ދިވެހި|English 18 ޖުލައި 2026 · 01:13
Top banner
Advertisement
ދިވެހި އަސްކަރީ އެވޭލާ ތާރީޚު-6
ރިޕޯޓް

ދިވެހި އަސްކަރީ އެވޭލާ ތާރީޚު-6

ދިވެހި އަސްކަރީ ބާރުގައި ހަވަރުގެ އިތުރުން އެކިއެކި ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަކުރާ ބައިތަކެއް ނުވަތަ ޔުނިޓުތަކެއް ވެސް ކުރީ ޒަމާނުގައި ހުއްޓެވެ.

ޢޢަބްދުﷲ ސަޢީދު17 ޖުލައި 2026

ދިވެހި އަސްކަރީ ބާރުގައި ކުރިން ހުރި ޔުނިޓުތައް

މިއީ އަސްކަރީގޮތުން ހުނަރުވެރި ފަންނީ އެކިއެކި މަސައްކަތްތައް ކުރުމަށް ޚާއްޞަކުރެވިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކުގެ ހަނގުބޭކަލުން (ސިފައިން) ބައިކުރެވިފައި އޮތީ މައިގަނޑު ހަތަރު ކޮށްޓަކަށް ނުވަތަ ހަތަރު ޔުނިޓަކަށެވެ. އެއީ ބަޑިކޮށްޓާއި ދަނޑިކޮށްޓާއި އައްޑަނަކޮށްޓާއި ކުޅިކޮށްޓެވެ. މި ހަތަރު ކޮށި ނުވަތަ ހަތަރު ބައިގެ ދަށުން ކޮންމެ ބައެއްގައި ވެސް އިތުރު ކޮށިތަކެއް ނުވަތަ ސަބް ޔުނިޓްތަކެއް ހުއްޓެވެ. މިގޮތުން ބަޑިކޮށީގައި ހަތަރުކޮށި، ދަނޑިކޮށީގައި ތިންކޮށި، އަދި އައްޑަނަކޮށީގައި ތިންކޮށި އޮތެވެ. ކުޅިކޮށްޓަކީ މި ކޮށިތަކާ ތަފާތު ކޮށްޓެކެވެ. ކުޅިކޮށްޓަކީ އެ ކޮށީގައި ވަކި ބަޔަކު ތިބުމުގެ ބަދަލުގައި ދަނޑިކޮށްޓާއި އައްޑަނަކޮށީ މީހުން ކުޅި ޖަހަން (ހެވިކަން) ދަސްކޮށް ފަރިތަކޮށް އަދި ކުޅިޖެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ކޮށްޓެވެ. މި ކޮށީގައި ހިމެނެނީ ދަނޑިކޮށީގެ ތިންކޮށްޓާއި އައްޑަނަކޮށީގެ ތިންކޮށީގެ ތެރެއިން ދެކޮށްޓާއެކު ފަސްކޮށްޓެވެ. އެއީ ބަންޑާރަކޮށި، ރަނަހަމާންތިކޮށި، ފާލުކޮށި، އައްޑޫކޮށި އަދި ހޮޅިކޮށްޓެވެ.

"ކޮށި" ކިޔަނީ އިހުގައި ބާވަތްބާވަތުގެ ހެވިކަންކުރުމަށާއި ބަޑިބޭހުގެ މަސައްކަތްކުރުމަށް ކަނޑައަޅާފައި ތިބޭ ހަނގުބޭކަލުން (ސިފައިން) ގެ ޔުނިޓުތަކަށާއި އެ ޔުނިޓްތައް ޤާއިމުވެ ތިބި ބިންބިން ނުވަތަ ތަރަހައްދަށެވެ. މީގެ އިތުރުން ކުރީ ޒަމާނުގައި މާލޭގެ ބައެއް ޚާއްޞަ ބޮޑެތި ސަރަހައްދުތަކަށް ވެސް ކޮށި ކިޔައެވެ. ފޭދޫކޮށި، ކުރޮޅިކޮށި ފަދަ އެތައްއެތައް ކޮށްޓެއް މާލޭގައި ހުއްޓެވެ.

ކުރީޒަމާނުގައި ދިވެހި އަސްކަރީ ބާރުގައި ހުރި އަސްކަރީ ކޮށިތައް ނުވަތަ ޔުނިޓުތަކުގެ ތެރެއިން ބަޑިކޮށްޓަކީ މިހާރުގެ ގޮތުންނަމަ އާޓިލަރީ ޔުނިޓެކެވެ. ބަޑިކޮށީގައި ހަތަރު ކޮށްޓެއް ނުވަތަ ސަބްޔުނިޓެއް އޮތެވެ. އެއީ ބަންޑާރަކޮށްޓާއި ތުކުރީކޮށްޓާއި، މޫދުކޮށްޓާއި، ފާދިއްޕޮޅުކޮށްޓެވެ. ބަޑިކޮށީގެ ކޮށިތަކަކީ އެ ކޮށިތަކުގެ ހަނގުބޭކަލުން (ސިފައިން) ބޭނުންކުރަންޖެހޭ ބޮޑުބަޑިތައް (އޭރު ހުރި ބަރު ހަތިޔާރުތައް) ބޭނުންކުރަން އޮންނަ ޔުނިޓުތަކެވެ. ބަޑިކޮށްޓަކީ މި ޒަމާނުގައި ނަމަ އާޓިލަރީ ޔުނިޓެކެވެ. އާޓިލަރީގެ ޓެކްޓިކަލް ޔުނިޓަށް ކިޔަނީ "ބެޓެރީ" އެވެ. މިއީ އިންފެންޓްރީ ކޮމްޕެނީއަކާ އެއްފަދަ ޔުނިޓެކެވެ. މި ޒަމާނުގައި މިފަދަ ޔުނިޓެއްގައި އާންމުކޮށް 100 އާއި 200 އާ ދެމެދުގެ އަދަދަކަށް ސިފައިން ތިބޭއިރު، 6 އާއި 8 އާ ދެމެދުގެ އަދަދަކަށް ބޮޑުބަޑި ގެންގުޅެއެވެ. އާޓިލަރީގައި މަސައްކަތްކުރާ ސިފައިންނަށް އާންމުކޮށް މުޚާތަބުކުރަނީ "ގަނާސް" (Gunners) ގެ ނަމުންނެވެ. ދިވެހިރާއްޖޭގައި ކުރީ ޒަމާނުގައި ކޯއްޓޭތަކުގައި ބޮޑު ބަޑިޖަހަން ތިބޭ މީހުންނަށް ކިޔަނީ "ގަނޭރުން" ނެވެ.

ބަޑިކޮށިތަކުގައި އޮންނަ ބަންޑާރަކޮށްޓާއި ތުކުރީކޮށްޓާއި، މޫދުކޮށްޓާއި، ފާދިއްޕޮޅުކޮށީގެ ތެރެއިން އެންމެ އިސް ކޮށްޓަކީ ބަންޑާރަކޮށްޓެވެ. މި ކޮށީގެ މީހުން ތިބެނީ އެތެރެކޮއިލުގައި ބަޑިޖަހަން ޚާއްޞަ ބައެއްގެ ގޮތުގައެވެ. ތުކުރީކޮށީގެ މީހުން ފޯރިމަރައި ބަލަހައްޓަނީ ބޮޑު ބުރުޒާއި ރަންޖެހި ބުރުޒާއި ނާނެއި ބުރުޒާއި އޮއިކޮޅު ބުރުޒެވެ. މޫދުކޮށީ މީހުން ފޯރިމަރަނީ ކުޅިދޮށު ބުރުޒާއި އާބުރުޒުގައެވެ. ފާދިއްޕޮޅުކޮށި މީހުން ފޯރިމަރަނީ ކިލެގެ ބުރުޒު ނުވަތަ އާކޯއްޓޭ ބުރުޒުގައެވެ.

ބަޑިކޮށީގެ މީހުންނަކީ ބުރުޒުތަކުގައިވާ ހަރުމަތީ ބޮޑެތި ބަޑިތަކާއި ކައިތުވައްބަޑިއާއި ނާޅު ފަދަ ބަޑިން ހަނގުރާމަކުރަން ތިބޭ ހަނގުރާމަވެރިންނެވެ. ނާޅަކީ ކުރު ފަލަ އަނގަބޮޑު ބަޑިއެކެވެ. ބަޑިކޮށީ މީހުންނަކީ ހަނގުރާމައެއް ކުރަން ޖެހިއްޖެނަމަ ބަޑިބޭނުންކޮށްގެން ހަނގުރާމަކުރުމަށް ތަމްރީނުކޮށްފައި ތިބޭ މީހުންނެވެ. އެ ޒަމާނުގައި ގެންގުޅުނު ބޮޑެތި ބަޑިތަކަށް ބޭނުންވާ ބަޑިބޭހާއި އުންޑަ ވެސް ހަދަނީ ބަޑިކޮށިތަކުގެ ސިފައިންނެވެ. އެ ޒަމާނުގައި ބޭރުން ގެންނަ ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން ރާއްޖޭގައި ބަޑިބޭސް އުފައްދައި ތައްޔާރުކުރިއެވެ. ބަޑިބޭސް އުފައްދާނެގޮތާއި ރައްކާތެރިކަމާއެކު ބަޑިބޭސް ގެންގުޅޭނޭގޮތުގެ ތަމްރީނުތަކަކީ ބަޑިކޮށިތަކުގެ ސިފައިން ހަދަންޖެހޭ ތަމްރީނުތަކެކެވެ. ރާއްޖޭގައި ބަޑިބޭސް އުފެއްދިއިރު ބަޑިއަށް އަޅާ މަގުބޭހާއި ފުއްވަޅުބޭސް ވެސް ދިވެހީން އުފެއްދިއެވެ. މަގުބޭހަކީ ބަޑިއަށް އަޅާ ބަޑިބޭހެވެ. ފުއްވަޅު ބޭހަކީ ބަޑީގެ ފުއްވަޅަށް އެޅުމަށް ޓަކައި ހަދާ ހަލުއި ބަޑިބޭހެވެ. ފުއްވަޅަކީ ކުރީ ޒަމާނުގައި ގެންގުޅުނު ބޮޑުބަޑިތަކާއި ނާޅު ބަޑިއާއި ކައިތުވައްބަޑިފަދަ ބަޑިތައް ގޮއްވާލުމަށް ޓަކައި ބަޑިބޭސް އަޅާ ރޯކޮށްލަން ހަދާފައި ހުންނަ ލޯވަޅެވެ. އެ ޒަމާނުގައި އެކި ބަޑިއަށް ބޭނުންވާ ސައިޒުތަކުން ބަޑީގެ އުންޑަތައް ހަދަނީ ވެސް ބަޑިކޮށިތަކުގެ މީހުންނެވެ. މި މަސައްކަތްތައް ކުރަމުން ދިޔައީ ބަޑިކޮށިތަކުގައި ތިއްބަވާ އެ ކޮށިތަކުގެ އެދުރު ބޭކަލުންގެ ބެއްލެވުމުގެ ދަށުންނެވެ. މިއީ ކަމުގެ ތަޖުރިބާ ލިބިފައިވާ ދުވަސްވީ ހަރުމީހުންނެވެ. މި މުދައްރިބުންނަކީ އަމާޒަށް ބަޑިޖެހުމާއި ވަރުބަލަން ބަޑިޖެހުމުގެ ހުނަރު ހުންނަ ކަމުގެ މާހިރުންނެވެ.

އެ ޒަމާނަކީ ރަސްމީ އެކިއެކި ޚާއްޞަ ކަންތައްތަކާ ގުޅިގެން ބަޑި ޖަހަމުން އައި ދުވަސްވަރެކެވެ. އޭރު އީދު ރޯދައަށް ހަނދުފެނުނީމާ ޖަހާ ބަޑިއަކީ "ހަނދުބަޑި" އެވެ. މި ބަޑިޖަހަނީ ރަޖަބުމަހާއި ރަމަޟާންމަހާއި ސައްވާލުމަހުގެ ފުރަތަމަ ދުވަހުއެވެ. ރޯދަމަހާއި ހަރޯދައިގެ ދުވަސްވަރު އިރުއޮއްސުމުން ޖަހާ ބަޑިއަކީ "ނާބަ ބަޑި" އެވެ. އިހުގައި ކޮންމެ އަހަރަކު އިރުވައި މޫސުން އައުމުން މުލަނަކަތުގެ ދެވަނަ ދުވަހު ބަޑިހެލުމަށްފަހު ނާނޭ ބުރުޒުންނާއި އާބުރުޒުން ޖަހާ ބަޑިއަށް ކިޔަނީ "އިރުވައި ބަޑި" އެވެ. އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ދެން ވެސް ޖަހާ މިފަދަ ރަސްމީ ބަޑިތައް ޖަހަނީ ވެސް ބަޑިކޮށީގެ ކޮށިތަކުގައި ހިމެނޭ މީހުންނެވެ. ހަނދު ބަޑި، ނާބަ ބަޑި، އިރުވައިބަޑި ކިޔަސް މިއީ ވަކި ބަޑިއަކަށް ކިޔާ ޚާއްޞަ ނަމެއް ނޫނެވެ. މިއީ އެ މުނާސަބަތުގައި ބަޑިޖަހާ ޖެހުމަށް ކިޔާ ނަމެކެވެ. މުނާސަބަތުތަކާ ގުޅިގެން ނުވަތަ ވަކިކަމެއް އިޢުލާންކުރުމަށް ޖަހާ ބަޑިތައް ޖަހަން ބޭނުންކުރަނީ އަސްލު ވަޒަނެއް ނޫނެވެ. އެ ވަޒަނަށް ކިޔަނީ "ނިވާލި" އެވެ. ނިވާއްޔަކީ އަސްލު އުންޑައިގެ ބަދަލުގައި ބޮޑުބަޑިއާއި ނާޅުބަޑި ޖަހާއިރު ބޭނުންކުރާ ބޮނޑިއެވެ. މިއީ މިހާރުގެ ގޮތުންނަމަ ބްލޭންކް ވަޒަނެވެ. ނިވާއްޔަކީ ވެސް ދިވެހިރާއްޖޭގައި ބަޑިކޮށިތަކުގެ ހަނގުބޭކަލުން (ސިފައިން،) ހަދާ އެއްޗެކެވެ.

ދިވެހިރާއްޖޭ އަސްކަރީ އެވޭލާ ތާރީޚުގައި ދިފާޢީ ރޭވުމުގައި ބަޑިކޮށިތަކަށްފަހު ދެން އޮންނަނީ ދަނޑިކޮށިތަކެވެ. ދަނޑިކޮށީގެ މީހުންނަކީ ސިލޭހައާއި ހަލާދަނޑިއާއި ލޮންސިފަދަ ހަނގުރާމައިގައި ބޭނުންކުރާ ދަނޑިތައް ބޭނުންކޮށްގެން ހަނގުރާމަކުރުމުގެ ހުނަރާއި ތަމްރީނުތައް ހަދާފައި ތިބޭ މީހުންނެވެ. ދަނޑިކޮށިތަކުގެ ތެރޭގައި އޮންނަނީ ތިން ކޮށްޓެކެވެ. އެއީ އައްޑޫކޮށްޓާއި ރަނަހަމާންތިކޮށްޓާއި ބަބުރުކޮށްޓެވެ.

ދަނޑިކޮށިތަކުގެ ހަނގުބޭކަލުން (ސިފައިން) ނާއެކު ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވަނީ އައްޑަނަކޮށީގެ ހަނގުބޭކަލުންނެވެ. އައްޑަނަކޮށީ މީހުންގެ ހަތިޔާރަކީ ކަނޑިއާއި އައްޑަނައާއި ބޮންތިއެވެ. މީގެ އިތުރުން އަތްމަތީ ހަތިޔާރުގެ ގޮތުގައި "ކަށިހަތިޔާރު" ފަދަ ތަކެތި ވެސް ބޭނުންކުރެއެވެ. ކަށިހަތިޔާރަކީ މެދުގައި މުއްގަނޑެއް ލައިފައި ދެކޮޅާކުރިމައްޗަށް ދަގަނޑު ކަށިތަކެއް ހުންނަގޮތަށް ހަދާ އެއްޗެކެވެ. މިއީ ހަނގުރާމަ ހޫނުވެ ދިފާޢުގެ ނުވަތަ ހަމަލާގައި ދެ ލަޝްކަރު އެންމެ ގައިގޯޅިވުމުން މައިދާނަން ނިކުންނަ ފަހުލަވާނުންނެވެ.

އައްޑަނަކޮށީގައި އޮންނަނީ ތިން ކޮށްޓެކެވެ. އެއީ ބަންޑާރަކޮށްޓާއި، ފާލުކޮށްޓާއި، ހޮޅިކޮށްޓެވެ.

ބަންޑާރަކޮށްޓަކީ ދިވެހި އަސްކަރިއްޔާގައި އޮތް އެންމެ އިސް ކޮށްޓަށްވާތީ ބަޑިކޮށީގެ އިތުރުން އައްޑަނަ ކޮށީގައި ވެސް ބަންޑާރަކޮށީ ސިފައިން ތިބެއެވެ. ފަހަކަށް އައިސް މި ކޮށިކޮށީގެ މަސައްކަތުގެ ތެރޭގައި އޮތީ ކުޅިޖެހުމެވެ. ނަމަވެސް މި ކޮށިކޮށީގެ ހަގީގީ ބޭނުމަކީ ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރުމެވެ.

ހަނގުބޭކަލުން (ސިފައިން) ގެ ކޮށިތަކުގެ ތެރެއިން

ކުޅިކޮށްޓަކީ ކަނޑިއާއި އައްޑަނައާއި ލޮންސިފަދަ ތަކެތީގެ ހެވިކަން ދަސްކޮށްދީ، ފަރިތަކުރާ ކޮށްޓެވެ. ނުވަތަ އަސްކަރީ ހެވިކަމުގެ ތަމްރީނު މަރުކަޒެވެ. ކުޅިކޮށި މި ނަން އައިސްފައި މި ވަނީ ކުޅިޖެހުމުންނެވެ. ކުޅިޖެހުމަކީ އަސްކަރީ ހެވިކަމާއި ފަންނުގެ މައްޗަށް އެކުލެވޭ ކުޅިވަރެކެވެ. މިއީ ކަނޑިއާއި އައްޑަނަ ނުވަތަ ދަނޑިހިފައިގެން ހެވިކަމުގެ ހަރަކާތުގައި ވަކި ގަވާއިދެއްގެ ދަށުން ހެލިފެލިވުމެވެ. ކުޅިޖެހުމަކީ ދިވެހިރާއްޖެއާ އަވަށްޓެރި އިންޑިއާގެ ކެރެލާގައި މިހާރު ވެސް ކުޅޭ ކުޅިވަރެކެވެ. އެ ކުޅިވަރަށް އެމީހުން ކިޔަނީ "ކަލާރިޕަޔައްޓޫ" އެވެ. ކެރެލާގެ ތާރީޚީ މަސްދަރުތައް ބުނާގޮތުން އެ ކުޅިވަރަކީ އެ ޤައުމުގެ އެންމެ ދުވަސްވީ އެއް މާޝަލް އާޓެވެ. އަދި މިއީ މީލާދީން 11-12 ވަނަ ޤަރުނުގައި އުފެދުނު ކުޅިވަރެއް ކަމަށް އެ މީހުން ގަބޫލުކުރެއެވެ. ކަލާރިޕަޔައްޓޫ މި ލަފުޒު އުފެދިފައިވަނީ "ކަލާރީ" އާއި "ޕަޔައްޓޫ" މި ދެ ލަފުޒުންނެވެ. ކަލާރީއަކީ ތަމްރީނުކުރާ ސަރަހައްދު ނުވަތަ ހަނގުރާމައިގެ މައިދާނެވެ. ދިވެހިރާއްޖޭގައި ނަމަ އެއީ އިހުގައި އަސްކަރިއްޔާގައި ބޭނުންކުރި ކޮށިތަކެވެ. ޕަޔައްޓޫއަކީ މާޝަލް އާޓްސްގެ ތަމްރީނެވެ. ދިވެހިބަހުންނަމަ ކުޅިޖެހުމެވެ. ރާއްޖޭގައި އާންމުކޮށް ކުޅިޖަހަނީ ނުވަތަ ކުޅިޖެހުމުގެ ކުޅިވަރު ދެއްކުން އޮންނަނީ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ކުރިމަތީގައި އޮންނަ ގުޅަކުޅޭ ފަސްގަނޑުގައެވެ.

ކުޅިޖެހުމަށް ޚާއްޞަކޮށްފައި އޮންނަނީ ފަސްކޮށްޓެވެ. އެއީ ބަންޑާރަކޮށި، ރަނަހަމާންތިކޮށި، ފާލުކޮށި، އައްޑޫކޮށި އަދި ހޮޅިކޮށްޓެވެ. މި ކޮށިތަކަކީ ދަނޑިކޮށްޓާއި އައްޑަނަކޮށީގެ ކޮށިތަކެވެ. އެހެންކަމުން ކުޅިކޮށްޓަކީ ބަޑިކޮށި ފިޔަވައި އަނެއް ދެކޮށީގެ މީހުންނަށް ކުޅިޖެހުމުގެ ހުނަރުވެރިކަން ދަސްކޮށްދީ، އެކިއެކި މުނާސަބަތުތަކާއި ރަސްމިއްޔާތުތަކުގައި ކުޅިޖެހުމުގެ ހުނަރު ކައްދައިދިނުމާ ހަވާލުކޮށްފައި އޮންނަ ކޮށްޓެވެ.

ކުޅިކޮށީގައި ހިމެނޭ ފަސްކޮށީގައި ކުޅި ނުވަތަ ހެވިކަން ދަސްކޮށްދީ ސިފައިން ތަމްރީނުކުރުމާ ހަވާލުވެ ތިއްބަވަނީ އެކަމުގެ ހުނަރުތައް ވަރަށް މައްޗަށް ލިބިފައިވާ އެދުރުބޭކަލުންނެވެ. އެދުރުބޭކަލުން ނޭ ކިޔަނީ އެދުރުންނަށް މާތްކޮށް ހިތުމުގެ ގޮތުންނެވެ. އެހެންކަމުން މި ބޭކަލުންނަކީ ކުޅި (ހެވިކަން) ދަސްކޮށްދިނުމަށް ތިބޭ އިސް މުދައްރިބުންނެވެ. މި ޒަމާނުގައި ކިޔާގޮތުންނަމަ ޗީފް އިންސްޓްރެކްޓަރުންނެވެ. ކުޅިކޮށީގައި ހިމެނޭ ފަސްކޮށީގައި އެންމެ ފަހުން ތިއްބެވި ފަސް އެދުރުބޭކަލުންނަކީ، ބަންޑާރަކޮށީ އެދުރުކަލޭފާނު ކަމުގައި ކަކާގޭ އަލްއަމީރު ޢަބްދުﷲ ފާށަނާ ކިލެގެފާނު، ރަނަހަމާންތިކޮށީ އެދުރުކަލޭފާނު ކަމުގައި އެއްގަމުގޭ ޢަބްދުﷲ ދީދީ، ފާލުކޮށީ އެދުރުކަލޭފާނު ކަމުގައި މާކަނާގޭ ކުޑަތުއްތު ދީދީ، އައްޑޫކޮށީ އެދުރުކަލޭފާނު ކަމުގައި އަލްމުޙްތަރަމް ދަނޑިކޮށީގޭ މޫސާމަނިކު، ހޮޅިކޮށި އެދުރުކަލޭފާނު ކަމުގައި އަލްމުޙްތަރަމް އެދުރުމަނިކު އެވެ.

ބަޑިކޮށިތަކާއި ދަނޑިކޮށިތަކާއި އައްޑަނަކޮށިތަކުގެ އިތުރުން ކީރިތި މަހާރަދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަށިފާރަވެރިންގެ ޔުނިޓެއް އޮވެއެވެ. އެއީ "ދެގެދޭތެރޭ މީހުން" ނޭ ކިޔާ ބައެކެވެ. މިއީ ހަށިގަނޑާއި ރޫފަ ހެޔޮ، އިސްކޮޅުން ބޮޑެތި އަދި ވަރުގަދަ ބައެކެވެ. ދެގެދޭތެރޭ މީހުންނަކީ ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އެންމެ އަރިހުގައި ބަޑިހިފައިގެން ލިބޭ މީހުންނެވެ. މިއީ ވެސް ހަނގުބޭކަލުން (ސިފައިން) ގެ ތެރޭގައި ހިމެނޭ ޔުނިޓެކެވެ. މި ޔުނިޓުގައި އެކި ދުވަސްވަރު މީހުން ތިބީ އެކި ވަރަށްކަން ލިޔެކިޔުންތަކުން އެނގެއެވެ. މިގޮތުން ބައެއް ދުވަސްވަރު 12 އަދި އަނެއްބައި ދުވަސްވަރު 25 އަދި ބައެއް ދުވަސްވަރު 40 ތިބިކަން ވެސް އެނގެއެވެ. މީހުންގެ އަދަދުތަކަށް ބަލާއިރު މިއީ ގާތްގަނޑަކަށް މިޒަމާނުގެ އަސްކަރީ ޕްލެޓޫނެއްހާ މީހުންނެވެ. އަސްކަރީ އޮނިގަނޑުތަކުގައި ޕްލެޓޫނެއްގައި އާންމުކޮށް 20 އާއި 50 އާ ދެމެދުގެ އަދަދަކަށް ސިފައިން ހިމެނެއެވެ. ހަނގުބޭކަލުންގެ ތެރޭގައި ހިމެނޭ މިބައި މީހުންގެ ރަސްމީ ހެދުމަކީ (ޔުނިފޯމަކީ) އޮށަނިމަލު ކުލައިގެ ހެދުމެކެވެ.

ނޯޓު: ފޮޓޯއިން ފެންނަނީ ކުޅިކޮށިތަކުގެ ތެރެއިން ރަނަމާންތިކޮށީ މީހުން އެދުރުކަލޭފާނާއެކު ކުޅިޖަހަން ތައްޔާރުވެގެން ތިއްބައެވެ. ކުރީ ޒަމާނުގެ މި ފޮޓޯ މި ވަނީ އޭއައި ބޭނުންކޮށްގެން ކުލަކޮށްފައެވެ. އެހެންކަމުން އަސްލު ފޮޓޯއާ ކުދިކުދި ތަފާތުތައް ހުރުން އެކަށީގެންވެއެވެ.

ތާރީޚް

ގުޅުންހުރި ޚަބަރު