ދެހާސް ހަތާވީސް ވަނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހިފައި އޮތްކަން ރައްޔިތުން ފާހަގަކުރަމުންއަންނަ ކަމަށެވެ. އެކަން އެހެންވަނީ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން ކަމަށާއި އެކަމުން އަރައިގަނެވި، މާލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށެވެ. އެހެންކަމުން 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ތަންފީޒުކުރެއްވިކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ޚިދުމަތްތަކެއް ހުންނަ ކަމަށް ވެސް ވިދާޅުވިއެވެ. ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި މިގޮތަށް ކުރިއަށްގެންދާ މަސައްކަތްތައްވެސް ހިނގަމުންދާނެކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމާ އެކަނިކުފާނު ޙަވާލުވެވަޑައިގެންނެވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށެވެ. އެހެންކަމުން ކައުންސިލްތައް ހިންގުމަށްޓަކައި ޒަމާނީ ފެންވަރުގެ އިމާރާތްތައް ބިނާކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢު ނިންމުމަށްފަހު، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި އެ އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށެވެ.





