އެ މިނިސްޓްރީއާ އެ ޕްރޮޖެކްޓް ހަވާލުކުރަނީ ތަރައްޤީކޮށް، ނިންމުމަށްފަހު އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް ކަމަށް މާލޭސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ހޯމަ ދުވަހު (މިއަދު) ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ކުއްލި ޖަލްސާގައި ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.
މި ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ މި ޤަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައިވެއެވެ. ޤަރާރާ ވޯޓް ދެއްވާފައި ނުވަނީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ އާއި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން އާއި މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދާއި، މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޙައްވާ ޝިފާނާއެވެ. ޖަލްސާގައި ބައިވެރި ނުވަނީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާއި، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބުއެވެ.
މި ޖަލްސާގައި ޤަރާރު އިއްވަވައިދެއްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުޙައިމިން ނަސީރު ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އެތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. "އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް،" މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން، ވެޓް މާކެޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، ފާހަގަވި ކަންތައްތަކާ ގުޅިގެން ޑިސެމްބަރު 2025 ގައި އޭސީސީއަށް މައްސަލަ ފޮނުވާފައިވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މި ޤަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަޙައްދުގައި އޮތް 17,558.54 އަކަ ފޫޓުގެ ބިމުގައެވެ. މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ޤަރާރުގައި ޝަރުތުކޮށްފައިވެއެވެ.
މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދަންވާނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަޙައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލްގެ ޤަރާރުގައި ވަނީ ބުނެފައެވެ.
ސަރުކާރުން ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވާވިދާޅުވުމަށް ރައްދު ދެއްވަމުން މޭޔަރު ވިދާޅުވީ، މިކަމުގައި މިހާތަނަށް ކައުންސިލުން ނުދޭ އެއްބާރުލުމެއް ނޯންނާނެ ކަމަށެވެ.





