފެދުނުހާ އަވަހަކަށް، އޭނާ އަނިޔާވެރިކަމުގެ ތެރެއަށް އެނބުރި އައުދެއެވެ. މީހަކު ތަވާޟުޢުވެރި ކަމަށް ފެނިދާނެއެވެ. އެކަމަކު، މުދާވެރިކަން ލިބުނުހާ އަވަހަކަށް އޭނާ ބޮޑާ، ކިބުރުވެރި މީހަކަށް ވެދެއެވެ. އަދި، މީހަކު އިންސާފުގެ ވާހަކަ ދެއްކި ކަމުގައިވީ ނަމަވެސް، ބާރެއް ދިނުމުން އަމިއްލަ މަސްލަޙަތަށް އޭނާ އަބަދުވެސް އިސްކަންދެއެވެ. އަސްލު ޙަޤީޤީ މީހުންނަކީ ހުރިހާ ޙާލަތެއްގައިވެސް އެއްގޮތެއްގައި ދެމިތިބޭ މީހުންނެވެ. މަސްދަރު: ތާރީޚުގެ ފިލާވަޅުތައް: މައުލާނާ ވަޙީދުއްދީން ޚާން

ގުޅުންހުރި ޚަބަރު