އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާއާއި އީޔޫއާއެކު މަޝްވަރާކުރުމުގައި އީރާނުން ގެންގުޅޭ ސިޔާސަތު ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ކިތަންމެ ވާހަކައެއް ދެއްކިޔަސް ގައުމުގެ ސިޔާދަތާއި ދިފާއީ ގާބިލުކަމަށް އުނިކަން އަންނަފަދަ އެއްވެސް ޝަރުތަކަށް އީރާނުން އެއްބަސްނުވާނޭ ކަމަށެވެ. މީގެ އިތުރުން އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށާއި، ގައުމުގެ ލީޑަރޝިޕާއި އަސްކަރިއްޔާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް އިސްކަން ދެއްވާނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ސަރަހައްދީ ބައިބައިވުންތައް އުފެދުނަ ނުދިނުމަށް އިސްކަންދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އީރާނުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްވި ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ މި ހަނގުރާމައަކީ އީރާނުން ފެށި ހަނގުރާމައެއް ނޫން ކަމަށާއި، މަޝްވަރާގެ މަގު ޚިޔާރުކުރީ ބޭކާރު ހަމަނުޖެހުންތަކުން ދުރުވެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި މަޝްވަރާ ކުރުމަށް އެއްބަސްވުމަށް ގައުމުގެ ލީޑަރޝިޕަށް ސަރުކާރުން މަޖުބޫރުކުރި ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ބޮޑެތި ނިންމުންތައް ނިންމާފައިވަނީ ލީޑަރޝިޕްގެ ހުއްދައާއެކު، މަޝްވަރާ ކުރެވިގެން ކަމަށެވެ.
ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް ޔޫރަޕުގެ މަންދޫބުންނާއެކު ކުރެވުނު ސުލްހަވެރި މަސައްކަތްތަކުން އެއްބަސްވުންތަކަކަށް ވާސިލުވެވުނު ކަމުގައި ވީނަމަވެސް، އަމިއްލަ މިނިވަން ނިންމުންތައް ނިންމުމުގައި ޔޫރަޕުގެ ގައުމުތައް ވެސް ވަނީ ނުކުޅެދިފައިކަމަށެވެ. ކުރިން އެއްބަސްވުންތަކަށް އާދެވުނު ނަމަވެސް، ފަހުން ޔޫރަޕުގެ ގައުމުތަކުން "ސްނެޕްބެކް" މެކޭނިޒަމްގެ މައްސަލަ ކުރިއަށް ނެރުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އީރާނުގެ ރައީސް ވިދާޅުވީ، ޚާރިޖީ ސިޔާސަތާއި ގައުމުގެ ދިފާއީ ބާރަކީ އެކަތި އަނެކައްޗާ ފުށޫއަރާ (އިދިކޮޅު ދެކަންތައް) ކަމުގައި ދެކެގެން ނުވާނޭ ކަމަށެވެ. ޑިޕްލޮމެސީއަކީ އީރާނުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، ނަމަވެސް އީރާނުގެ އަސްކަރީ އަދި ދިފާއީ ގާބިލުކަން ކުޑަކުރުމަށް ކުރެވޭ އެއްވެސް ކަމަކަށް ތެހެރާނުން އެއްބަސްނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އީރާނުން އެހެން ގައުމުތަކަށް ހަމަލާދީ، ބިންތައް ފޭރިގަނެ އިމްތިޔާޒުތައް ފުޅާކުރުމަށް ނުވިސްނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އީރާނުގެ މަގުސަދަކީ އަވަށްޓެރި ގައުމުތަކާއެކު ސުލްހަވެރިކަމާއެކު އުޅުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ އިސްރާއީލުން ގެންގުޅޭ ބިންތައް ފޭރިގަތުމުގެ އަމަލުތަކާ މުޅިން ތަފާތު ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޕެޒެޝްކިއަން ވަނީ ހަމަނުޖެހުންތަކަށްފަހު ވާސިލުވި ޑިޕްލޮމެޓިކް އެއްބަސްވުންތައް ވެސް ދިފާއުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އީރާނުން މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، ގަބޫލުނުކުރެވޭފަދަ ދޫދިނުންތަކެއް ދީފައިނުވާނެ ކަމަށެވެ. އެގޮތުން ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަންދުފަހަރަށް އީރާނުގެ ގަވާއިދުތަކުގެ ދަށުން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަނެއްކޮޅުން އެފަރާތްތަކުގެ އިންތިޒާމްތައް ފުރިހަމަކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ މާޒީގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކުރެވި، ގުޅުންތައް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.
އެމަނިކުފާނު އިންޒާރު ދެއްވިގޮތުގައި އިސްރާއީލާއި އެމެރިކާއިން މަސައްކަތްކުރަނީ ޕަރސިއަން ގަލްފުގެ ގައުމުތައް އީރާނާ ދެކޮޅަށް އެއްގަލަކަށް އަރުވައި ގުޅުންތައް ގޯސްކުރުމަށެވެ. އަދި ތެހެރާނުން އެފަދަ ކަމެއް ހިނގިޔަނުދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އިސްލާމީ ގައުމުތަކަކީ އަޚުންގެ ގޮތުގައި އީރާނުން އަބަދުވެސް ދެކޭ ކަމަށާއި، މުސްލިމް ގައުމުތަކުގެ މެދުގައި ހަމަނުޖެހުން އުފެދެންވީ ސަބަބުތަކާ މެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އީރާނުގެ އެތެރޭގެ ބައިބައިވުންތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ޚިޔާލުތަފާތުވުންތަކުގެ ފައިދާ ބޭރުގެ ބާރުތަކުން ނަގައިފާނޭ ކަމުގެ ބިރުވެސް އޮންނަންޖެހޭނޭ ކަމަށެވެ.
ސަރުކާރާއި، ޑިޕްލޮމެޓިކް އިދާރާތަކާއި، އަސްކަރިއްޔާއާ ދެމެދު މަޝްވަރާ ކުރުމާއި، ހަނގުރާމައާ ގުޅޭގޮތުން ޚިޔާލު ތަފާތުވުންތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ވަނީ ސަރީހަ އިބާރާތުން ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ނިންމުންތައް ނިންމާފައިވަނީ ގައުމީ ސަލާމަތާ ބެހޭ އިދާރާތަކުގެ ތެރެއިން ކަމަށާއި، އަސްކަރީ އަދި ސަލާމަތީ އިދާރާތަކުން އެ ނިންމުންތަކަށް ތާއީދުކޮށް ގަބޫލުކޮށްފައިވާ ކަމަށެވެ. ސަރުކާރާއި އަސްކަރީ ބާރުތަކާ ދެމެދު ފުރިހަމަ އެއްބާރުލުން އެބައޮތް ކަމަށާއި، އެ ބާރުތަކަށް އެހީތެރިވުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޑިޕްލޮމެޓިކް އެއްބަސްވުންތަކާ މެދު ސަރުކާރާއި އަސްކަރީ ކޮމާންޑަރުންގެ މެދުގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޕެޒެޝްކިއަން ވަނީ އެމަނިކުފާނާއި އީރާނުގެ ސުޕްރީމް ލީޑަރާ ދެމެދު މައްސަލަތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ. އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ލީޑަރޝިޕްގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ، ސަލާމަތީ އަދި އަސްކަރީ އިދާރާތަކުގެ މެދުގައި އެއްބައިވަންތަކަން ހިފަހައްޓައި ދެމެހެއްޓުމަކީ ބޭރުގެ ފިއްތުންތަކާ ކުރިމަތިލުމަށާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮންޖެހުންތަކުން އަރައިގަތުމަށް އީރާނަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





