މުޢާވިޔަތު ބިން ޔަޒީދަކީ، ޔަޒީދު ބިން މުޢާވިޔާގެ ޞާލިޙު ދަރިކަލުންނެވެ. އެއީ އުމަވީ ޚާންދާނުގެ ތިންވަނަ ޚަލީފާއެވެ. މުޢާވިޔަތު ބިން ޔަޒީދަކީ، އޭނާގެ ބައްޕައާއި މުޅިން ތަފާތު ޝަޚުޞިއްޔަތެކެވެ.
ހިޖުރައިން 64 ވަނަ އަހަރު ޔަޒީދު ބިން މުޢާވިޔާ މަރުވުމަށްފަހު، އޭނާގެ ދަރިކަލުން މުޢާވިޔަތު ބިން ޔަޒީދު ޚަލީފާއަކަށް އިސްކުރެވުނެވެ. އޭނާގެ ކުރު ޚިލާފަތުގައި ތާރީޚުގައި އެފަދަ މިސާލެއް ހޯދަން އުނދަގޫ އަދި ހިތްވަރުގަދަ ނިންމެވުމެއް ނިންމެވިއެވެ.
އެދުވަސްވަރު އުމަވީ ޚިލާފަތުން ދިޔައީ ތިން ބައްރެއްގެ މައްޗަށް ވެރިކަން ކުރަމުންނެވެ. އާރާއި، ބާރާއި، ޝުހުރަތާއި، މުއްސަނދިކަމާއި، ލަޝްކަރުތަކާއި، ހުރިހާ ފަސޭހަތަކެއް ވަނީ އޭނާގެ ފައިތިލަފުޅުގެ ދަށުގައެވެ. ދުޝްމަނުންގެ ބާރު ވަނީ ދަށްވެފައެވެ. އުމަވީ ދައުލަތަކީ އެވަގުތު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އަމްބަރާޠޫރިއްޔަތެވެ. ފެންނަ ފެނުމުގައި ދުނިޔޭގައި ލެއްވި ހުރިހާ ނިޢުމަތެއް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.
މުޢާވިޔަތު ބިން ޔަޒީދު، ޚަލީފާކަން ކުރެއްވީ މަދު ހަފްތާތަކެއް ނުވަތަ މަސްތަކެއް ވަންދެންނެވެ. ބައެއް ރިވާޔަތްތަކަށް ބަލާއިރު، މުޢާވިޔަތު ބިން ޔަޒީދުގެ ޚިލާފަތުގެ މުއްދަތަކީ 40 ދުވަހެވެ. އޭނާގެ ބައްޕަ ޔަޒީދުގެ އަނިޔާވެރި ޢަމަލުތަކާއި، ވަކިން ޚާއްޞަކޮށް ކަރުބަލާގެ ހިތާމަވެރި ހާދިސާއާއި، މަދީނާއަށް ޙަމަލާދިނުމުގެ ޙާދިސާއާއި، އޭނާގެ ސިފައިން މައްކާގައި ހިންގި ބޮޑެތި ޖަރީމާތައް އޭނާއަށް އެނގިވަޑައިގަތުމުން އޭނާގެ ޟަމީރު އެކަންކަން ޤަބޫލުކުރައްވަން ދެކޮޅު ހެއްދެވިއެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ނަފުސާނީގޮތުން އަނިޔާ ލިބިވަޑައިގެންނެވިއެވެ.
އެހެންވެ އެއްދުވަހަކު، ދިމިޝްޤުގެ ބޮޑު މިސްކިތަށް އުމަވީ ދައުލަތުގެ ވެރިންނާއި، ރައްޔިތުން އެއްކުރައްވައި، މިންބަރުކޮޅަށް އަރާވަޑައިގެން ތާރީޚީ ޚުޠުބާއެއް ދެއްވިއެވެ. މިސްކިތަށް އެއްވެފައިވާ މީހުންގެ ކުރިމަތީގައި ބައްޕަ ޔަޒީދާއި، ކާފާފުޅު އަމީރު މުޢާވިޔަތު رضي الله عنه ގެ ނިންމެވުންތަކާމެދު ހިތާމަފުޅުކުރައްވައި، އޭނާގެ މަޢުސޫމްކަން ފާޅުކުރައްވައި ސާފު ބަސްފުޅުތަކުން ވިދާޅުވިއެވެ. "އިސްލާމީ ޚިލާފަތަކީ އަހުރެންގެ ޙައްޤެއް ނޫނެވެ. އެއީ، ރަސޫލު الله صلي الله عليه وسلّم ގެ އަހުލުބައިތުންގެ ޙައްޤެކެވެ. އަޑުއަހާށެވެ! އަނިޔާވެރިކަމުގެ ބިންގަލުގެ މަތީގައި ޤާއިމުކޮށްފައިވާ ތަޚުތާއި، އަދި އެ ބާރެއްގެ ދަށުގައި ރަސޫލާ صلى الله عليه وسلم ގެ އާލުންގެ ލޭފޮދު އޮހޮރުވާފައިވާ ބާރަށް އަހުރެން ލަޢުނަތް ދެމެވެ. މިދައުލަތަކީ ތިޔަބޭފުޅުންގެ ދައުލަތެވެ. ބޭނުން މީހަކަށް ދެއްވާށެވެ. އެފަދަ ބާރެއް އަހުރެން ބޭނުމެއް ނޫނެވެ."
އަދި ޔަޒީދު ބިން މުޢާވިޔާގެ އަނިޔާވެރި ޢަމަލުތައް، ފާޅުގައި ކުށްވެރިކުރައްވައި، އެ ފާފަތަކުގެ ބުރަ އޭނާއަށް ނުއުފުއްލެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޚުޠުބާ ނިންމަވާ ލައްވަމުން ޚިލާފަތުން އިސްތިޢުފާ ދެއްވިކަން އިޢުލާން ކުރައްވައި، އެކަހެރިވެ ވަޑައިގެން ގެކޮޅުގައި ހުންނެވިއެވެ. ޔަޒީދުގެ އަމިއްލަ ދަރިކަލުން އޭނާގެ ބައްޕަގެ އަނިޔާވެރި ޢަމަލުތަކަށް ލަޢުނަތް ދެއްވުން ވެގެން ދިޔައީ އުމަވީ ޚާންދާނަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމަކަށެވެ.
އެ ޙަޤީޤަތްތައް ހާމަކުރެއްވުމާއި، އަދި ވެރިކަމުން ދުރުވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ ހިޖުރައިން 64 ވަނަ އަހަރު، ޢުމުރުފުޅުން އެންމެ 22 އަހަރުފުޅުގައި މުޢާވިޔަތު ބިން ޔަޒީދު އަވަހާރަވިއެވެ. ގިނަ ތާރީޚު ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި އުމަވީންނަށް، އިސްލާމީ އުއްމަތުގައި ލިބުނު ބަދުނާމާއި، ޚިލާފަތު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރަށް، އޭނާއަށް ޒަހަރު ދެއްވައިގެން އަވަހާރަކޮށްލީއެވެ. އެއްފަރާތުން ހުންނެވީ އޭނާގެ އުފަން ބައްޕަގެ އަނިޔާވެރި ޢަމަލުތަކާއި، ލާއިންސާނީ ޖަރީމާތަކާއި، ބޮޑެތި ފާފަތަކާ މެދު ނުުރުހުންވެ ވަޑައިގެން ހަރުކަށިކަމާއެކު އެކަންކަމުން ބަރީއަވެ ވަޑައިގެން ހުންނެވި މުޢާވިޔަތު ބިން ޔަޒީދެވެ. އަނެއްކޮޅުގައި ތިބީ ކޮންމެ ގޮތެއް ހަދާފައިވެސް، އުމަވީ ޚާންދާނުގެ ވެރިކަން ދިފާޢުކޮށް ދެމެހެއްޓުމަށް ބޭނުންވެފައިވާ އެ ޚާންދާނުގެ ވާރިސުންނެވެ.
ޔަޒީދު ބިން މުޢާވިޔާގެ އަސްލު އަދި ޙަޤީޤީ ދަރިކަލުން، އޭނާގެ ބައްޕައަށް ލަޢުނަތް ދެއްވުމަށްފަހު، ޚަލީފާކަން ދޫކުރައްވައި ވަޑައިގެންނެވިއިރު، އޭގެ 1400 އެތައް އަހަރެއް ފަހުން ދުނިޔެއަށް އުފަންވީ މިހާރުގެ ޔަޒީދީންނަށް ޔަޒީދު ބިން މުޢާވިޔާގެ ކިބައިން މާތްކަމާއި، ތަޤުވާވެރިކަމާއި، ހެޔޮކަން ފެންނަކަމީ އަޖާއިބުވާންޖެހޭ ކަމެއް ނޫން ހެއްޔެވެ؟
މުޢާވިޔަތު ބިން ޔަޒީދު އުމަވީ ދައުލަތުގެ ތަޚުތުގައި އިށީނދެވަޑައިގަތީ ޢުމުރުފުޅުން އެންމެ 22 އަހަރުފުޅުގައެވެ. އޭނާ ވެރިކަން ކުރެއްވީ އެންމެ 40 ދުވަހުއެވެ. ނިކަން ވިސްނާލަބަލާށެވެ. އުމަވީ ދައުލަތުން ދިޔައީ ތިން ބައްރެއްގައި ވެރިކަން ކުރަމުންނެވެ. ވެރިކަމުގެ އާރާއި، ބާރާއި، ޝަރަފާއި، މުއްސަނދިކަމުގެ ޚަޒާނާތައް ވަނީ އޭނާގެ ބާރުގެ ދަށުގައެވެ. އެކަމަކު، އެ ޒުވާނާ ހުރިހާ ކަމެއް ދޫކޮށްލައްވައި، ޙައްޤުގެ މަގަށް ރުޖޫޢަވެވަޑައިގެންނެވިއެވެ. އޭނާ، ރަސްކަމާއި، ތާޖާއި، ތަޚުތުގައި ކޮޅުފައިން ޖައްސަވައި އަނިޔާވެރިކަމުގެ މަގުން އެއްކިބާވެ ވަޑައިގެންނެވިއެވެ.
އެއީ އަސްލު ފިލާވަޅެވެ. ތެދު ބުނާށެވެ. ހުރިހާ ޙާލަތެއްގައި ވެސް ތެދުބަހުން ވާހަކަ ދައްކާށެވެ. ހަމައެކަނި މަދު ފައިސާކޮޅެއްގެ ބޭނުމުގައި ދޮގު ނުހަދާށެވެ. ހަމައެކަނި ވަޒީފާއާއި، ޕާޓީއަށްޓަކާ ދޮގު ނުހަދާށެވެ. އަމިއްލަ މަންފާއަށްޓަކާ ތެދުވެރިކަމުގެ މަގު ދޫކޮށްނުލާށެވެ. މުސްލިމެއްގެ ހުވިއްޔަތަކީ އޭނާ ލާ ހެދުމެއް ނޫނެވެ. އޭނާގެ އެންމެ މަތިވެރި ހުވިއްޔަތަކީ ޙައްޤާއި، ބާޠިލު ވަކިކޮށް ދެނެގަތުމާއި، އަމާނާތްތެރިކަމެވެ. މީސްތަކުން ތިބާއާ މެދު މިފަދައިން ބުނާނެ ޝަޚުޞިއްޔަތެއް އުފައްދާށެވެ. "އޭނާއަކީ މުސްލިމެކެވެ. އޭނާ ދޮގެއް ނުހަދާނެއެވެ." ހަނދާން ކުރާށެވެ. ބާރަކީ ނިމުމެއްވާ އެއްޗެކެވެ. ނަމަވެސް ތެދު އަބަދުވެސް ދެމިއޮންނާނެއެވެ.
See less





