މާލޭ އާސަހަރާގެ ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އެތަނުގެ ޚިދުމަތްތައް މިހާރަށްވުރެ ފުރިހަމަކޮށް ތަރައްޤީކުރުމަށް ރޭވުންތަކެއް އެބަހުރި ކަމަށް މާލޭސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސަހަރާގެ އިންތިޒާމުތައް ހަރުދަނާކޮށް، އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.
އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދަށުން މިސްކިތާއި ހިނަވާގެ ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މާލޭގެ އާސަހަރާގައި މީހުން ވަޅުލުމަށް އޮތް ޖާގަ ބޮޑުކުރުމަށާއި، އެ ތަން އިތުރަށް ތަރައްޤީކުރުމަށް ކުރެވެން ހުރި ކަންކަން ބެއްލެވުމަށްޓަކައި މޭޔަރު ވަނީ އާސަހަރާއަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި މޭޔަރ ވަނީ އާސަހަރާގެ މިހާރުގެ ހާލަތާއި، މީހުން ވަޅުލުމަށް ބޭނުންކުރާ ސަރަހައްދުގައި ހުރި ދަތިކަން އޮޅުންފިލުއްވާފައި ކަމަށް މާލޭސިޓީކައުންސިލުން ވިދާޅުވިއެވެ. މާލޭގައި މީހުން ވަޅުލާނެ ޖާގަ މަދުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ސިޓީ ކައުންސިލުން އިސްކަންދޭ ކަމެއްކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"މޭޔަރގެ މި ޒިޔާރަތަކީ މި މަސައްކަތްތައް އަވަސްކޮށް، ޖާގަ އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ކުރެއްވި ޒިޔާރަތެކެވެ." މާލޭސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.





