މާލޭ ފަޅުން ބިން ހިއްކައިގެން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ތަކުލީފެއް ނުލިބޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުު މުޢިއްޒުު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމަށެވެ. އެހެން ހެދުމުން އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ވާނީ އިތުރު ކަމުގައި ރައީސް ވިދާޅުވިއެވެ.
މިފަދަ މަޝްރޫޢުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނުކަމުގައިވިޔަސް، މާލޭ ސަރަޙައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނީ މިކަމުގެ މުލުގައިވާ ޙަޤީޤީ މައްސަލައަށް ޙައްލު ހޯދިގެންކަމުގައި ވެސް އެމަނިކުގާނު ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރުމަށްޓަަކައި މި ސަރުކާރުން މަސައްކަތްކުރަނީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ދުރު ރާސްތާ ޙައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެގެންދާނޭކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަގުހެދުމުގެ މަޝްރޫޢާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭ ސަތަޙައްދަށް ޚާއްސަކޮށްގެން މިހާރުވެސް ކުރިއަށްގެންދަވަނީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ ދިރިއުޅޭ މި ސަރަޙައްދަށް، މި ހިނދުން މި ހިނދަށް ބޭނުންވާ ޙައްލު ފޯރުކޮށްދެއްވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.





