ދިވެހި|English 9 ޖުލައި 2026 · 03:56
Top banner
Advertisement
ޢުމަރުވީރު ދަރިކޮޅު
ރިޕޯޓް

ޢުމަރުވީރު ދަރިކޮޅު

ޢޢަބްދުﷲ ސަޢީދު3 މޭ 2026
ޢުމަރުވީރު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ދެވަނައަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ ތީމުގޭ ދަރިކޮޅުންނެވެ. ޢުމަރުވީރު ދަރިކޮޅަކީ ބަންގާޅުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީގެ ދަރިކަލުން އައްސުލްޠާން ޢުމަރުވީރު ރަދުންނާ ހަމައިން ފެށިފައިވާ ރަސް ދަރިކޮޅެކެވެ. މި ރަދުންނަކީ ޞަލާޙުއްދީން ޞާލިޙުލް ބަންޖާލީ، ތީމުގެ ދަރިކޮޅުން ރަސްކަން ކުރެއްވި އައްސުލްޠާން ޔޫސުފް ކަލަމިންޖާ (އެއްވަނަ) ގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެންވި ބޭފުޅެކެވެ. އެހެންކަމުން މިއީ ދިވެހިރާއްޖޭގައި ރަސްކަން ކުރި ބަންގާޅު (މިހާރުގެ ބަންގްލަދޭޝް) އަށް ނިސްބަތްވާ ދަރިކޮޅެކެވެ. މި ދަރިކޮޅުގެ ބާނީއަކީ އައްސުލްޠާން ޢަބްލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހާރަދުންނެވެ. ޢުމަރުވީރު ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ ސީދާ މި ދަރިކޮޅުގެ ފަސް ބޭފުޅުންނާއި މި ދަރިކޮޅުން ރަނިކަން ކުރެއްވި އަންހެން ބޭފުޅުންގެ ފިރިފިރިކަލުންގެ ތެރެއިން އެ ބޭފުޅުންގެ އަތްޕުޅުމައްޗަށް ރަސްކަމުގެ ބާރުތައް ނެންގެވި ބޭފުޅުންނާއެކު ނުވަ ބޭފުޅުންނެވެ. މި ނުވަ ބޭފުޅުންގެ އިތުރުން ބައެއް މުއައްރިހުން ފެހެންދޫ އުޘްމާން ރަސްގެފާނު ވެސް ހިމަނުއްވާފައި ވަނީ މި ދަރިކޮޅުގައެވެ. އެކަމަކު މިއީ ޢާއިލީގޮތުން މި ދަރިކޮޅާ އެއްވެސް ގުޅުމެއް ހުރި ބޭފުޅެއް ނޫނެވެ. ނަމަވެސް މިއީ ޢުމަރުވީރު ދަރިކޮޅުން ރަނިކަން ކުރެއްވި އައްސުލްޠާނާ ފާތިމަތު ރާދަފަތި ކިލެގެ އާއި އެ ކަމަނާގެ ދަރިކަނބަލުން އައްސުލްޠާނާ ދާއިން ކަނބައިދި ކިލެގެގެ ރަނިކަމުގެ ދުވަސްވަރުގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ޢުމަރުވީރު ދަރިކޮޅުން އެންމެ ފާހަގަކުރެވޭ ދުވަސްވަރަކީ މި ދަރިކޮޅުން ރަސްކަން ކުރެއްވި ރެހެންދި ޚަޖީދާގެ ރަނިކަމުގެ ދުވަސްވަރެވެ. މަޣުރިބުކަރަ (މިހާރުގެ މޮރޮކޯ) ގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާ ދިވެހިރާއްޖެއަށް ދެފަހަރުމަތިން ވަޑައިގެންނެވި އިރު ވެސް ރަނިކަމުގައި އިންނެވީ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެއެވެ. ޢުމަރުވީރު ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ:- 1. އައްސުލްޠާން ޢަބްލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު 2. އައްސުލްޠާން އަޙްމަދު ޝިހާބުއްދީން 3. އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ 4. އައްސުލްޠާން މުޙައްމަދު ޖަމީލު (މިއީ ރެހެންދި ޚަދީޖާގެ ފިރިކަލެއް . މިއީ ޔަމަން ކަރައިގެ ބޭކަލެއް) 5. އައްސުލްޠާން ޢަބްދުﷲ (އެއްވަނަ) (މިއީ ރެހެންދި ޚަދީޖާގެ ދެވަނަ ފިރިކަލުން. މިއީ ވެސް ޔަމަން ކަރައިގެ ބޭކަލެއް) 6. އައްސުލްޠާނާ ފާތިމަތު ރާދަފަތި ކަނބައިދި ކިލެގެ 7. އައްސުލްޠާން އަލްފަޤީޙް މުޙައްމަދުލް މާކުރަތީ (މިއީ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ބޭފުޅެއް. އަދި ރާދަފަތި ކިލެގެ ގެ ފިރިކަލެއް) 8. އައްސުލްޠާނާ ދާއިން ކަނބައިދި ކިލެގެ 9. އައްސުލްޠާން ޢަބްދުﷲ (ދެވަނަ) (މިއީ ދާއިންކަނބާގެ ގެ ފިރިކަލެއް) 10. އައްސުލްޠާން އުޘްމާން ފެހެންދުވީ (މިއީ މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ބޭކަލެއް) ޢުމަރުވީރު ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި ފެށުނީ ހިލާލީ ދަރިކޮޅުގެ ރަސްކަމެވެ. ފޮޓޯ: ރެހެންދި ޚަދީޖާއާ ބެހޭގޮތުން އަޙްމަދު މުޙައްމަދު ދީދީ (އަހަންމާ)، ސިނާރު (އޭއައި) ބޭނުންކުރައްވައިގެން ހައްދަވާފައިވާ ޑޮކިޔުމެންޓްރީގެ މަންޒަރެއް.

ގުޅުންހުރި ޚަބަރު