ދިވެހި|English 9 ޖުލައި 2026 · 04:28
Top banner
Advertisement
ރަނގަޅު ފުލުހެއްގެ ގޮތުގައި ޚިދުމަތް ކުރާތަން ދެކެން ބޭނުން: ސީޕީ
ޚަބަރު

ރަނގަޅު ފުލުހެއްގެ ގޮތުގައި ޚިދުމަތް ކުރާތަން ދެކެން ބޭނުން: ސީޕީ

މމުހައްމަދު އަލީ25 އޭޕްރީލް 2026
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އަށް މިއަދު ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ އެ ކޮލެޖުގައި މިހާރު ކުރިއަށްދާ ޕޮލިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ތަމްރީނުގެ މަރުހަލާއަކީ އެންމެ މުހިންމު މަރުހަލާކަމަށެވެ. އެ މަރުހަލާއަކީ ގާބިލު، ޕްރޮފެޝަނަލް އަދި އަޚްލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ ކަމުގައި ވެސް ވިދާޅުވިއެވެ. "ތަމްރީނު މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެއް. ތަމްރީނު ފުރިހަމަކޮށް ޢަމަލީ މައިދާނަށް މާދަމާ ނުކުމެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ، އަދި މުއައްސަސާ އެދޭފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވެ،" ސީޕީ ވިދާޅުވިއެވެ. އޭގެ އިތުރުން، އިންސްޓްރަކްޓަރުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވެ، ޤަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކޮމިޝަނަރ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އިތުބާރާއި ޒިންމާދާރުކަމާ އެކު އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވެ، ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތްކޮށް، މުޖުތަމަޢުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް ވެސް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ. މި ޒިޔާރަތުގައި ކޮމިޝަނަރ ވަނީ ކޮލެޖުގެ ސީނިއަރ މެނޭޖްމަންޓާ ވެސް  ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައިވަނީ މިހާރު ކުރިއަށްދާ މަސައްކަތްތައް މުރާޖައާކުރައްވައި، ތަމްރީނާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަކުރުމާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު