ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ "ބޭސްލައިން ބަޖެޓް" އޮގަސްޓް 20 ވަނަ ދުވަހުގެ ކުރިން ފޮނުއްވުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.
މިކަން އަންގާފައި ވަނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ހަސަން ޒަރީރު ސޮއިކުރައްވައި މި ޖުލައި މަހުގެ 9 ވަނަ ދުވަހު ނެރުއްވި ސަރކިޔުލަރއަކުންނެވެ. އޭގައި ބުނެފައިވަނީ، 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރުކުރާއި ބޭސްލައިން ބަޖެޓު ހުށަހަޅާނީ އެސް.އޭ.ޕީ.ބީ.ސީ މޮޑިއުލް މެދުވެރިކޮށް ކަމަށެވެ. އަދި ކޮންމެ އިދާރާއަކުންވެސް ބޭސްލައިން ބަޖެޓު އެކުލަވާލަންވާނީ އެ އޮފީހެއްގެ ކޮންމެ ފަންޑަކަށް ލިބޭ ސީލިންގ އަށްވުރެ ބޮޑުނުވާނެ ގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އިދާރާތަކަށް ކަނޑައެޅޭ ބަޖެޓުގެ ޖުމުލަ އެކުލަވާލާނީ އިދާރާތަކުން ހުށަހަޅާ ބޭސްލައިން ބަޖެޓުގެ އިތުރުން ނިއު ޕޮލިސީ އިނީޝިއޭޓިވްސްތަކުގެ ތެރެއިން ކުރަން ނިންމާ ކަންކަމުގެ ބަޖެޓާ އެކުގައިކަމަށެވެ.
އެހެންކަމުން އެންމެހައި އިދާރާތަކުން މިނިސްޓްރީން އާއްމުކޮށްފައިވާ ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ އެނެކްސްތަކުގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން،ސަރކިޔުލަރގައިވާ ބެޖެޓުގެ އަމާޒުތަކާއި ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް ހާސިލްކުރުމަށް 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާ ބޭސްލައިން ބަޖެޓު، އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އަށް ހުށަހެޅުމަށް އަންގާ ކަމަށް ވިދާޅުވެފައިވެއެވެ.
ބޭސްލައިން ބަޖެޓުގެ ތެރޭގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި، މަޝްރޫޢުތަކާއި އިތުރަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗާއި، އަދި އަލަށް ނަގަން ގަސްދުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށާއި، ބަޖެޓު ތައްޔާރުކުރަންވާނީ، މިނިސްޓްރީން ކަނޑައަޅާފައިވާ ސީލިންގ އަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.
ބޭސްލައިން ބަޖެޓަކީ އިދާރާތަކުން ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕްގައި ކުރިއަށްގެންދިއުމަށްޓަކައި ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ.





