ދިވެހި|English 23 ނޮވެމްބަރު 2026 · 16:32
Top banner
Advertisement
އިންތިޒާރު (އަށްވަނަ ބައި)
ވާހަކަ

އިންތިޒާރު (އަށްވަނަ ބައި)

މަރިޔަމްފުޅުގެ ފިކުރު ސާއިދުއަށް ވިސްނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކީ އޭނާގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ.

ޝޝިޔާމާ އަޙްމަދު (ސިޔައްތަ)20 ނޮވެމްބަރު 2026

"އާން، އެއީ ސާރާ. އޭނަ އަހަރެންނަށް ގުޅީ" ވަރަށް ޖެހިލުންވެ ހުރެ ސާއިދު ބުނެލިއެވެ. އެއީ މުޅިޔަކުން ދޮގެއްވެސް ނޫންތާއެވެ. އެންމެފަހުން ވާހަކަ ދެއްކީ ސާރާ އަމިއްލައަށް ގުޅައިގެންތާއެވެ. ސާއިދު، އޭނާގެ ބައްޕައާއި ވާހަކަ ދެއްކިއިރު އިސްދަށަށް ޖަހައިގެން ހުރި ކަމުގައި ވީނަމަވެސް، އޭނާ ގެންދިޔައީ ބައްޕަގެ ހަރަކާތަށް ވައްކަޅިން ބަލަމުންނެވެ. ބައްޕަ ދޭނެ ޖަވާބަކަށްޓަކާ ހިތުގައި ބިރުވެތިކަން އޮތަތީވެސް މެއެވެ. "ސާއިދުއަށް ވިސްނައިދޭނެގޮތެއް ބައްޕައަކަށް ނޭންގުނު. މިހާރު ދެން އެކި ފަހަރުމަތިން އެކި ގޮތްގޮތަށް މިވާހަކަ ދެކެވިއްޖެއެއްނު. ބައްޕަ ދެން މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ސާއިދުއަކާ ނުދައްކާނަން. އެކަމަކު އުންމީދުކުރަން އަމިއްލަ ފައިމައްޗަށް ފުރޯ ވައްޓާނުލާނެ ކަމަށް." ޙަސަން ވަޙީދުގެ ފަހުބަސް އިއްވި ކަހަލައެވެ. އެހެނީ ހަރުކަށި ރާގަކަށް އެހެން ބުނެލުމާއިއެކު އެތަނުން ނިކުމެގެން ދިޔުމަށް ހިނގައިގަތެވެ. "ބައް...ޕަ ތި.. ދަނީ ކޮން..ތާކަށް؟" އެވަޤުތު ވަރަށް ޖެހިލުންވެ ހުރެ ސާއިދު ސުވާލު ކޮށްލިއެވެ. "އަންނާނަން ނަމާދުކޮށްލައިގެން." ޙަސަން ވަހީދު ދިޔުމުން ސާއިދު އޭނާގެ މަންމައާއި ދިމާއަށް އެނބުރިލިއެވެ. މަރިޔަމްފުޅު އޮތީ ކޮންމެވެސް ވަރަކަށް ފެންކަޅި ވެފައެވެ. ސާއިދު އޭނާގެ މަންމަ ކައިރީގައި އިށީންދެލާފައި، މަންމަގެ އަތް ނަގާ އޭނާގެ އަތްމަތީގައި ބާއްވާލިއެވެ. ވަރަށް މަޑުމައިތިރި ކޮށެވެ. "މަންމަ ކޮންކަމަކާ ތި ކަންބޮޑުވަނީ. ޑޮކްޓަރު ބުނުއްވީ މާބޮޑު ކަމެއް ނޫނޯ. ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ވާހަކަވެސް ބުނުއްވި." ސާއިދު އޭނާގެ މަންމައަށް ތަސައްލީއެއް ދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އަދި ކޯތާފަތް މައްޗަށް ފައިބަމުންދިޔަ ކަރުނަތައް ފޮހެލައިދިނެވެ. "މަންމަ މި ރޮނީ މަންމަގެ ޙާލަތާމެދު ވިސްނާފައެއް ނޫން ދަރިފުޅާ." "ދެން އެހެންވިއްޔާ ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟" ވަރަށް ކަންބޮޑުވެ އިނދެ ސާއިދު ސުވާލު ކޮށްލިއެވެ. "ދެވަނަ ޙަސަން ވަޙީދެއް ފެނިދާނެ ކަމުގެ ބިރު މަންމަގެ ހިތުގަ އުފެދުނީތީ." ތުންފަތުގައި ތުރުތުރެއް ހުރިނަމަވެސް މަރިޔަމްފުޅު، އޭނާގެ ކަންބޮޑުވުން ފައުޅުކުރެވޭތޯ މަސައްކަތް ކުރިއެވެ. "މަންމައަށް ކީއްވެ އެހެން ހީވަނީ؟ މަންމަ އަހަރެންނަށް އިތުބާރު ނުކުރަނީތަ؟" ސާއިދުގެ މަންމަގެ ހިތުގައި އެފަދަ ވިސްނުމެއް އުފެދުނީތީ އޭނާ ދެރަވި ކަހަލައެވެ. "މަންމަމެންނަށް ދެރައެއް ލިބޭވަރުގެ ނުވަތަ އަހަރެންގެ މައިންބަފައިން ލަދުގަންނަން ޖެހޭފަދަ އެއްވެސް ކަމެއް އަހަރެންނެއް ނުކުރާނަން. އެވަރުގެ ޔަޤީންކަން އަހަރެން މަންމައަށް ދެން." ފެންކަޅިވެފައިވާ ޙާލުގައި އިނދެ އޭނާގެ މަންމައަށް ޖަވާބު ދެވޭތޯ ސާއިދު މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭރުވެސް މަރިޔަމްފުޅުގެ އަތް އޮތީ ސާއިދުގެ އަތުތެރޭގައެވެ. "މަންމަ ދެން އެކަހަލަ ކަންތަކާ ނުވިސްނަބަލަ. ދެން އިހަށް އަރާމުކޮށްލާ. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ސާއިދު ބޭނުންވީ އެހުރިހާ ފިކުރެއްގެ ތެރެއިން އޭނާގެ މަންމަ ދުރަށްލާށެވެ. ސާއިދުގެ ބަސް ޤަބޫލުކޮށްގެން މަރިޔަމްފުޅު އަރާމުކޮށްލުމަށްޓަކާ ލޯ މަރާލިއެވެ. އެހެނަސް އޭނާގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. ކުރިމަގުގައި ވެދާނެ ގެއްލުމެއްގެ ކަންބޮޑުވުމެވެ.

މަރިޔަމްފުޅުގެ ފިކުރު ސާއިދުއަށް ވިސްނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކީ އޭނާގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. އޭނާގެ ހިތުގައި، ސާރާއަށްޓަކާ އުފެދިފައިވާ ލޯތްބަކީ އިއްޔެއަކު މިއަދަކުގެ ކަމެއް ނޫނެވެ. އެއީ ލޯބީގެ ޖަޒުބާތާއި އިހުސާސްތައް ރަނގަޅަށް ދަސް ނުވަނީސްވެސް އެނާގެ ހިތުގައި އުފަންވެފައިވާ ލޯތްބެކެވެ. ވީއިރު އޭނާގެ މަންމަ ކިތަންމެ ކަންބޮޑުވިޔަސް، އެ ޚިޔާލު ދޫކޮށްލާކަށް އެހާ ފަސޭހައެއް ނުވާނެތާއެވެ. އެހެންނަމަވެސް މިވަޤުތު ދެން އިތުރަށް އެވާހަކަ ދައްކާކަށް ސާއިދު ގަސްތެއް ނުކުރިއެވެ. އެހެނީ އޭނާގެ މަންމައަށް އިތުރު ފިކުރުތަކެއް ދޭން ސާއިދުގެ ހިތް ނުރުހުނީތީއެވެ. އެހުރިހާ ވިސްނުމެއްގެ ތެރޭގައި އިން އިރުވެސް ސާއިދުގެ ތުންފަތް މައްޗަށް ވަނީ ލުއިލުއި ހިނިތުންވުމެއް ވެރިވެފައެވެ. ހަމަ އެންމެ ޚިޔާލެއްގެ ސަބަބުންނެވެ. އޭނާގެ މުޅި ހިތާއި ސިކުނޑިގައިވަނީ ސާރާއެވެ. އާނއެކެވެ. ސާއިދު އެއިނީ އޭނާގެ ބަލި މަންމަގެ ކައިރީގައި އިށީންދެލައިގެންނެވެ. އެމަންމަގެ ފަރުވާ ދާނެގޮތެއް އަދި މުޅިއަކުން ޔަޤީނެއްވެސް ނޫނެވެ. ވީއިރު އޭނާ އެންމެ ބޮޑަށް ވިސްނަންވެސް ޖެހޭނީ އެކަމާތާއެވެ. އެހެނަސް ކުރާނެކަމެއް ނެތެވެ. އޭނާގެ ހިތަކަށް އަމިއްލަ ބާރެއް މިއަދަކު ނުހިނގިއެވެ. އެޚިޔާލުގެ ތެރޭގައި އިނދެފައި ސާއިދުއަށް ކުއްލިޔަކަށް އޭނާގެ މަންމައާއި ދިމާއަށް ބަލައިލެވުނެވެ. މަންމަ އޮތީ ލޯމަރާލައިގެންނެވެ. އެހެނަސް އެ މަންމަގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދަނީއެވެ. ތުންފަތްމަތީގައި ތުރުތުރެއްވެސް ހުއްޓެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އުޅޭހެންވެސް ހީވެއެވެ. ސާއިދު ކަންބޮޑުވިއެވެ. "މަންމާ، ދެން ތިވަރަށް ނުވިސްނަބަލަ. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ. މަންމަ ތި ވިސްނަނީ އަހަރެންނާއި މެދުކަން އަހަރެންނަށް އެނގޭ. މަންމަ އެއްގޮތަކަށްވެސް ކަންބޮޑުނުވޭ. މަންމަމެން ހިތްހަމަ ނުޖެހޭނެ އެއްވެސް ކަމެއް މަންމަގެ މި ދަރިފުޅެއް ނުކުރާނަން.

އިންޝާﷲ އަދި މަންމަ ދެރަވާ ވަރުގެ ނުވަތަ ލަދުގަންނަން ޖެހޭވަރުގެ އެއްވެސް ކަމެއްވެސް އަހަރެންނެއް ނުކުރާނަން." ސާއިދުއަށް އެނާގެ މަންމަ ގާތުގައި އެ ވެވުނީ ޒާތެއްގެ ވަޢުދެއްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ދެން އެ ވަޢުދު މަތީގައި ދެމިހުރެވޭތޯ ބެލުން އެއީ އޭނާގެ ޒިންމާއެއްކަންވެސް އޭނާ ޤަބޫލުކުރެއެވެ. އެވަޤުތު ސާއިދުގެ ލޮލުން ކަރުނަ ހިލިލިއެވެ. އެހެނީ ދެން އަނބުރާ ރަށަށް ދިޔުމާއިއެކު، ސާރާއާއި ކުރިމަތިލާނީ ކިހިނަކުން ބާއޭ އޭނާގެ ހިތަށް އަރަން ފެށިއެވެ.

ފިކުރުގެ ތެރެއަށް ގެއްލިފައި އިން ސާއިދު ސިއްސައިގެން ދިޔައީ، އޭނާގެ ބައްޕަގެ އަޑު އިވުމާއިއެކުގައެވެ. "ސާއިދު." ސާއިދުއަށް ކުއްލިޔަކަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ޒާތެއްގެ ބިރެއްވެސް ހިތުތެރޭގައި އުފެދުމާއި އެކުގައެވެ. އެއީ ކޮންކަހަލަ ބިރެއް އަދި ކޮންކަމަކާއި ގަތް ބިރެއްކަމެއްވެސް ސާއިދުއަކަށް ނޭންގުނެވެ. ކަންބޮޑުވެފައިވާ ހާލު، އޭނާގެ ބައްޕަގެ ގޮވާލުމަށް އިޖާބާދިނެވެ. "އާން ބައްޕާ ކީކޭ؟" އެއް ނެވާއިން ސާއިދު ބުނެލިއެވެ. "ދަރިފުޅާ، ކިހިނެއްވެފަތަ ތިހުރީ؟" ހައިރާން ވެފައިވާ ނަޒަރަކުން ހަސަން ވަހީދު، ސާއިދުއާއި ދިމާއަށް ބަލައިލިއެވެ. އެ ބަލައިލުމުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް އެކުލެވިގެން ވީކަންވެސް ސާއިދު ދެނެގަތެވެ. "ކަމެއް..ކަމެއްނުވޭ ބައްޕާ. ބައްޕަ ތި އައީ ނަމާދު ކޮށްގެން ދޯ. އަހަރެންވެސް އެބަ އަންނަން ނަމާދު ކޮށްލައިގެން އިނގޭ." އެހެން ބުނުމާއިއެކު އޭނާގެ އަތުގައި އޮތް މޯބައިލް ފޯނު ޖީބަށް ލިއެވެ. އަދި ކުރިޔަށް ހިނގައިގަންނަން ފިޔަވަޅެއް އެޅި ވަޤުތު، ޙަސަން ވަހީދު ބުނެލިއެވެ. "ނަމާދަށްށޭ ކިޔާފަ ދާނީ ނަމާދަށް އިނގޭ، އަނެއްކާވެސް ފޯނު ކަންފަތުގަ ޖަހައިގެން ތަންހަރުވެފަ އިންނާނީކީ ނޫން." ސާއިދުއަށް އޭނާގެ ބައްޕަގެ އަޑުގައި ހުރި ހިތްހަމަ ނުޖެހުން ހަމަ ރަނގަޅަށް ފާހަގަވިއެވެ. އެހިނދު ކަންބޮޑުވެފައިވާ ނަޒަރަކުން ބައްޕައާއި ދިމާއަށް ބަލައިވެސް ލެވުނެވެ. ބައްޕައަށް ޖަވާބު ދިނުމުގެ ބަދަލުގައި އެތަނުން ދިޔުމަކީ މި ވަޤުތަށް އެންމެ ރަނގަޅުވާނެ ގޮތްކަމުގައި ސާއިދުއަށް ހީވިއެވެ. އެހެންކަމުން އިސްދަށަށް ޖަހައިގެން ހުރެ މަޑުމަޑުން ނިކުމެގެން ބޭރަށް ދިޔައެވެ.

ސާއިދު ނަމާދުކޮށްލައިގެން ހޮސްޕިޓަލަށް އައިސް ވަނެވެ. އެވަޤުތު ދެ ޑޮކްޓަރުންނާއި ނަރުހެއް، އޭނާގެ މަންމަގެ އެނދު ކައިރީގައި ހުއްޓެވެ. ޙަސަން ވަޙީދުވެސް އެތަނުގައި ހުއްޓެވެ. ކަންބޮޑުވެފައިވާ ޙާލުގައެވެ. ސާއިދުވެސް ވާނުވާ ނޭންގޭ ޙާލު މަޑުކޮށްލައިގެން ހުރީ ޑޮކްޓަރު ބައްލަވަމުން ގެންދަވާތީއެވެ. އެމީހުންގެ ޖަވާބެއްގެ އިންތިޒާރުގައިވެސް މެއެވެ. ކުޑައިރުކޮޅަކުން ދެ ޑޮކްޓަރުންނާއި ނަރުސް، ޙަސަން ވަހީދުއާއި ސާއިދުއާއި ދިމާއަށް އެނބުރިލިއެވެ. އަދި ފުން ނޭވާއެއް ލުމާއިއެކު ވާހަކަ ދައްކަވަން ފެއްޓެވިއެވެ. "މަރިޔަމް މިހާރު ރަނގަޅު. މިކޮޅުން ހެދި ޓެސްޓުތަކުން ދައްކަނީ ކުޑަކުޑަ ސްޓްރޯކެއް ކަމަށް. އެކަމަކު ކަންބޮޑުނުވޭ. އަނެއްހެން ހުރިހާ ކަމެއްވެސް ރަނގަޅު.  އެކަމަކު މާލެއަށް ގޮސް އަލުން ހުރިހާ ޓެސްޓުތަކެއް ހަދާލުމަށް އަޅުގަނޑުމެން ލަފާދެން." ޑަކްޓަރުގެ ވާހަކައިން ޙަސަން ވަހީދުއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ސާއިދުއަށްވެސް ހިތްހަމަ ޖެހުމެއް ލިބުނު ކަހަލައެވެ. އެހެންނަމަވެސް ސާއިދު އިތުރަށް އޮޅުން ފިލުވަން ބޭނުންވެގެން، އަނެއްކާވެސް ޑޮކްޓަރާއި ސުވާލު ކުރިއެވެ. "އެހެންވިއްޔާ މަންމައަށް އަސްލު ވީގޮތެއް ބުނެދެއްވަފާނަންތޯ.؟" "ހީވާގޮތުން ތަންކޮޅެއް ސްޓްރެސް ބޮޑުވީ. ފިކުރު ކުރުމާ ތަންކޮޅެއް ދުރަށް ޖެހިލަނިކޮން ވަރަށް ބޮޑުތަން ރަނގަޅުވާނެ. އަދި ލޭގެ ޕްރެޝަރވެސް މަތިނުވެ ބެހެއްޓޭތޯ ވަރަށް މަސައްކަތް ކުރަންވާނެ އިނގޭ." ޑޮކްޓަރުގެ ޖަވާބު އަޑު އިވުމާއިއެކު، ޙަސަން ވަޙީދު، ސާއިދުއާއި ދިމާއަށް ނުރުހުމުގެ ނަޒަރަކުން ބަލައިލިއެވެ. ހީވަނީ އެހުރިހާ ކަމެއްގެ ޒިންމާ ސާއިދުގެ ބޮލުގައި އެޅުވިހެންނެވެ. ސާއިދު އިސްދަށަށް ޖަހާލިއެވެ. ޙަސަން ވަހީދުގެ އެ ބެލުމުގައިވާ ވާހަކަތައް ސާއިދުއަށް ނަގައިގަނެވުނު ކަހަލައެވެ. އާނއެކެވެ. މަރިޔަމްފުޅުވެސް ސާއިދުއާއިމެދު ވިސްނައެވެ. އެހެނީ މާޒީގައި ކަންތައްތައް ވެގެންދިޔަގޮތް އެންމެ ގާތުން ލޮލުން ދެކެ އަތުން ހިފި މީހަކީވެސް މަރިޔަމްފުޅެވެ. އޭނާގެ ކުރިމަތީގައި ޙަސަން ވަހީދަށް ވެގެންދިޔަ ގޮތާއި އެޅުނު އިލްޒާމުތައް ތަހަންމަލުކުރި އެކަކީވެސް ޚުދު މަރިޔަމްފުޅެވެ. ވީއިރު އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އެފަދަ އަނަދަވަޅެއްގެ ތެރެއަށް ވައްޓާލާކަށް ނޭދޭނެތައެވެ.

އިތުރު އެއްދުވަހު މަރިޔަމްފުޅު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު، ރަށަށް ދިޔުމަށް ޑޮކްޓަރ ހުއްދަ ދެއްވިއެވެ. ޙަސަން ވަހީދު ބޭނުންވީ އިތުރު ވަޤުތު ނަގާނުލާ އެނބުރި ރަށަށް ދިޔުމަށެވެ. އެހެނީ އިތުރު ފަރުވާއަށް މާލެއަށް ދެވޭނީވެސް ރަށަށް ގޮސްގެންތާއެވެ. މަރިޔަމްފުޅު ގޮވައިގެން  ދިޔަ ލޯންޗު  އެރަށުގެ ނެރުން ބޭރުވުމާއިއެކު ސާއިދުގެ މޭ ބާރަށް ތެޅެން ފެށިއެވެ. ހަމައެއާއި އެކުއެކީ ހިތަށް ޒާތެއްގެ ނުތަނަވަސްކަމެއްވެސް ވެރިވާން ފެށިއެވެ. ފަހަރެއްގައި ސާރާއާއި ސާއިދުގެ ގުޅުމަށް ދެފަރާތުގެ މައިންބަފައިންވެސް ނުރުހޭނެކަން އެނގޭތީކަމަށް ވެދާނެއެވެ. އެއީ ހަމައެކަނި ރަހުމަތްތެރިކަން ކަމަށް ވިޔަސްމެއެވެ. އެހެންކަމުން ކުރިޔަށް އޮތް ވިއްސަކަށް މިނެޓުގެ ތެރޭގައި ކޮންމެވެސް ގޮތަކަށް އެކަން ނިންމުމަށް ސާއިދުއަށް މަޖުބޫރުވީ ކަހަލައެވެ. އެހެނީ އެމީހުން ރަށަށް ދިޔަކަން ސާރާއަށް އެނގުމާއިއެކު އޭނާ ސާއިދުއާއި ގުޅަން މަސައްކަތް ކުރާނެކަންވެސް އެނގޭތީއެވެ. އެހެންކަމުން ކޮންމެވެސް ބަހަނާއަކުން ނަމަވެސް ސާއިދު ބޭނުންވަނީ ސާރާއާއި ތަންކޮޅެއް ދުރުގައި ހުރެލާށެވެ. ވަޤުތުކޮޅަކަށް ނަމަވެސް މެއެވެ. އެގޮތުގެ މަތިން ސާއިދު އޭނާގެ އަމިއްލަ ހިތަށް ވިސްނައިދެމުން ގެންދިޔައެވެ. އެއްވެސް ޙާލެއްގައި ސާރާއާއި އެއްވެސް ގޮތަކުން މުޢާމަލާތް ނުކުރުމަށެވެ. ފަހުންވާނެ ގޮތެއް ފަހުން ވިސްނުމުގެ ޚިޔާލުގައި އިނދެގެންނެވެ. ފުން ނޭވާއެއް ލުމާއިއެކީ ސާއިދު ކޮންމެވެސް ވަރަކަށް ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އާނއެކެވެ. ސާއިދު ގޮތްނިންމައިފިއެވެ. އޭނާ މީގެފަހުން ހުންނާނީ ސާރާއާއި ދުރުގައެވެ. ވަޒީފާވެސް ތަންކޮޅެއް ދުރަށް ބަދަލުކުރަން ނިންމީއެވެ. އެހިނދު ސާއިދުގެ ލޮލުން ކަރުނަ ހިލިލިއެވެ. އަދި އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ގެންދިޔައެވެ. "އަހަރެންގެ މި ނިންމުމަށް ޚުދު އަހަރެންގެ ހިތް ނުރުހިގެން މިއުޅެނީ ކީއްވެގެންބާއެވެ؟ ކޮންމެގޮތެއްވިޔަސް އަހަރެންނަށް މުހިންމުވާން ޖެހޭނީ އަހަރެންގެ މައިންބަފައިން ނޫންހެއްޔެވެ؟ ސާރައަކީ އެންމެ ކުޑައިރުއްސުރެ އަހަރެންނާ މާކަށް ރުހޭ މީހެއްވެސް ނޫނެއް ނޫންހެއްޔެވެ؟ ވީއިރު ކުޑަ ހިނދުކޮޅަކަށް އޭނާ އަހަރެންނާ ރުހުމުގައި ވާހަކަ ދައްކާލުމުން އަހަރެންގެ ދެދުނިޔޭގެ ބާއްޖަވެރިކަން ކަމުގައިވާ މައިންބަފައިންނާ ޚިލާފަށް ކަންތައް މިކުރެވެނީ ކީއްވެގެންބާއެވެ؟ ހަމަގައިމުވެސް ސާރާގެ ހިތުގެ ނިޔަތެއް އަހަރެންނަކަށް ނޭންގެއެވެ. އެހެނީ ފެށުނީއްސުރެވެސް އޭނާ އައީ އަހަރެންނަށް މަލާމާތް ކުރަމުންނެވެ. ކޮންމެ ތަނެއްގައިވެސް އަހަރެންގެ އަގުވައްޓާލާކަށް އޭނާ ފަހަކަށް ނުޖެހެއެވެ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކަށްވާނީ އަހަރެން އޭނާއާއި ދުރަށް ޖެހިލުމެވެ. އަމުދުން އަހަރެންގެ މައިނަބަފައިންގެ ނުރުހުމުގައި އެފަދަ ޔަޤީންކަން ނެތްކަމަކާއި ދުރުހެލިވެ ހުރުން ބުއްދިވެރިއެވެ."

މިފަދަ އެތައް ފިކުރެއްގެ ތެރެއަށް ގެނބިފައި އިންދާ ލޯންޗުގެ އިންޖީނު މަޑުކޮށްލިހެން ހީވެގެން ސާއިދު ހަމަޖެހިލާފައި ބަލައިލިއެވެ. ލޯންޗު އޮތީ ރަށުގެ ފަޅުތެރެއަށް ވަދެފައެވެ. އެހިނދު ސާއިދު ހަމަޖެހިލާފައި އޭނާގެ ދެއަތުން މޫނުމަތި ރަނގަޅަށް ފޮހެ ސާފުކޮށްލިއެވެ. އަދި އޭނާ އިންތަނުން ކޮޅަށް ތެދުވެލާ، މަންމަގެ ކައިރިޔަށް ގޮސް ހުއްޓިލިއެވެ. މަންމަގެ އަތުގައި ހިފައިގެން ލޯންޗުން ބޭލުމަށްޓަކައެވެ. މަރިޔަމްފުޅުވެސް ސާއިދުއާއި ދިމާއަށް މަޑުމަޑުން އިސް އުފުލާ ބަލައިލިއެވެ. އަދި މަރިޔަމްފުޅާއި ދިމާއަށް ސާއިދު ދިއްކޮށްލައިގެން ހުރި އަތުގައި ހިފައިގެން ތެދުވަން މަސައްކަތް ކުރިއެވެ. ސާއިދު އޭނާގެ މަންމަ ބަނދަރަށް ބޭލުމާއިއެކު، އަތުގައި ހިފައިގެން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެވަޤުތު ފަހަތުން ޙަސަން ވަހީދު ގޮވާލިއަޑު އިވުނެވެ. ސާއިދު އެނބުރި ބަލައިލި ވަޤުތު ޙަސަން ވަހީދުވެސް ހުރީ އެ ދެމައިންނާއި ދިމާއަށް މިސްރާބު ޖަހާފައެވެ. ހަލުވި  ހިނގުމެއްގައި ހިނގާލާފައި އައިސް މަންމަ ގޮވައިގެން ގެއަށް ދިޔުމާއިއެކީ އަނބުރާ ރިސޯޓަށް ދިޔުމުގެ ކަންތައް ހަމަޖައްސަން ޖެހޭނެ ކަމަށް ހަސަން ވަޙީދު ބުންޏެވެ. ކިޔަމަންތެރި ދަރިއެއް ފަދައިން ސާއިދުވެސް އެކަމަށް އެއްބަސްވިއެވެ. އެރޭ ރޭގަނޑުގެ ކެއުން ނިންމާލުމާއިއެކު ސާއިދު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައި ހުރުމާއިވެސް އެކުގައެވެ. އެދުވަހުގެ ހަތަރުދަމު ކަހަލަ ގޮތަކަށް ސާއިދުގެ ހިތާއި ސިކުނޑިވަނީ ސާރާގެ ޚިޔާލުތަކުން ވަށާލާފައެވެ. ދެން ކުރިޔަށް ކަންތައް ކުރާނެގޮތް އަމިއްލައަށް ނިންމާފައެވެ. އެހެނަސް އެއީ އޭނާގެ އަމިއްލަ ނަފްސު  އެކަމަށް މަޖުބޫރު ކުރުވައިގެން ނިންމި ނިންމުމަކަށް ވުންވެސް އޭގެ އަސްލަކަށް ވެދާނެއެވެ. އެހިނދު ސާއިދު ފެންކަޅިވިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެނދުމަތީގައި އުޑުތިލަމަތިން ހުރަހަށް އޮށޯވެލައިގެން ފަންގިފިލާއާއި ދިމާއަށް ބަލަހައްޓައިގެން ސާއިދު އޮތްއިރު، އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ކަންފަތަށް ދިމާއިން ފައިބަމުން ގޮސް އެނދުގެ ގޮދަޑި ތެމެމުން ދިޔައެވެ. ދެފައިއޮތީ ބިންމަތީގައެވެ. އެވަޤުތު ސާއިދު ސިއްސައިގެން ދިޔައީ ފޯނުގެ ރިންގުގެ އަޑަށެވެ. އެއިރު ފޯނު އޮތީ އެނާގެ އަތުތެރޭގައެވެ. މާބޮޑު ފަރުވާލެއްނެތި އަތް މަޑުމަޑުން ހިއްލާލުމާއިއެކު ފޯނުގެ ޑިސްޕްލޭއަށް ބަލައިލިއެވެ. ސާއިދުއަށް ކުއްލިޔަކަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އާނއެކެވެ. އެގުޅަނީ ސާރާއެވެ. ފޯނުގެ ސްކްރީނާއި ދިމާއަށް ބަލަހައްޓައިގެން އިނުމަށްފަހު، އެންމެފަހުން އެކޯލަށް އިޖާބަ ދިނުމަށް ސާއިދު ނިންމިއެވެ. "އައްސަލާމު ޢަލައިކުމް. ސާއިދުއާ ވާހަކަ ދެއްކިދާނެތަ؟" ފޯނުގެ އަނެއްފަރާތުގައިވާ ސާރާގެ އަޑުގައި ހުރީ މަޑުމައިތިރިކަމާއި ލަދުވެތިކަމެވެ. "ވަޢަލައިކުމް ސަލާމް ސާއިދު  މިވާހަކަ ދައްކަނީ." ސާއިދުގެ އަޑުގައިވާ ސީރިޔަސްކަން ސާރާއަށް ފާހަގަވިއެވެ. "ސާއިދު ބަލީތަ؟ ކިހިނެއްވީ؟" ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށް ސާރާ ސުވާލުކޮށްލިއެވެ. "ރަށަށް އައިކަން އެނގޭ. އެކަމަކު މިހާއިރުވީއިރުވެސް ޚަބަރެއް ނުވީމަ މި ބަލައިލީ." "ނޫން އަހަރެން ބައްޔެއް ނޫން. އެކަމަކު...." ސާއިދު ވަރަށް މަޑުމައިތިރި ކަމާއިއެކީ ޖަވާބު ދިނެވެ. "އެކަމަކު ކިހިނެއްވީ؟ އެއްވެސް ކަމަކާ ވިސްނަނީތަ؟" ސާރާ އެންމެފަހުން ކުރި ސުވާލުގެ ޖަވާބުދިނުމަށް ސާއިދުއަށް ކުޑަ ވަޤުތުކޮޅެއް ނެގިއެވެ. އެއަށްފަހު ސާއިދުވެސް ކޮށްލީ ސުވާލެކެވެ. "ސާރާ، އަހަރުމެންގެ މި ގުޅުމަށް ސާރާ ދޭނީ ކޮންކަހަލަ ނަމެއް؟" ސާއިދުގެ އެސުވާލަކީ، ސާރާއަށް މިހާތަނަށް ޖަވާބުދޭން އެންމެ އުނދަގޫވި ސުވާލަށް ވީކަހަލައެވެ. އެހެނީ ސާއިދުއަށް ގޮވާލުން ފިޔަވާ އިތުރު އެއްވެސް އެއްޗެކޭ ސާރާއަކަށްވެސް ނުބުނެވުނެވެ. "އަހަރެން މިއޮތީ ވަރަށް ނިދިއައިސް. ގުޑް ނައިޓް." އެވަޤުތު ވަރަށް ނޫންގޮތަކަށް ސާއިދު ބުނެލިއެވެ. އެއަށްފަހު ސާއިދުގެ ފޯނު ކަނޑާލާކަށް އިތުރު ވަޤުތެއްވެސް ނުނަގައެވެ. ސާރާ އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔަކަމުގެ ފިކުރެއްވެސް ސާއިދުގެ ނެތެވެ.

އަނެއްދުވަހު ފަތިހު ތެދުވެ ނަމާދު ކޮށްލައިގެން ސާއިދު މަސައްކަތްކުރާ ރިސޯޓަށް ދިޔުމަށް ތައްޔާރުވިއެވެ. ދިޔުމުގެ ކުރިން ސާއިދު ބައްދަލުކުރި ހަމައެކަނި މީހަކީ އޭނާގެ މަންމައެވެ. މަރިޔަމްފުޅުގެ އެ ބަލިޙާލުގައިވެސް ސާއިދު ވީހާވެސް އަވަހަކަށް ރަށުން ދިޔުމަށް ޚުދު މަރިޔަމްފުޅުވެސް ސާއިދުއަށް އިލްތިމާސް ކުރިއެވެ. އޭނާގެ ކައިރީގައި ސާއިދު ބަހައްޓަން ބޭނުން ނުވާތީއެއް ނޫނެވެ. އެހެނެއްކަމަކު މިވަޤުތަށް މަސްލަހަތު އެންމެ ރަނގަޅުވާނީ އެގޮތުން ކަމަށް މަރިޔަމްފުޅަށްވެސް ޤަބޫލުކުރެވޭތީއެވެ. އެހެނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެދެމަފިރިންގެ ޒިންމާއެއްކަންވެސް މަރިޔަމްފުޅު ޤަބޫލުކުރެއެވެ. އާނއެކެވެ. ވަޤުތާއި ޙާލާތު މިހާރު ކިތަންމެހާވެސް ތަފާތެވެ. މީގެ ވިއްސަކަށް އަހަރުކުރިން ކަންހިނގާ ދިޔަގޮތަށް މިހާރު ކަން ނުހިނގާ ހުރެދާނެއެވެ. އެހެންނަމަވެސް ދަރިޔަކަށްޓަކާ މައިންބަފައިން ކުރާ ފިކުރަކަށްވެސް ދެބަހެއް ނުވެވޭނެތާއެވެ. އެގޮތުގެމަތިން އޭނާގެ ދަރިފުޅު ހިމާޔަތް ކުރުމަކީޚުދު އޭނާގެ ޒިންމާއެއް ކަމުގައި މަރިޔަމްފުޅު ޤަބޫލުކުރެއެވެ. މަރިޔަމްފުޅުގެ މާޔޫސް މޫނުމަތި ފެނިފައި އެއްވެސް ކަމަކާމެދު ކަންބޮޑު ނުވުމަށް ސާއިދު އޭނެގެ މަންމަގެ ކިބައިން އިލްތިމާސް ކުރިއެވެ. އެއަށްފަހު.  ސާއިދު ބަނދަރަށް ދިޔުމަށް ނިކުތްއިރު ބިންމަތި އަލިވާން ފަށައިފިއެވެ. ރަށުގެ އާދަކާދައިގެ މަތިން ދޮށި ހިފައިގެން ބަނދަރު މައްޗަށް މިސްރާބު ޖަހާފައިވާ މީހުން އެމީހުންގެ މަންޒިލަށް މިސްރާބު ޖަހާފައި ތިއްބެވެ. ސާއިދު ބޭރަށް ނިކުމެ ދެކޮޅު ބަލައިލާފައި ކުރިޔަށް ހިނގައިގަތެވެ. އޭނާ ބަނދަރަށް ދިޔައިރު ލޯންޗު އޮތީ ތައްޔާރަށެވެ. އެހެންކަމުން ބަނދަރުމަތީގައި މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ.  ލޯންޗަށް އަރާ ނައްޓާލުމާއިއެކީ، ސާއިދުއަށް ރޮވޭގޮތްވިއެވެ. އެހެނީ ސާއިދު ދެކޭގޮތުގައި މިއަދު އޭނާ ފުރައިގެން އެދަނީ ދެން ދުވަހަކުވެސް ސާރާއާއި އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ.

-        ނުނިމޭ -

ގުޅުންހުރި ޚަބަރު