ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މިސައިލް މޭން އޮފް އިންޑިއާ: ޑރ. ޢަބްދުލް ކަލާމް
ރިޕޯޓް

މިސައިލް މޭން އޮފް އިންޑިއާ: ޑރ. ޢަބްދުލް ކަލާމް

ޢޢަބްދުﷲ ސަޢީދު28 އޭޕްރީލް 2026
ޑރ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމަކީ އިންޑިއާގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ. ވަރަށް އާދައިގެ މުސްލިމު ޢާއިލާއަކަށް އުފަންވެވަޑައިގެންނެވި ޢަބްދުލް ކަލާމަކީ ކުޑައިރު ނޫސްވިއްކަން އުޅުނު ކުއްޖެކެވެ. ފަހުން އެއީ ވަރަށް މޮޅު ސައިންސްވެރިއެކެވެ. އިންޑިއާގެ 11 ވަނަ ރައީސެވެ. އިންޑިއާގެ ދިފާޢީ އަދި ފަޒާގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުން އެމަނިކުފާނު މަޝްހޫރުވެފައިވަނީ "މިސައިލް މޭން އޮފް އިންޑިއާ" ގެ ނަމުންނެވެ. ޑރ. ޢަބްދުލް ކަލާމުގެ ޙަޔާތްޕުޅު ޑރ. ކަލާމް އުފަންވެވަޑައިގަތީ 15 އޮކްޓޯބަރު 1931 ގައި އިންޑިއާގެ ތަމަޅަނާޑޫގެ ރާމޭޝްވަރަމްގައެވެ. ކުޑައިރު ކިޔެވުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ނޫސް ވިއްކުމުގެ މަސައްކަތް ކުރެއްވި ޑރ. ކަލާމް ތަޢުލީމީ ގޮތުން ވެވަޑައިގަތީ އެއިރޯސްޕޭސް އިންޖިނިއަރަކަށެވެ. އޭގެ ފަހުން އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނާއި ފަޒާގެ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގައި 40 އަހަރަށްވުރެ ގިނަ ދުވަހު ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އިންޑިއާގެ ސްޕޭސް ކާމިޔާބީގައި ކަލާމުގެ ދައުރު އިންޑިއާގެ ފަޒާގެ ދާއިރާ މިއަދު ދެކެމުންދާ ކާމިޔާބީގެ ބިންގަލަކީ ޑރ. ކަލާމްގެ ބުރަ މަސައްކަތެވެ. މީގެ ތެރޭގައި ވަރަށް މުހިންމު ދެ ޕްރޮޖެކްޓެއް ފާހަގަކުރެވެއެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން އެއް ޕްރޮޖެކްޓަކީ ޕްރޮޖެކްޓް އެސްއެލްވީ-3 އެވެ. އިންޑިއާގެ ފުރަތަމަ ސެޓެލައިޓް ލޯންޗް ވެހިކަލް (SLV-III) އުފެއްދުމުގެ ޕްރޮޖެކްޓް ޑައިރެކްޓަރަކީ ޑރ. ކަލާމެވެ. މީގެ ސަބަބުން 1980 ވަނަ އަހަރު "ރޯހިނީ" ސެޓެލައިޓް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވާލިއެވެ. މިއީ އިންޑިއާއިން ފަޒާގެ ދާއިރާގެ ބާރުގަދަ ޤައުމުތަކުގެ ސަފުގައި އެޅި ފުރަތަމަ ފިޔަވަޅެވެ. ދެވަނަ ޕްރޮޖެކްޓަރަކީ މިސައިލް ޓެކްނޮލޮޖީ ޕްރޮގްރާމެވެ. އިންޑިއާގެ އަމިއްލަ މިސައިލްތައް ކަމަށްވާ 'އަގްނީ' އާއި 'ޕްރިތުވީ' އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް ޑރ. ޢަބްދުލް ކަލާމެވެ. އިންޑިއާގެ ސްޕޭސް ދާއިރާގެ ކުރިއެރުން އިންޑިއާއިން ފަޒާގެ ދާއިރާގައި ކުރިއެރުންތައް ހޯދަމުން ދަނީ ޑރ. ކަލާމް ދެއްކެވި މަގުން ހިނގައިގެންނެވެ. މިގޮތުން އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ވަނީ ދުނިޔެ ހައިރާންކޮށްލާފަދަ ކާމިޔާބީތައް ހޯދާފައެވެ. މީގެތެރެއިން އެއް މަޝްރޫޢަކީ މަންގަލްޔާން ކިޔާ އުޅަދެއް މާސްގެ އޯބިޓަށް ފޮނުވުމެވެ. މިއީ މާސްގެ އޯބިޓަށް ފޮނުވި ފުރަތަމަ އުޅަނދެވެ. މިފަދަ އަނެއް މަޝްރޫޢަކީ ޗަންދުރަޔާން އެވެ. މިއީ ދެކުނު ތަނޑިއަށް ފޮނުވި ފުރަތަމަ އުޅަނދެވެ. ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގެ ފަޒާގެ މިޝަންތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ޚަރަދަކުން ކުރިއަށްގެންދާ، ނަތީޖާ ރަނގަޅު މަސައްކަތްތަކެކެވެ. ޑރ. ޢަބްދުލް ކަލާމް އަވަހާރަވީ 27 ޖުލައި 2015 ގައެވެ. އެމަނިކުފާނަކީ ހަމައެކަނި ސައިންޓިސްޓެއް ނޫނެވެ. އެއީ ޒުވާނުންނަށް ހުވަފެން ދެކުމަށާއި، އެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ހިތްވަރު ދެއްވި މުދައްރިސެކެވެ. އިންޑިއާގެ ސްޕޭސް ދާއިރާގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި އިރުޝާދު ހިމެނެއެވެ.  

ގުޅުންހުރި ޚަބަރު