ދިވެހި|English 14 ޖުލައި 2026 · 04:29
Top banner
Advertisement
ސަބަބު (ފަނަރަވަނަ ބައި)
ވާހަކަ

ސަބަބު (ފަނަރަވަނަ ބައި)

"ޝާމިލް!" އަހަރެންނަށް ގޮވާލެވުނެވެ. އެހެނަސް އަހަރެންގެ އަޑުގައި ހުރި ކަންބޮޑުވުން ޝާމިލް ވަރަށް ފަސޭހައިން ފާހަގަ ކުރިއެވެ.

ޝޝިޔާމާ އަޙްމަދު (ސިޔައްތަ)11 ޖުލައި 2026

"ޝާމިލް!" އަހަރެންނަށް ގޮވާލެވުނެވެ. އެހެނަސް އަހަރެންގެ އަޑުގައި ހުރި ކަންބޮޑުވުން ޝާމިލް ވަރަށް ފަސޭހައިން ފާހަގަ ކުރިއެވެ. "ޖުނޭ އެއްގޮތަކަށްވެސް ކަންބޮޑުނުވޭ. އަހަރެން މިއައީ ޖުނޭއަށް އެއްވެސް ކަހަލަ އުނދަގުލެއް ކުރާށޭ ހީނުކުރޭ." ޝާމިލް ދައްކަމުން ގެންދިޔަ ވާހަކަ، އަހަރެންނަށް އަޑުއަހަން އިނދެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

އެކަން ޚުދު ޝާމިލްއަށްވެސް ފާހަގަވިއެވެ. އެހެންކަމުން އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލު ދެނެގަންނާކަށްވެސް އޭނާއަކަށް އުނދަގުލެއް ނުވިއެވެ. "ނޫނޭ، އެއްގޮތަކަށްވެސް އެހެން ހީނުކުރޭ ޝާމިލް." އެވަޤުތު ޝާމިލް ކައިރިޔަށް ކޮންމެވެސް ވަރަކަށް ހިނިވެސް އައެވެ. އަހަރެންގެ އިހުސާސްތައް ފޮރުވަން އުޅުނުކަމުގެ ޒާތަކަށެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. ވާނީވެސް އެހެންތާއެވެ. އެއީ އަހަރެންގެ އެކަނިވެރި ޙަޔާތުގައި އަހަރެންނާއި އެންމެ ގާތުގައި ތިބި މިތުރުންނެވެ. ވީއިރު އަހަރެންގެ ފަރާތުން ކިރިޔާވެސް ފެނުމަކީ އެމީހުންނަށް ހައިރާންކަން ލިބޭނެކަމެއްތާއެވެ. "އަހަރެން ބޭނުމެއް ނޫން ޖުނޭގެ އަގުހުރި ވަޤުތުތައް ނަގާލާކަށް. ޙަޤީޤަތަށް ބުނަންޏާ ޖުނޭގެ ތި ލައިފްއަށް އަހަރެން ވަރަށް އުފާވޭ. އަދި ޖުނޭއާމެދު ފަހުރުވެރިވެސް ވެވޭ." ޝާމިލްގެ ވާހަކައިން އަހަރެންނަށް ހިތްހަމަ ޖެހުމެއް ލިބެން ފެށިއެވެ.

ކުރިން ހުރި ހާސްކަމާއި ކަންބޮޑުވުންވެސް ފިލައިގެން ދިޔައެވެ. އަދި ހަމަޖެހިލާފައި އަހަރެން ކައިރިޔަށް ޝާމިލް އައި ސަބަބު އޮޅުން ފިލުވާލުމަށް ސުވާލު ކޮށްލީމެވެ. "އަހަރެން އަސްލު މިއަދު ޖުނޭ ކައިރިޔަށް މި އައީ ޝުކުރު އަދާކޮށްލަން ވެގެން." "އެއީ ކީއްވެ؟ އަހަރެންގެ ސައިކަލުން ޖެހިފަ ޝާމިލްގެ ބޮލަށް އަނިޔާވީމަ؟" ސަމާސާ ރާގަކަށް އަހަރެން އަހާލީމެވެ. އެހެނީ އަހަރެންގެ ހާސްކަން އެއްކޮން ފިލައިގެން ހިނގައްޖެއެވެ. "ނޫނޭ. އަހަރެންނަށް އިތުރު ގެއްލުމުއް ނުލިބޭނެ ގޮތަށް ކަންތައް ކުރީމަ. އަހަރެންގެ ވައިފްގެ ވާހަކަތައް އަޑުއަހާ އޭނާއަށް އޯގާތެރި ވީމަ." ޝާމިލް ވާހަކަ ދައްކަމުން ގެންދިޔައިރު، އޭނާގެ ކިބައިގާ ހަރުލާފާއިވާ އާދައިން ޚުދު އޭނާއަށް ނުނިކުމެވިގެން އުޅޭކަހަލަ އިހުސާސެއް އަހަރެންނަށް ކުރެވުނެވެ. އެވަޤުތު އޭނާއަށް އެހީވާން ބޭނުންވާ އަހަރެން ބޭނުންވީމެވެ.  އެހެންނަމަވެސް ޒާތަކަށް ބިރުގަންނަ ގޮތްވެސް ވިއެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލިދާނެ ކަމުގެ ބިރުވެސް ހީވާން ފެށިއެވެ. އެހެންނަމަވެސް އަހަރެންގެ ވިސްނުން ހުރިގޮތް ޝާމިލްއަށް އަންގާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނީ އެއިން އެއްވެސް ކަމެއްގެ ތެރެއަށް އެއްވެސް ސިފައެއްގައި އަހަރެން ވަންނަން ބޭނުން ނޫނެވެ. "ޝާމިލް، ތީ އަހަރެން އެންމެ ކުޑައިރުއްސުރެ ވަރަށް ގާތްކޮށް އުޅުނު މިތުރެއް. އަހަރެން ތިދެމީހުންނާ ދުރަށް ޖެހިލިއެއްކަމަކު ތީގެ ތެރެއިން އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް ނޭދެން." "ޤަބޫލުކުރަން. އަދި އެކަން މިއަދު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގިއްޖެވެސްމެ. އެހެންވެގެން ޝުކުރު އަދާކުރަން މި އައީ." ހީލާފައި ޝާމިލް ބުނެލިއެވެ. އެވަޤުތު އަހަރެންގެ އަތުގައި އޮތް ގަޑިޔަށް ބަލައިލުމާއިއެކު ވަރަށް ބޮޑަށް ލަސްވާ ވާހަކަ ބުނެލީމެވެ. އަދި ދަރިފުޅަށް ވެފައޮތް ވަޢުދެއް ފުއްދުމަށް އިތުރަށް ވަޤުތު ނަގާލަން ބޭނުންނުވާ ވާހަކަވެސް ޝާމިލް ކައިރީގައި ބުނީމެވެ. "ޖުނޭއަށް މިހާރު ކުއްޖަކުވެސް ލިބުނީތަ؟" ވަރަށް އުފާވެލާފައި ޝާމިލް އަހާލިއެވެ. "އާން. މިހާރު އަހަރެންގެ ދަރިފުޅުގެ ޢުމުރުން ހަތަރު އަހަރު ވެއްޖެ." ވަރަށް ފަޚުރުވެރި ކަމާއިއެކީ އަހަރެން ބުނެލީމެވެ. އެއަށްފަހު ދެން އިތުރަށް މަޑުކުރެވެން ނެތް ވާހަކަ ބުނުމާއިއެކު އަހަރެން ދިޔައީ ގެއަށެވެ.

އަހަރެން ގެއަށްގޮސް ޢާއިލާއާއި އެކު ވަޤުތު ހޭދަކުރަމުން ދިޔައިރުވެސް، އަހަރެންގެ ޚިޔާލާއި ވިސްނުން ހުރީ، ޝާމިލްއާއި އޭނާގެ ދިރިއުޅުމާއި މެދުގައެވެ. އެކަން ޢައިޝާއަށް ފާހަގަ ވިއެވެ. "ޖުނޭދު ކޮންމެސް ކަމަކާ ވަރަށް ބޮޑަށް ވިސްނާހެން ހާދަ ހީވެޔޭ. އަނެއްކާ ކަމެއް އުޅެނީތަ؟" ޢައިޝާއަށް ކެތް ނުވެގެން ސުވާލު ކޮށްލިއެވެ. އަހަރެންވެސް ޢައިޝާއަށް އެއްވެސް އެއްޗެއް ސިއްރުކުރާކަށް ބޭނުމެއް ނޫނެވެ. އެހެނީ އަހަރެން އެ ވަބާއިން ނެރެދީ، ސީދާ ސާދާ ދިރިއުޅުމެއްގެ ތެރެއަށް އިޔާދަ ކޮށްދިނީ ޢައިޝާއެވެ. ވީއިރު ދެންވެސް އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވާން ހުރި ފަރާތަކީ ޢައިޝާކަން އަހަރެންނަށް އެނގެއެވެ. "އާން އަހަރެން މި ވިސްނަނީ ވަރަށް ބޮޑުކަމަކާ." އަހަރެންގެ އެ ޖުމުލައިން ޢައިޝާ ކޮންމެވެސް ވަރަކަށް ކަންބޮޑުވާގޮތް ވިއެވެ. "އަނެއްކާ ކިހިނެއްވީ؟" އަހަރެންގެ ވާހަކަ ފެށުމުގެ ކުރިން ދުރުގައި ބްލޮކްސެޓު ރާވަން އިން ޒީންއާއި ދިމާއަށް އަހަރެންނަށް ބަލައިލެވުނެވެ. "ދެން އަވަހަށް ބުނެބަލަ ޖުނޭދު. އަހަރެން އެބަ ކަންބޮޑުވޭ." އަހަރެން ހީލާފައި ޢައިޝާއާއި ދިމާއަށް މުޅި ހަށިގަނޑާއިއެކު އެނބުރިލީމެވެ. އެއަށްފަހު މިއަދު ކުރިމަވި އެކްސިޑެންޓާއި ޝާމިލްގެ އަނބިމީހާއާއި ބައްދަލުވެ ދެކެވުނު ވާހަކައާއި ހުރިހާ އެއްޗެއް ވަރަށް ސާފުކޮށް ކިޔައިދިނީމެވެ. އެވަޤުތު ޢައިޝާގެ ދުލުން ބުނެލީ ވަރަށް ކުޑަ އެހެންނަމަވެސް އޭގައި އެތައް އިހުސާސް ތަކަކާއި އިތުބާރެއް އެކުލެވިގެންވީ ޖުމުލައެކެވެ. "އަހަރެން ޖުނޭދުއަށް ފުރިހަމައަށް އިތުބާރުކުރަން." އާނއެކެވެ. އަހަރެން އެ ދިރިއުޅުމަކަށް ފަސްއަޅާ ފޮރުވާލި ދިރިއުޅުމަށް އަނބުރާ ދާކަށް ބޭނުމެއް ނޫނެވެ. އެފަދަ ދިމާއަކަށް އަހަރެން ދީލާލުވަން ބޭނުންވާނެ ބަޔަކާއި ބަދަހި ގުޅުމެއްވެސް ބާއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި އެ ޔަޤީންކަންވެސް އަހަރެން ޢައިޝާއަށް ދިނީމެވެ.

އެރޭ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް އަހަރެންގެ ދެކޮއްކޮއާއި އަނބިމީހާ އަދި ދަރިފުޅާއިއެކު ތިއްބާ އަހަރެންގެ ފޯނުގެ ރަނގަބީލުވާން ފެށިއެއެވެ. ފޯނާއި ދިމާއަށް އަހަރެން ބަލައިލިއިރު، އެއީ ނުދަންނަ ނަންބަރެކެވެ. ހައިރާންވެ އިނދެ އަހަރެން ފޯނު ނެގީމެވެ. އަދި ކޮންމެވެސް ވަރަކަސް ހައިރާންކަމާއިއެކީ ސަލާމް ގޮވާލީމެވެ. "ޖުނޭ މީ ޝާމިލް އިނގޭ." އަހަރެންގެ މޭގަނޑު އަނގަޔަށް އައިހެން ހީވިއެވެ. ކޮންމެވެސް ވަރަކަށް ކޮށިވެސް އެރިއެވެ. "ޝާމިލް؟" އަހަރެން ހައިރާންކަމާއިއެކީ އެހެން ބުނެލި އަޑު ޢައިޝާއަށް އިވުނެވެ. ހަމައެހެންމެ، ޖުމާނާއަށްވެސް އެއަޑު އިވިގެން އަހަރެންނާއި ވަޤުތުން ސުވާލުކުރިއެވެ. "އަނެއްކާ ދޮންބެގެ ފްރެންޑް ޝާމިލްތަ؟" އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އަދި އެތަނުން ތެދުވެގެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. "އާން. ޝާމިލް. އަހަރެން މިހުރީ ޖުނޭ މެންގޭ ބޭރުގަ. މަގުމަތީގަ. ވަރަށް އަވަހަށް ބޭރަށް ނިކުމެލެވިދާނެތަ؟" ޝާމިލް ވާހަކަ ދެއްކިގޮތުން ވަރަށް ބޮޑަށް ހާސްވެފަ ހުރިހެން އަހަރެންނަށް ހީވިއެވެ. އަހަރެންނަކަށް ބުނާނެ އިތުރު އެއްޗެއް ނޭންގުނެވެ. އެހެންކަމުން އެއްވެސް ޖަވާބެއް ނުދީ ކުޑައިރުކޮޅަކު މަޑުކޮށްލީމެވެ. އެހެނީ އަހަރެންނަށް ހުރެވުނީ ދެފިކުރެއްގެ މަތީގައެވެ. "ޖުނޭ." އެވަޤުތު އަހަރެން ސިއްސައިގެން ދިޔައީ އަނެއްކާވެސް ޝާމިލް އަހަރެންނަށް ގޮވާލި އަޑަށެވެ. "އާން އެބަދަން." އަހަރެންނަށް އެއްބަސް ވެވުނީ ކީއްވެގެން ކަމެއް ނޭންގުނެވެ. އެހެންނަމަވެސް ޢައިޝާ ކައިރީގައި ބުނެލާފައި ނޫނީ ދިޔުމަކަށް އަހަރެންގެ ހިތެއް ނުރުހުނެވެ. އެއީ އޭނާ ރުހޭނެކަމެއް ނޫންކަން އަހަރެންނަށް ރަނގަޅަށް އެނގި ހުރެވެސް މެއެވެ.

ޢައިޝާގެ ހިތް ކިތަންމެ ނުރުހުނު ކަމުގައި ވީނަމަވެސް އަހަރެން ދިޔުމަށް އޭނާ އިޢުތިރާޒެއް ނުކުރިއެވެ. އަހަރެންނަށް އިތުބާރު ކުރާތީ ކަމަށްވެސް ވެދާނެއެވެ. އަހަރެން ބޭރަށް ނިކުމެ ދެކޮޅު ބަކައިލިއިރު ގެއާއި ތަންކޮޅެއް ދުރުގައި ޝާމިލް ހުރިތަން ފެނުނެވެ. އަހަރެން މަޑުމަޑުން އޭނާ ކައިރިޔަށް ގޮސް އެހާ ހާސްވެގެން އުޅެނީ ކީއްވެގެންތޯ އަހާލީމެވެ. "ބްރޯ މަށަށް ހެލްޕެއް ވެދީބަލަ. މަ މިއުޅެނީ ކަމަކުން ސަލާމަތް ނުވެގެން. މިއަދު އަސްލު ޖުނޭގެ ގަރާޖަށްވެސް ދިޔައީ މިވާހަކަ ދައްކަން ވެގެން." ޝާމިލް އަނގައިން ބުނިގޮތުން މިވަޤުތު އޭނާ އެހުރީ ހަމަހޭގައިކަން އަހަރެންނަށް އެނގުނެވެ. "ކިހިނެއްވީ؟ ޝާމިލް ބޭނުންވެގެން ތިއުޅެނީ އަނެއްކާ ކޮންކަހަލަ އެހީތެރިކަމެއް؟" ވަރަށް ކަންބޮޑުވެ ހުރެ އަހަރެން އަހާލީމެވެ. "އަހަރެން ތަންކޮޅެއް ކުރިން ކުޑަ މަސައްކަތެއް ފަށަންވެގެން މީހަކު އަތުން ނެގި ފަންސާސް ހާސް ރުފިޔާ. އެ ފައިސާ އަހަރެންނަށް މިއުޅެނީ އޭނައަށް ނުދެވިގެން." އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިފަހަރު މި އައީ ފައިސާގެ ވާހަކައެވެ. އެއީ ބަދަހި ގުޅުންތައްވެސް ހީނަރުކޮށްލާ އެއްޗެކެވެ. ހަތުރުން މިތުރުންނަށް ހަދާއިރު، މިތުރުން ހަތުރުންނަށްވެސް ހަދާލާ އެއްޗެކެވެ. ނޭންގި ހުއްޓާ މީހުން އަނދަވަޅަށް ވައްޓާލާވެސް އެއްޗެކެވެ. އަހަރެން ހަދާނެގޮތް ހުސްވިއެވެ. ޝާމިލްގެ އެއްވެސް ހައިޖާނެއްގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި އޭނާ އެބުނަނީ ތެދު ވާހަކައެއް ކަމެއްވެސް އަހަރެންނަކަށް ޔަޤީނެއްވެސް ނޫނެވެ. "ދެން ތިކަމުގަ އަހަރެންނަށް ވެވޭނީ ކޮންކަމެއް. އަހަރެންގެ އަތަކު ތިހާވަރަކަށް ފައިސާއެއްވެސް ނެތް." އެކަމުގެ ތެރެއިން އަހަރެންގެ އަމިއްލަ ނަފްސު ސަލާމަތް ކުރެވޭނެ މަގެއް ހޯދަން އަހަރެން ބޭނުންވީމެވެ. "ޖުނޭ ބޭނުމިއްޔާ އަހަރެންނަށް އެހީ ވެވޭނެ. އަހަރެން މިބުނީ ފަންސާސް ހާސް ރުފިޔާ ޖުނޭ އަތުން އެއްކޮން ދައްކާކަށް ނޫން. އޭގެއިން އެއްބައި އަހަރެން އޮންނާނީ މިހާރުވެސް ދައްކާފަ. ގާތްގަނޑަކަށް ދިހަވަރަކަށް ހާސް ރުފިޔާ ދީފިން. ދެން ބާކީ އޮތް އެއްޗަކުންވެސް އެއްބައި ދައްކަން އެހީވެދިނިއްޔާ ވަރަށް ރަނގަޅު." ޝާމިލްގެ ވާހަކަ އެހާ ހިސާބަށް ދިޔުމުން އަހަރެން ކައިރިޔަށް ރުޅި އާދެވޭގޮތް ވިއެވެ. "ޝާމިލް ބުނަން ރަނގަޅު ވާހަކައެއް. އަހަރެންނަށް މިހާ ހިސާބަށް އާދެވިފަ މިހުރީ ވަރަށް ބުރަ މަސައްކަތުން. އަހަރެންނަކަށް ނޭންގެ ޝާމިލް ފައިސާ ހޯދަން ބޭނުންވާ އަސްލު ސަބަބަކީ ކޮބައިކަމެއްވެސް. ތެދުތެދަށް ބުނަންޏާ އަހަރެންނަކަށް ޝާމިލްއަކަށް އިތުބާރެއް ނުކުރެވޭ. އެހެންވީމަ އަހަރެން އަތުގަ ހުއްޓަސް ޝާމިލްއަށް ފައިސާ ދޭކަށް އަހަރެން ހިތްހަމައެއް ނުޖެހޭ." އަހަރެންގެ ޖަވާބު އަޑުއަހާފައި ޝާމިލް ކައިރިޔަށް ވަރަށް ރުޅި އައެވެ. އެހެންނަމަވެސް ތަންކޮޅެއް މައިތިރި ވެގެންހުރެ ވާހަކަ ދައްކަން އޭނާ މަސައްކަތް ކުރަމުން ގެންދިޔައެވެ. "ނޫނޭ ބްރޯ، އަހަރެން މިހަދަނީ ދޮގެއް ނޫން. އަހަރެން ނެގި ފައިސާ އަސްލު ބޭނުންކުރަންވާ ގޮތަކަށް ނޫން އަހަރެން ބޭނުންކުރީ. ހުރިހާ އެއްޗެއް ޑްރަގަށް ދުއްވާލާ ހުސްކޮށްލީ. ޙަސަން އަހަރެންގެ ބޮލަށް ޗިޕު ޖަހައިގެން އެކަން ކުރުވީ. އޭގެ ފައިދާވެސް ޙަސަން ވަރަށް ރަނގަޅަށް ނެގި. އަހަރެން މަލްއަށް ޕްރޮމިސް ކުރިގޮތަށް ކަންތައް ނުކުރެވުނީވެސް އެހެންވެގެން. އެކަމަކު މިހާރު އެމީހާ އަހަރެން ޕޮލިހަށް ހަވާލުކުރަން އުޅޭތީ ޖުނޭ ކައިރިޔަށް ހެލްޕަކަށް އެދެން މި އައީ. ހެޔޮނުވާނެ ބްރޯ، އަހަރެން ސަލާމަތްކޮށްދީ." އެހާ ހިސާބަށް ދިޔުމުން، ޝާމިލް ދައްކަމުން ގެންދިޔަ ވާހަކަތައް އަހަރެންނަށް ޤަބޫލުކުރެވޭ ގޮތްވިއެވެ. އެހެންނަމަވެސް އަހަރެންނަކަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ބުނީމެވެ. އެހެނީ އަހަރެންނަކީވެސް ޢާމްދަނީއަށް ލިބޭ އެއްޗަކުން އަނބިދަރިން ބަލަހައްޓައިގެން އުޅޭ މީހަކީމެވެ. އަހަރެން އަތުގައި އޮންނާނީ ވަކި ކޯޗެއް ހެއްޔެވެ؟ އެގޮތުން ޝާމިލްއަށް ވިސްނައިދެވޭތޯ އަހަރެން މަސައްކަތް ކުރަމުން ގެންދިޔައީމެވެ. އެންމެފަހުން ޝާމިލް ބުނީ އަހަރެން މަސައްކަތްކުރާ ގަރާޖުން އޭނާއަށް ވަޒީފާއެއް ހޯދައިދިނުމަށެވެ. އެކަމަށް މަގެއް ފަހިކޮށްދޭން މަސައްކަތް ކުރާނަންކަމަށް އަހަރެން ބުނީމެވެ. "ޖުނޭ ތިހާވަރަށް ބުނުންވެސް އެއީ ވަރަށް ބޮޑުވަރު. އަހަރެން ޖުނޭއަށް ޓްރަސްޓް ކުރަން. ތޭންކްސް ބްރޯ." އެހެން ބުނުމާއިއެކު، އަހަރެންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާފައި ޝާމިލް ދިޔައީއެވެ. އަހަރެން އަނބުރާ ގޭތެރެއަށް ވަތްއިރު، ޢައިޝާ އިނީ ސިޓިންގ ރޫމުގައެވެ. އަހަރެން ފެނުމާއިއެކު، މޫނުމަތީގައި ހުރި ނުތަނަވަސްކަން ޢައިޝާއަށް ފާހަގަ ވެއްޖެއެވެ. "ޖުނޭދު، ކިހިނެއްވީ މާބޮޑަށް ކަންބޮޑުވެފަ ތިހުރީ؟" އަހަރެންނަކަށް އެސުވާލަކަށް ޖަވާބެއް ނުދެވުނެވެ. އަދި މަޑުމަޑުން ހިނގާލާފައި ގޮސް ކޮޓަރިތެރެއަށް ވަނީމެވެ. ޢައިޝާވެސް އަހަރެންގެ ފަހަތުން އައިސް ވަނެވެ. "ޖުނޭދު، ކިހިނެއްތަވީ؟ ޝާމިލް އައިމައެއް ނޫންތަ ޖުނޭދު ބޭރަށް ނިކުތީ؟" އަހަރެން އުޅުނުގޮތުން ޢައިޝާވެސް ކަންބޮޑުވާން ފެށިއެވެ. "ޝާމިލް އައީ އަހަރެން ކައިރިން ވަރަށް ބޮޑު ކަމަކަށް އެދެންވެގެން." "ކޮންކަމެއް؟" އަހަރެންގެ ޖަވާބު އަޑު އިވުމާއިއެކު ޢައިޝާ ސުވާލުކޮށްލިއެވެ. އެވަޤުތު އަހަރެންނާއި ޝާމިލްއާއި ދެމެދު ދެކެވުނު ހުރިހާ ވާހަކަތަކެއް ޢައިޝާއަށް ކިޔައިދިނީމެވެ. "ޖުނޭދުއަށް ހީވޭތަ ތިގޮތަށް އެއްބަސްވެގެން ޝާމިލްއަށް އިތުބާރު ކުރެވިދާނެހެން؟" ޢައިޝާގެ ކަންބޮޑުވުން އަހަރެންނަށް ވިސްނެއެވެ. އެހެންކަމުން އެކަމަށް އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯ ޖަހާލީމެވެ. އެކަމަކު ޝާމިލް އިސްލާހުގެ މަގަށް އެޅެން ބޭނުންވާނަމަ އަހަރެންނަށް ވެވެން އޮތްގޮތަކަށް އޭނާއަށް އެހީވާން ބޭނުމެވެ. އެހެންނަމަވެސް ހިތާމައަކީ ކުރިޔަށްދާނެ މަގެއް ފެންނަން ނެތުމެވެ. އަހަރެންގެ ވިސްނުން ހުރިގޮތުން ޢައިޝާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. އެހެންނަމަވެސް ޢައިޝާއަކީ މީހުންގެ އިހުސާސްތައް ނުދަންނަ މީހެކޭ އަހަރެންނެއް ނުބުނާނަމެވެ. އެހެން ނޫންނަމަ އަހަރެން މިއަދު މިދެކޭ ދިރިއުޅުން އަހަރެންނަކަށް ނުލިބުނީހެވެ. އެހެނެއްކަމަކު އޭނާގެ ކަންބޮޑުވުން އެއީ އަހަރެންނަށް ލިބިދާނެ ގެއްލުމަކަށްޓަކާ އޭނާގެ ހިތުގައި އުފެދޭ ކަންބޮޑުވުމެއްކަން އަހަރެން ޤަބޫލުކުރަމެވެ. ކަންއޮތީ އެހެންކަމަށް ވާއިރު ޢައިޝާއާއި އިތުރަށް ބަހުސްކުރާކަށް އަހަރެންނެއް ނުވިސްނަމެވެ. އަދި އެވާހަކަ އެހިސާބުން ނިންމާލީމެވެ.

އަހަރެން ޝާމިލް ކައިރީގައި ބުނިފަދައިން އޭނާއަށް ގަރާޖުން ވަޒީފާއެއް ހޯދައިދިނީމެވެ. އެގޮތުން އޭނާ ޤަވައިދުން ގަރާޖަށް މަސައްކަތަށް އަންނަން ފެށިއެވެ. އަހަރެން އޭނާއަށް މަސައްކަތް ދަސްކޮށްދެމުންވެސް ގެންދިޔައީމެވެ. ވަރަށް ޝައުގުވެރިކަމާއިއެކީ ޝާމިލް މަސައްކަތް ދަސްކުރަމުން ގެންދިޔައެވެ. ވަރަށް ފަރުވާތެރި ކަމާއިއެކީގައެވެ. އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. އެއާއެކު، އޭނާއަށް ލިބޭ ޢާމްދަނީ އިތުރުކޮށް ރައްކާކުރާނެ ގޮތްތައްވެސް ކިޔައިދެމުން ގެންދިޔައީމެވެ. އަހަރެންނަށް އެންމެ ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބުނު ކަމަކީ، މަސްތުވާ ތަކެތީގެ ވަބާއިން ޝާމިލް ދުރަށްޖެހެން ފެށުމުންނެވެ. އެހެނީ އަހަރެންނަށްވެސް މަގުން ކައްސާލައިގެން ގޮސްފައިވާ އިންސާނަކަށް ރަނގަޅު މަގެއް ދެއްކުނީތާއެވެ.  ޝާމިލް ގަރާޖުގެ ވަޒީފާއަށް އަންނަން ފެށިތާ ދިހަވަރަކަށް މަސްދުވަސް ވީއިރު، އޭނާގެ ދިރިއުޅުންވެސް ހަމަމަގަށް އެޅި، ނަގާފައިވާ ދަރަނިވެސް މަޑުމަޑުން އަދާކޮށް އެއްކޮން ޚަލާސްކުރިއެވެ.

އުފަލާއި ހިތްހަމަ ޖެހުމާއިއެކީ ދިރިއުޅުން ހޭދަވަމުން ދިޔައެވެ. ޝާމިލްވެސް ޤަވައިދުން މަސައްކަތަށް ޙާޟިރުވަމުން ދިޔައެވ އެހެންނަމަވެސް އެއްވެސް ކަމަކީ އިންސާނާ ހިތްއެދޭގޮތަށް އަބަދަށް ދެމިއޮންނާނެ ކަމެއް ނޫންކަން އެއީ އިލާހީ ޤާނޫނެވެ. އެގޮތުން އަހަރެންގެ ޙަޔާތަށްވެސް ބަނަކަމެއް އަންނަން އުޅޭކަމުގެ އިހުސާސެއް  ކުރެވެން ފެށިއެވެ. އެހެނީ މިހާރު ޝާމިލް ގަރާޖަށް ނާންނަތާ ހަފްތާއެއް ވީއެވެ. އަހަރެން ގުޅިޔަސް ފޯނެއްވެސް ނުނަގައެވެ. އަހަރެންގެ މަސައްކަތްތައް ހުންނަގޮތުން، އޭނާގެ ޚަބަރު ބަލައިލަން އޭނާގެ ގެއަށް ދާނެ ވަޤުތުވެސް އޮތީ ނުލިބިފައެވެ. އެހެންނަމަވެސް އޭނާގެ ކަބަރެއް ބަލައިލަން އަހަރެން ވިސްނަމުން ދަނިކޮށް އަހަރެންނަށް ފޯނެއް އައެވެ. އަނެއްކޮޅުން ގުޅީ މަލްޝާއެވެ. އަހަރެން ފޯނު ނަގާ ސަލާމް ގޮވާލުމުން މަލްޝާ ރޯން ފެށިއެވެ. އަދި ޝާމިލް ގެއަށް ނާންނަތާ ހަފްތާއެއް ވެއްޖެކަމަށް ބުންޏެވެ. އަހަރެންނަށް ލިބުނީ ހައިރާން ކަމެކެވެ. އެހެނީ ވޭތުވެދިޔަ ދުވަސްތަކުގައި ޝާމިލްގެ ފަރާތުން ފެންނަމުން ދިޔައީ އެންމެ ކުޑައިރުވެސް އޭނާގެ ފަރާތުން ނުފެންނަ ވަރުގެ އިސްލާހީ ހެޔޮ ބަދަލެކެވެ. އެހެންނަމަވެސް މިއަދު އަހަރެންނަށް މަލްޝާއަށް ހަމްދަރުދީ ވެވުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ. ކުރާނެ ސުވާލެއް ނޭންގުނު ތަނުގައި ތަސައްލީއެއް ދިނުމުގެ ގޮތުން ބުނާނެ އެއްޗެއްވެސް އަހަރެންނަކަށް ނޭންގުނެވެ. ވާނުވާވެސް ނޭންގުނީތީއެވެ. އަނބިމީހާ އެކަނިވެރި ޙާލަތަށް ދޫކޮށްލާފައި ޝާމިލް އެދިޔައީ ކޮންތާކަށްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާވެސް މަސްތުވާ ތަކެތި ބޭނުންކުރަން ފެށީބާއެވެ؟ މިކަހަލަ އެތައް ޚިޔާލުތަކެއް އަހަރެންގެ ސިކުނޑީގައި ދައުރުވާން ފެށިއެވެ. "އެހެންވިއްޔާ ޝާމިލް އަދިވެސް މަސްތުވާ ތަކެތި ބޭނުން ކުރޭތަ؟" އަނެއްކާވެސް ވަރަށް ޖެހިލުންވެ ހުރެ، އަހަރެން އަހާލީމެވެ. އޭރު މަލްޝާގެ ރުއިން ހުއްޓިއްޖެއެވެ. "އާން ދުވަސްކޮޅެއް ވެއްޖެ މަސްތުގެ ޙާލަތުގައި ހުރެގެން ގެއަށް އަންނަނީ. ގަރާޖުން ނިންމާފަ އަންނައިރު ހުންނަނީ މަސްތު ވެފަ. އަހަރެން ހީކޮށްގެން މިހުރީ ޖުނޭދުވެސް..." މަލްޝާގެ ފަހު ޖުމުލައިން އަހަރެންނަށް ރުޅި އާދެވޭގޮތް ވިއެވެ. އެހެންނަމަވެސް އެއީ އޭނާގެ މައްސަލައެއް ނޫންތާއެވެ. އެހެނީ މަސައްކަތް ނިންމާފަ އަންނައިރު އެފަދަ ޙާލަތެއްގައި ހުންނަކަމަށް ވާނަމަ ދެން ވިސްނޭނީވެސް އެހެންތާއެވެ. "މަލްޝާ ހީކޮށްގެން ތިހުރީ ޝާމިލް އެކަން އެކުރަނީ އަހަރެންގެ ނިވަލުގަ ކަމަށް؟" އަހަރެން ހިތްހަމަ ނުޖެހުނުކަން މަލްޝާއަށް އެނގުނެވެ. "ނޫން އެހެންނެއް ނޫން. އެކަމަކު ކޮންމެ ރެއަކުވެސް މަސައްކަތް ނިންމާފަ އަންނައިރު އެކަހަލަ ޙާލަތެއްގަ ހުންނަންޏާ އަހަރެންނަށްވެސް އެކި ކަހަލަ ގޮތްގޮތަށް ވިސްނޭނެތާ ދޯ." މަލްޝާގެ ވާހަކައިން އަހަރެންނަށް އަޅައިގަތީ އެންމެ ތަންކޮޅެއްގައެވެ. އެހެނީ އެނާ ބުނިގޮތުން ނަމަ ޝާމިލް ގެއަށް އަންނަނީ ރޭގަނޑުއެވެ. އެހެންނަމަވެސް ޝާމިލް ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމާލާފައި ގަރާޖުން ނިކުންނަނީ ހަވީރު ފަހެއް ޖަހާއިރުއެވެ. "ޝާމިލް ގެއަށް އަންނަނީ ރޭގަނޑުތަ؟" އަހަރެންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މަލްޝާ މަޑުމަޑުން އާންއެކޭ ބުނެލިއެވެ. މަލްޝާގެ ޖަވާބާއިއެކު، އޭނާގެ ކުށްހީ ފިލުވައިދޭން އަހަރެން މަސައްކަތް ކުރީމެވެ. އަދި އާދަކޮށް ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމާލާފައި ގަރާޖުން ނިކުންނަ ގަޑިވެސް އޭނާއަށް އޮޅުން ފިލުވައިދިނީމެވެ. "އާން، ޖުނޭދު ތިބުނިހެން ފުރަތަމަކޮޅު ވަރަށް އަވަހަށް ގެއަށް އާދޭ. އޭރުގަ އަހަރެންވެސް ވަރަށް ހިތްހަމަ ޖެހުނު. އެއީ އޭރު އަހަރެންނާއިއެކު ވަޤުތުވެސް ހޭދަކުރި. ވަރަށް އުފާވެރިކޮން ދުވަސްތައް ހޭދަވަމުން ދިޔައީ. އެކަމަކު ގަރާޖަށް ދާން ފެށިތާ ދެހަފްތާ ފަހުން ގެއަށް އަންނަ ގަޑި ލަސްވަމުން ދިޔައީ. އޭރު އަހަރެންނަށް އެނގުނު ޝާމިލްގެ ޙާލަތު ރަނގަޅު ނޫންކަން. އަހަރެން ވަރަށް ނަސޭހަތްވެސް ދިނިން. އެކަމަކު މަސައްކަތް ބުރަކަމުން ލަސްވަނީ ކަމަށް ބުނަމުން ގެންދިޔައީ." މަލްޝާ ވާހަކަ ދައްކަމުން ގެންދިޔައިރުވެސް އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އެހެނެއްކަމަކު އޭނާއަށް ތަސައްލީއެއް ދިނުމަށްޓަކާ، އަހަރެންނަށް ކޮށްދެވޭނެ އެއްކަމެއްވެސް ނެތްތާއެވެ. އެހެންނަމަވެސް އަހަރެންނަށް ހިތްހަމަޖެހުން ލިބުނު އެއްކަމެއް އޮތެވެ.  އަހަރެންނާއި ގުޅުވައިގެން މަލްޝާގެ ހިތުގައި އުފެދިފައި އޮތް ކުށްހީ ފިލުވައިދެވިއްޖެ ކަމުގެ ހިތްހަމަ ޖެހުމެވެ. އެހެނީ ޝާމިލް އެކުރާ ކަމެއްގެ ޒިންމާ އަހަރެންނަށް ނަގަން ނުޖެހޭނެކަން މިހާރު މަލްޝާއަށް އެނގިއްޖެއެވެ.

ކޮންމެއަކަސް ޝާމިލް ވީތަނެއް ހޯދަން އަހަރެންނަށް ކުރެވުނު މަސައްކަތެއް ކޮށްދޭނަން ކަމަށް ބުނެފައި އަހަރެން ފޯނު ބޭއްވީއެވެ. އެދުވަހު އަހަރެން ގެއަށް ދިޔައީ، މަލްޝާއާއި ފޯނުން ދެއްކި ވާހަކައިގެ ފިކުރުގައި ހުރެގެންނެވެ. ގެއަސް ވަދެގެން ދިޔައިރު، އަހަރެންނަށް ފެނުނީ މީގެ ފަސްއަހަރު ކުރިއާއި ހަމައަށް އަހަރެންގެ ގޭތެރެއިން އެންމެ ޢާންމުކޮށް ފެންނަމުން ދިޔަކަހަލަ މަންޒަރެކެވެ. އެހެނީ އަހަރެންގެ ދެކޮއްކޮއާއި އަނބިމީހާ އިނީ ރޯށެވެ. އަހަރެންގެ ދަރިފުޅު ފެންނާކަށް ނެތެވެ. އެހިނދު އަހަރެންގެ ލޯމައްޗަށް މާޒީގެ މަންޒަރުތައް އަރާ ފައިބަމުން ދިޔައެވެ. ދެލޯ ބޮޑުވެފައިވީ ޙާލު އަހަރެން ދުވެފައިގޮސް ޢައިޝާ ކައިރީގައި އިށީންދެލީމެވެ. އެހެނީ ތިންމީހުންވެސް ތިބީ އެކަކު އަނެކަކުގެ ގައިގާ ބާރަށް ހިފަހައްޓާލައިގެންނެވެ. އެކަކު އަނެކަކަށް ހިމާޔަތް ދޭން ބޭނުންވާ ފަދައިންނެވެ. އިތުރު އެއްވެސް ސުވާލެއްވެސް ކޮށްނުލާ އަހަރެން ބޭނުންވީ ޒީން ވީތަނެއް ބަލާށެވެ. އަހަރެން ޢައިޝާ ގާތުގައި ކުރީވެސް އެސުވާލެވެ. އެވަޤުތު ބިރުން ގިސްލެވޭ ޙާލުގައި އިނދެ، އަހަރުމެންގެ ކޮޓަރިއާއި ދިމާއަށް ޢައިޝާ އިނގިލި ދިއްކޮށްލިއެވެ. އަހަރެން ދުވުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ގޮސް ވަނީމެވެ. ޒީން ފެންނާކަށް ނެތެވެ. އަހަރެން ވަރަށް މަޑުމައިތިރިކޮށް ޒީންއަށް ގޮވަމުން ފާޚާނާގެ ދޮރުހުޅުވާ ބަލައިލީމެވެ. އެތާކުވެސް ނެތެވެ. ދެންވެސް ގޮވަމުން ގެންދިޔައީމެވެ. އިރުކޮޅަކުން ޒީންގެ މަޢުސޫމު އަޑުން އަހަރެންނަށް ގޮވާލާ އަޑު އިވިއްޖއެވެ. އެއަޑުގައިވަނީ ކަންބޮޑުވުމެވެ. ވާނުވާ ނޭންގޭ ކަހަލަ ބިރުވެރި ކަމެކެވެ. އަޑު އިވޭ ދިމާ ފާހަގަ ކުރަމުން އަހަރެން ކޮޓަރިތެރޭގެ އެތަން މިތަން ބަލަމުން ޒީން ހޯދަމުން ގެންދިޔައީމެވެ. ސުބުޙާނަﷲ، އަހަރެންގެ ދަރިފުޅު އޮތީ އެނދު ތަންދޮށުގައި ބަންޑުންނެވެ. ދެކަންފަތުގައި އަތް އަޅައިގެންނެވެ. އަހަރެން އަތްދިއްކޮށްލާފައި ބޭރަށް ނިކުތުމަށް ބުނީމެވެ. އެވަޤުތު ޒީންގެ ދުލުން ނިކުތީ އަހަރެން ހިތަށްވެސް ނާރާ ލަފުޒެކެވެ. "ކާފަ." އަހަރެންގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލި ހެންނެވެ. ކުއްލިޔަކަށް ތުރުތުރު އަޅަން ފެށިއެވެ. ރުޅިއާއި ކަންބޮޑުވުން އެކުއެކީ އަހަރެންގެ މުޅި ހަށިގަނޑު ވަށާލި ކަހަލައެވެ. އެހެންނަމަވެސް ކެތްތެރި ކަމާއިއެކީ، ޒީންގެ އަތުގައި ހިފާ އޭނާ ބޭރަށް ނެރުނީމެވެ. އަދި ޒީން އުރާލައިގެން މަޑުމަޑުން އެނދުމަތީގައި އިށީންދެލީމެވެ. "ދަރިފުޅު ތި ބުނީ ކޮން ކާފައެއްގެ ވާހަކައެއް؟" ވަރަށް ޖެހިލުންވެ އިނދެ އަހަރެން ޒީންއާއި ސުވާލުކޮށްލީމެވެ. "އަޑުގަދަ ކާފަ. މަންމަ ގެންދަނީ، ތުއްތަ ގެންދަނީ." ޒީން ބުނަން ބޭނުންވެގެން އުޅުނު ވާހަކަ އަހަރެންނަށް ކޮންމެވެސް ވަރަކަށް ފަހުމްވިއެވެ. އެވަޤުތު އަހަރެންގެ ޚިޔާލަށް އައީ ދެވަނަ ދެމީހެއް ނޫނެވެ. އަހަރެންގެ ބައްޕައެވެ. ބައްޕަ ގެއަށް އައީކަމަށް އަހަރެންނަށް ޔަޤީންވިއެވެ. ކުރިއެކޭވެސް އެއްގޮތަށް ކޮންމެވެސް ހައިޖާނެއް ހެދީކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. އެހިނދު އަހަރެންނަށް ރުޅި އާދެވުނެވެ. އެހެންނަމަވެސް އަހަރެންގެ ގަދަ ރުޅި ޒީންއަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން ޒީން ގާތުގައު ބަސްއަހައިގެން ކޮޓަރީގައި އިނުމަށް ބުނުމާއިއެކު ބޭރަށް ނިކުތީމެވެ. އޭރު ޖުމާނާ، ޖުވޭދާ އަދި ޢައިޝާވެސް އިނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. އަހަރެން ގެއަށް އައުމުން ހިމާޔަތެއް ލިބުނުކަމުގެ އިހުސާސެއް އެމީހުންގެ މޫނުމަތިން ފެންނަން ހުއްޓެވެ. އަހަރެން އެދިޔަ ބާރުމިނުގައި ގޮސް ޖުމާނާ ކައިރިޔަށް ހުއްޓުނީމެވެ. "ބައްޕަ އައީ ދޯ؟ ކިހިނެއް ހެދީ؟ ކީކޭ ބުނީ؟" އަހަރެން ރުޅިގަދަ ވެފައި ހުރިތަން ފެނުމާއިއެކު ޖުމާނާ ބިރުގަތެވެ. އެވަޤުތު ޢައިޝާ އަހަރެން ކައިރިއަށް އައިސް ހަމަޖެހުމަށް ބުންޏެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް މަޑުމަޑުން ސޯފާގައި ބޭންދިއެވެ. "އާން ބައްޕަ އައިސް އެދިޔައީ." "އެހާ ފަސޭހައިން ދާނެ މީހެއް ނޫން އެއީކީ. ޔަޤީން ކޮންމެސް ކަމެއް ކޮށްފަ ހުންނާނީ. ޒީން ބުނެފި އަހަރެން ކައިރީގަ. މަންމަ ގެންދަން އުޅުނީއޭ، ތުއްތަ ގެންދަން އުޅުނީއޭ." އެވަޤުތު ޖުމާނާ އައިސް އަހަރެންގެ ކައިރީގައި އިށީންދެލިއެވެ. ބައްޕަގެ ކުރިމަތީގައި ޖުމާނާ ދެއްކި ހިތްވަރާއި ބައްޕަ ކަންތައް ކުރަން އުޅުން ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. ގެއަށް ވަދެގެން އައީ ވަރަށް ބާރަށް ހަޅޭއްލަވަމުން އަހަރެންނަށް ގޮވަމުން ކަމަށް ބުންޏެވެ. އަދި ބައްޕަ އަލުން ގެއަށް އަންނަން ބޭނުންވާ ވާހަކަ ބުނި ކަމަށް ބުންޏެވެ. ނުވިތާކަށް ޖުވޭދާއާއި ޢައިޝާ ބައްޕައާއިއެކު ގެންދަން ބޭނުންވާ ވާހަކަވެސް ބުންޏެވެ. ބައްޕަގެ ގަދަ އަޑަށް ބިރުން ޒީން ދުވެފައި ކޮޓަރިތެރެއަށް ދާން ދުއްވައިގެން ވަޤުތު އެފަކީރުގެ ކުރިމައްޗަށް އަރާފައި އެއީ ކާފަކަމަށް ބުނެ، ތަޢާރަފު ކޮށްދިން ވާހަކަވެސް ބުންޏެވެ. އެހެންނަމަވެސް ޖުމާނާ ދުވެފައި އައިސް ޒީން ކޮޓަރިއަށް ފޮނުވާލީއެވެ. އަދި ޖުމާނާ ހިތްވަރާއިއެކު ބައްޕައާއި ކުރިމަތިލާ، ހުރިހާކަމެއް ހަމައައަކަށް އެޅުވީއެވެ. ބައްޕަ ނިކުމެގެން ދަމުން އަހަރެންނާއި ބައްދަލުކުރަން ބޭނުންވާކަމަށް ބުނެ، ބައްޕައާއި ބައްދަލުވާނެ ތަނެއްވެސް ބުނިކަމަށް ޖުމާނާ ބުންޏެވެ. އެހުރިހާ ވާހަކައެއް ދައްކަމުން ދިޔަވަރަކަށް އަހަރެންގެ ރުޅި ގަދަވަމުން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ރުޅި ނާންނަވަރަށެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ ތުއްތު ދަރިފުޅުގެ އެނދު ތަންދޮށުގައި އޮތްގޮތް އަދިވެސް އަހަރެންގެ ލޯމަތިން ފެންނަމުން ދިޔައެވެ. އެހެންކަމުން އަހަރެންގެ ގަދަ ރުޅިއާއިއެކު، ބޭރަށް ނިކުމެ ހިނގައިގަތް ވަޤުތު މީހަކު ފަހަތުން ގޮވާލިއަޑު އިވިގެން އެނބުރި ބަލައިލީމެވެ. އަހަރެންގެ ފަހަތުގައި ހުރީ ޝާމިލްއެވެ. އާނއެކެވެ. ޝާމިލް ހަމަ މަގަށް އަޅުވަން އޭނާގެ އަނބިމީހާއަށް އަހަރެން ވަޢުދުވީތާ ގިނައިރެއް ނުވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއްގެ ޚިޔާލެއްވެސް އެވަޤުތު އަހަރެންގެ ނެތްކަހަލައެވެ. އަހަރެން އޭނާއާއި ދިމާއަށް އެނބުރިލި ވަޤުތު، ޝާމިލް އައިސް އަހަރެންގެ ކިބައިން މަޢާފަށް އެދެން މަސައްކަތް ކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިސްލާހުވާން މަސައްކަތް ކުރާނަންކަމަށް ބުންޏެވެ. އެހެންނަމަވެސް އޭނާ ދައްކަމުން ގެންދިޔަ ވާހަކަ އަހަރެން އެވަޤުތު އަޑުއަހަން ބޭނުން ނުވި ކަހަލައެވެ. އެއާއި ޚިލާފަށް އަހަރެން އޭނާގެ ކިބައިން އެދުނު ކަންތަކުން އޭނާގެ ހިތުގައި އުފެދުނީ ސުވާލެކެވެ. "ޝާމިލް، ޖީބުގަ ޕެކެޓެއް އޮތިއްޔާ ދީބަލަ." ޝާމިލް ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް އޭނާ އިތުރު އެއްޗެއް ނުބުނެ އުޅެނިކޮން އަހަރެން އަމިއްލައަށް އޭނާގެ ޖީބަށް އަތްބާނާފައި، އޭނާގެ ޖީބުގައި އޮތް ޕެކެޓެއް ނެގީމެވެ. އޭގައި ހުރީ ކޯޗެއްތޯ އަދި ކިހާވަރަކަށްތޯވެސް އަހަރެން ނުބަލަމެވެ. އެހެނެއްކަމަކު، އަހަރެން އޭގައިވާ ހުރިހާ އެއްޗެއް ހަށިގަނޑުގެ ތެރެއަށް ހުސްކޮށްލީމެވެ. އަހަރެން ހުއްޓުވަން ޝާމިލް މަސައްކަތްވެސް ކުރިއެވެ. އެހެންނަމަވެސް އޭނާއަކަށް އެކަން ކަމިޔާބެއް ނުކުރެވުނެވެ.

އެއަށްފަހު ހިނގައިގަތީ ބައްޕައާއި ބައްދަލުކުރަން ޖުމާނާ އަހަރެންގެ ގާތުގައި ބުނެފައިވާ ތަނަށެވެ.  އަހަރެން ދިޔައީ މައްޗަންގޯޅީގައި ހުރި ހޮޓަލަކަށެވެ. އެހޮޓަލުގައި ރާޒުވާކުޅެން ޚާއްޞަކޮށްފައި ހުރި ވަކި ތެނެއްގައި ބައްޕަ އިނެވެ. ރައްޓެހިންނާއިއެކު ރާޒުވާ ކުޅޭށެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތްކަހަލައެވެ. މީގެ އިރުކޮޅެއް ކުރިން އަމިއްލަ ދަރިފުޅާއި ދަނބިދަރިފުޅު، އޭނާގެ ވިޔަފާރީގެ ޝިކާރައަކަށް ހަދަން އުޅުނުކަމުގެ ވާހަކަ ރައްޓެހިން ގާތުގައި ދައްކަމުން ގެންދިޔައެވެ. އެއީ ފަޚުރުވެރި ކަމެއްކަމަށް ހަދައިގެންނެވެ. އެއަޑުތައް އިވުމާއިއެކު އަހަރެންގެ ލޭ ކެކިގެން ދިޔައެވެ. އަދި ދެފަރާތަށް ހޫރެމުން ކަހަލަ ގޮތަކަށް ގޮސް ބައްޕަގެ ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ނެގީމެވެ. އެވަޤުތު އަހަރެންނަށް ލިބިފައި ހުރީ ކޮންކަހަލަ ބާރެއް ކަމެއްވެސް ނޭންގެއެވެ. "މޫސާ، ކަލޭ ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟ ލަދެއް ޙަޔާތެއްވެސް ނެތީތަ؟ އަހަރެން މިހެން ސަލާމަތުން ހުއްޓާ ތިވިސްނާ ކަހަލަ އެއްކަމެއްވެސް ނުކުރެވޭނެ." އަހަރެންގެ ރުޅިގަނޑު ހުރީ އަރާ މަތިފަޑިގައެވެ. އެވަޤުތު އަހަރެން ދުރުކުރަން ކައިރިވީ މީހާވެސް ދުރަށް ވިއްސާލެވުނެވެ. އެމީހާއަށް ވީ ކިހާވަރެއްގެ އަނިޔާއެއްތޯވެސް އަހަރެން ނުބަލަމެވެ. އަނެއްކޮޅުން ބައްޕަވެސް އަހަރެންގެ ގިރުވާނުގައި ހިފިއެވެ. ކަރާއި ހަމައަށް އަތް ނުގޮސް ހުރީ ހަމަ ކިރިޔަކިރިޔާއެވެ. "ޖުނޭދު ކަލޭ ކިތަންމެ ރުޅިއަޔަސް އަހަރެންގެ ގެއެއްގަ އަހަރެންނަށް އުޅެވޭނެ." އެހެން ބުނުމާއިއެކު ފާޑަކަށް ހީގަތެވެ. ޝައިޠާނީ ޒާތަކަށެވެ. އޭރުވެސް ބައްޕަ ހުރީ އަހަރެންގެ ގަމީހުގެ ގިރުވާނުގައި ބާރަށް ހިފަހައްޓައިގެންނެވެ. އަހަރެންނެއްވެސް ދުލެއް ނުކުރަމެވެ. ހަމަ އެގޮތުގައި ހުރީމެވެ. "ޖުވޭދާ ބޮޑުވެއްޖެ ދޯ. އެމަންޖެ ހާދަ ރީއްޗޭ. ހަމަ ޝަރީފާގެ ޒުވާން ދުވަސްވަރު ހަނދާންވީ. ކަލޭގެ އަންހެނުންވެސް ހަމަ އެހާ ރީތި." "މޫސާ." އަހަރެން ކަރުބުޑުން ހަޅޭއްލަވައިގަތީމެވެ. އަދި ބައްޕަ ދުރަށް ހޫރާލީމެވެ. އިތުރު ހަމަލާއެއް ދޭން ވިސްނާލުމާއިއެކު ވަށައިގެން ދިމަދިމާއަށް ބަލައިލީމެވެ. އެވަޤުތު ކައިރީގައި ހުރި މޭޒުމަތީގައި ހުރި ކޮކާކޯލާގެ ބިއްލޫރި ފުޅިއެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެދިޔަގޮތަށް ގޮސް ފުޅި އަތަށް ނަގާ، މޭޒުމަތީގައި ޖެހިޖެހީނުން ފުޅީގެ ފޫ ތަޅާލީމެމެވެ. ހަމަ އެބާރުމިނުގައި ގޮސް ބައްޕަ ކޮޅަށް ތެދުވެތެދުވެ އޮއްވާ ބަނޑަށް ހަރާލީމެވެ. އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ކައިރީގައި ތިބި މީހުންގެ ތެރެއިންވެސް އެއްވެސް މީހަކަށް އަހަރެންނާއި ކައިރިވާކަށް ނުކެރުނެވެ. އަހަރެން ހުއްޓާލީ ވަރުބަލި ވެގެންނެވެ. އޭރު ބައްޕަގެ ވިންދެއް ނެތެވެ. މުޅި ތަން އޮތީ ލެއިން ތަތްތެޅިފައެވެ. އަހަރެން ކޮޅަށް ތެދުވެ، ފުޅިގަނޑު އެއްލައިލިއިރު، ފުލުހުން އައިސް ހޮޓަލަށް ވަންނަނީއެވެ.

އާނއެކެވެ. މިއަދު އަހަރެން މި އިނީ ޖަލުގެ ކުޑަގޮޅީގައެވެ. އަހަރެންގެ އަނބިމީހާއާއި ދަރިފުޅު އަދި ދެކޮއްކޮ އެތިބީ އެކަނިވެރިވެފައެވެ. މިދުވަސް އެމީހުން ދެކެން މެދުވެރިވި ސަބަބަކީ ޚުދު އަހަރެންނެވެ. ސަބަބަކީ އަހަރެންގެ އީމާންތެރިކަމުގެ މައްޗަށް ރުޅި އިސްކުރުމެވެ. އަހަރެންގެ ގަދަ ރުޅީގެ ސަބަބުން ވިސްނާނުލާ ކުރެވުނު ވިޔާނުދާ ޢަމަލުންނެވެ. އެފަދަ ވިޔާނުދާ ޢަމަލެއް ހިންގަން މެދުވެރި ކުރުވި ސަބަބަކަށްވީ މަގުން ކައްސާލާފައިވާ އަހަރެންގެ މިތުރެއް ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އަހަރެން އޭނާ ކުށްވެރިއެއް ނުކުރާނަމަވެ.  އެހެނެއްކަމަކު މިހުރިހާ ކަމެއް މިހެން ދިމާވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ އަހަރެންގެ ބައްޕައެވެ. ވީއިރު މި ހުރިހާ ކަމެއްގެ ޒިންމާވެސް ނަގަން ޖެހޭނީ އެ ބައްޕައެވެ. އެހެނީ، އަހަރެންގެ މަންމަ ޙާލުގައި ޖެއްސި މީހަކީވެސް އެ ބައްޕައެވެ. އެހާ ނިކަމެތި ގޮތަކަށް އަހަރެންގެ މަންމަ ނިމިގެންދިޔަ ސަބަބަކީވެސް އެ ބައްޕައެވެ. އަހަރެންގެ މުޅި ދިރިއުޅުމާއި މުސްތަޤުބަލު ބިނާކުރަން ދެކެމުން އައި ހުވަފެންތައް ފުނޑުފުނޑުކޮށްލަން ޖެހުނު ސަބަބަކީވެސް އެ ބައްޕައެވެ. އަހަރެންގެ މަޢުސޫމު ދަރިފުޅު، ބައްޕައެއްގެ ލޯބިން މަހުރޫމުވާން މެދުވެރިވި ސަބަބަކީވެސް ހަމަ އެ ބައްޕައެވެ.

ނިމުނީ -

 

ވާހަކަސަބަބު

ގުޅުންހުރި ޚަބަރު