މީގެ ތިން އަހަރު ކުރީން ފެށުނު ހަނގުރާމައިގެ ސަބަބުން އެގައުމުގެ 8 މިލިއަނަށްވުރެ ގިނަ ކުދިންވަނީ ސްކޫލްތަކުން ނެރެލެވިފައެވެ.
"ކޮންމެ ހަ ކުއްޖެއްގެ ތެރެއިން ފަސް ކުއްޖަކު ތިބީ ސްކޫލަށް ނުގޮސް، އަދި ބެލެނިވެރިންވެސް ބުނާނެ އެމީހުންގެ ކުދިން ސްކޫލަކަށް ފޮނުވުމަށްވުރެ ގޭގައި ބޭތިއްބުމަށް އިސްކަންދޭކަމަށް. ސަބަބަކީ އެކުދިންނަށް ރައްކާތެރިކަން ދެވޭނެ ހަމައެކަނި ތަނަކަށް މިހާރު އޮތީ އެމީހުންގެ ގެ ކަމަށްވާތީ،" އދ. ޑެޕިއުޓީ ސެކްރެޓަރީ-ޖެނެރަލް އަމީނާ މުޙައްމަދު ވިދާޅުވިއެވެ.
ސޫދާނުގެ ތަޢުލީމު ރައްކާތެރިކުރުމާ ގުޅޭގޮތުން ހުކުރު ދުވަހު ބޭއްވި އދ. ގެ ސަލާމަތީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަމީނާ ވިދާޅުވީ "މި ހަނގުރާމައިގެ ސަބަބުން ގެއްލެމުންދާ އެންމެ މުހިންމު އެއްޗަކީ ސޫދާނުގެ މުސްތަޤުބަލް. އެ ޤައުމުގެ ކުޑަކުދިން ވަނީ ތަޢުލީމުން މަހުރޫމުކުރެވިފައި،" ކަމަށެވެ.
އެގައުމުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް ގައެވެ. އެފަހުން، އެ ޤައުމުގެ ދާރުފޫރު ސަރަޙައްދުގައި ހުރި ސްކޫލްތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި ސްކޫލަށް ވަނީ ގެއްލުންވެ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީނާ ވަނީ ސޫދާނުގައި ހިނގަމުންދާ މިހަނގުރާމައިގެ ސަބަބުން "މުޅި ޖީލެއްގެ" މުސްތަޤުބަލް ގެއްލެމުންދާ ކަމުގެ އިންޒާރު ދެއްވައިފައެވެ.
އަމީނާ ވިދާޅުވީ 2024 ވަނަ އަހަރުން ފެށިގެން، ސްކޫލްތަކަށް 67 އަށްވުރެ ގިނަ އަސްކަރީ ހަމަލާ ދީފައިވާ ކަމަށެވެ. މީގެ އިތުރުން އަސްކަރީ ބޭނުންތަކަށް ސްކޫލްތައް ބޭނުންކޮށްފައިވާ ކަމުގެ 154 އަށްވުރެ ގިނަ މައްސަލަ ނުވަތަ ހާދިސާ އދ. އިން ރެކޯޑުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި އަދަދުތަކަކީ ހަގީގީ އަދަދުތަކަށްވުރެ މާ މަދު އަދަދުތަކެއްކަން ޔަގީނާ ގާތްކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ސޫދާނުގެ މުދައްރިސުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަށް މުސާރަ ނުލިބެއެވެ. އެހެންމަވެސް "އެތައް ގޮންޖެހުންތަކަކާއެކުވެސް" ގިނަބަޔކު މަސައްކަތް ކުރަމުންދާކަމަށް އަމީނާ ވިދާޅުވިއެވެ.
"ސޫދާނުގެ ކުރީގެ ހަނގުރާމަތަކުގެ ސަބަބުން އެއް ޖީލު މިހާރުވެސް ވަނީ ގެއްލިފައި، އަދި އިތުރު ޖީލެއް މިހާރު މިދަނީ ގެއްލެމުން،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ހަމަނުޖެހުމުގެ ބުރަ އެންމެ ބޮޑަށް އުފުލަންޖެހެނީ، މިކަމުގައި "އެއްވެސް ކުށެއްނެތް އަދި ބައިވެރިވުމެއް ވެސްނެތް، އެކަމަކު އެންމެ ބޮޑަށް އަނިޔާ ލިބޭ" އަންހެނުންނާއި ކުޑަކުދިންނަށް ކަމަށެވެ.





