ދިވެހި|English 5 ނޮވެމްބަރު 2026 · 16:54
Top banner
Advertisement
ޑެމޮކްރެޓުން ކޮންގްރެސްގެ ކޮންޓްރޯލް ނަގައިފި، މިއީ ޓްރަމްޕަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއް
ދުނިޔެ

ޑެމޮކްރެޓުން ކޮންގްރެސްގެ ކޮންޓްރޯލް ނަގައިފި، މިއީ ޓްރަމްޕަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއް

ޓްރަމްޕަށް ބޮޑު ނާކާމިޔާބީއެއް.

އއަހުމަދު މުހައްމަދު4 ނޮވެމްބަރު 2026

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ ވެސް ކޮންޓްރޯލް ޑެމޮކްރެޓުން ހޯދައިފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު ދެ އަހަރު އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ޑެމޮކްރެޓުންންނަށް ލިބިގެންދިޔަ ކަމެކެވެ.

ބުދަދުވަހު ސީ.އެން.އެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕަށް ދިމާވި ހިތްހަމަނުޖެހުންތަކުގެ ބޭނުން ހިފައިގެން ޑެމޮކްރެޓުން ވަނީ ރިޕަބްލިކަން އަތުގައި ޒަމާންތަކެއް ވަންދެން ކޮންޓްރޯލް އޮތް ސްޓޭޓްތަކުގެ ވެސް ކޮންޓްރޯލް ނަގައިފައެވެ. މި ކާމިޔާބީއާއެކު އެމެރިކާގެ ރައީސަށް ކޮންގްރެސްގެ ފަރާތުން ކުރިމަތިވަމުންދިޔަ ހުރަސްތައް ކުޑަވެފައި އޮތް ދުވަސްތަކަށް ނިމުން އަންނާނޭ ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެއެވެ.

ޑެމޮކްރެޓުން ވަނީ ސައުތު ކެރޮލައިނާ، ޓެކްސަސް، އޯހާޔޯ، ކެންސަސް އަދި އަޔޯވާގެ ސެނެޓް ގޮނޑިތައް ކާމިޔާބުކޮށްފައެވެ. 2024 ވަނަ އަހަރުގެ އިންތިޚާބުގައި 18 އިންސައްތައިގެ ތަފާތަކުން ސައުތު ކެރޮލައިނާ ކާމިޔާބުކުރެއްވީ ޓްރަމްޕެވެ. ޓެކްސަސް އިން 1994 ވަނަ އަހަރުން ފެށިގެން މުޅި ސްޓޭޓަށް ބޭއްވި އިންތިޚާބަކުން ޑެމޮކްރެޓް ކެންޑިޑޭޓަކު ހޮވިފައި ނުވާއިރު، 1932 ވަނަ އަހަރުގެ ފަހުން ކެންސަސް އިން ސެނެޓަށް ޑެމޮކްރެޓަކު އިންތިޚާބުކޮށްފައެއް ނުވެއެވެ.

މި ބަދަލު އައިސްފައިވަނީ، ޓްރަމްޕް އަލުން ގަނޑުވަރު ވައިޓްހައުސަށް ވަޑައިގެން  ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮތް ކޮންގްރެސްގެ އެހީއާ އެކު ރިޔާސީ ބާރުތައް ފުޅާކުރެއްވި ފަހުން ފާއިތުވި 22 މަސްދުވަހުގެ ތެރޭގައެވެ.

ފާއިތުވި 50 އަހަރުގެ ތެރޭގައި ކޮންގްރެސްގެ ދެ މަޖިލީހުގެ ކޮންޓްރޯލް އެއްފަހަރާ ބަދަލުވެފައިވަނީ އެންމެ ދެ ފަހަރެވެ.

ރިޕަބްލިކަން ޕާޓީ ބަލިވީ އެމެރިކާގެ އިންފްލޭޝަން މަތިވުމާއި ވިޔަފާރީގެ ޓެރިފްތައް ބޮޑުކުރުމާއި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، ޓްރަމްޕުގެ އަމަލުތައް ހުންނަގޮތުންނާއި އަމިއްލަ އެދުން އިސްކުރައްވައި ބޭނުން ގޮތަކަށް ގައުމު ހިންގަންދިމާ ކުރެއްވުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެގެން ދިޔަ ކަމެކެވެ. ރިޕަލިކަން ޕާޓީ ބަލިވުމުގެ މައިގަނޑު ސަބަބުތަކަކީ މިއީ ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. ރައީސް ޓްރަމްޕުގެ ނަޒަރުގައި ބަލިވީ އީރާން ހަނގުރާމައިގެ ސަބަބުންނެވެ.

ސީ.އެން.އެން ގެ އެގްޒިޓް ޕޯލުން ދައްކާގޮތުގައި ވޯޓުލާ ކޮންމެ 10 މީހެއްގެ ތެރެއިން 6 މީހުންނަށްވުރެ ގިނަ މީހުން ވަނީ ޓްރަމްޕްގެ މަސައްކަތާ މެދު ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ. އަދި ތިންބައިކުޅަ ދެބައި މީހުން ބުނެފައިވަނީ އެމަނިކުފާނުގެ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

ވޯޓު ގުނުން ކުރިއަށްދާތީ، ޑެމޮކްރެޓުންނަށް ލިބުނު މެޖޯރިޓީގެ ސައްހަ އަދަދު އަދި ސާފެއް ނުވެއެވެ. ދެ މަޖިލީހުގެ ކޮންޓްރޯލް ލިބުމާއެކު ޑެމޮކްރެޓުންނަށް ތަހުގީގުތައް ފެށުމާއި، ހާޒިރުވުމުގެ އޯޑަރު ނެރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޓްރަމްޕް އައްޔަންކުރައްވާ ބޭފުޅުން ހިމެނޭ ގޮތަށް ފަނޑިޔާރު ކަމަށް ނަން ހުށަހަޅުއްވާ ބޭފުޅުންނަށް ހުރަސްއެޅުމުގެ ބާރު އިތުރުވެގެންދާނެއެވެ. ނަމަވެސް އެމީހުންގެ ގާނޫނީ އެޖެންޑާއަށް އަދިވެސް ހުރަސްތަކެއް ކުރިމަތިވާނެއެވެ. އިދިކޮޅު ޕާޓީއަށް މިލިބުނު ކާމިޔާބާއެކު ޓްރަމްޕް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށް ދަމަހައްޓަވާނޭ ކަމަށް އިއުލާން ކުރައްވައިފައެވެ. ސެނެޓްގެ ގިނަ ބިލުތައް ފާސްކުރުމަށް 60 ވޯޓު ބޭނުންވެއެވެ.

ގުޅުންހުރި ޚަބަރު