ލާމަރުކަޒީ ގާނޫނަށް، ފަހުން ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން، ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަމަލީގޮތުން އަދާކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ މިހެންވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރުމަށް މާލެ ސިޓީ ހޯލުގައި ބުދަދުވަހުގެރޭ ބޭއްވި މި އަހަރުގެ ދެވަނަ ބައްދަލުވުމުގައެވެ.
މޭޔަރ ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަމަށް ބޮޑެތި އަސަރުތަކެއް ވެސް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހަމައެކަނި ޒިންމާތައް ހަވާލުކުރުމުން ނުފުދޭނެ ކަމަށެވެ. އޭގެ އިތުރުން އެ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މިނިވަންކަމާއި ވަސީލަތްތައް ވެސް ކައުންސިލްތަކަށް ލިބިދޭންޖެހޭނޭ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާތްގަނޑަކަށް މުޅި އަހަރު ދުވަހު، ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.
އޭނާ ވިދާޅުވީ ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރަށްރަށުގެ ބޭނުންތަކާއި އިސްކަންދޭ ކަންކަމަށް އިޖާބަދިނުމަށް ކައުންސިލްތަކަށް ބާރުވެރިކަން ލިބި، ޑިމޮކްރަސީ ވަރުގަދަވެފައިވާކަމަށެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށް ކުރާ ދަތުރު އަދި ނިމުމަކަށް ނާންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ކުރިއަރުވައި، ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ނިޒާމުގެ ފުރިހަމަ ފައިދާ ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާ ހިތްވަރަކާއެކު ކުރިއަށް ގެންދާނޭ ކަމަށެވެ.





