ދިވެހި|English 15 އޮގަސްޓު 2026 · 07:03
Top banner
Advertisement
ސަޕްލައި ދޯނިން ގެއްލުނު މީހުން ހޯދުން:  ހުވަދޫ ކަނޑު ބަލައި މިއަދު ނިމޭނޭ: އެމްއެންޑީއެފް
ޚަބަރު

ސަޕްލައި ދޯނިން ގެއްލުނު މީހުން ހޯދުން: ހުވަދޫ ކަނޑު ބަލައި މިއަދު ނިމޭނޭ: އެމްއެންޑީއެފް

ސަޕްލައި ދޯނިން ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައި މިއަދު ނިމޭނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ15 އޮގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައި މިއަދު ނިމޭނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިހާތަނަށް ކުރި މަސައްކަތުން އެ ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބަޔެއް ވަނީ ބަލައި ނިމިފައި ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

މިހާދިސާގައި ސަލާމަތްވި މީހުންނާ ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައި ކަމަށެވެ.  ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރައިތިބި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި އަދި ފުލުހެއް ހިމެނެއެވެ. އަދި ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

"މި ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު ޢަލީ، ކަނޑުގައި ހޭދަކުރި ވަގުތު ދޯނިން ދަތުރުކުރި 2 ބިދޭސީއަކު ސަލާމަތްކުރުމަށް ހުވަދޫ ކަނޑުގެ ތެރޭގައި ގަދަ ހިތްވަރާ އެކު ކޮށްފައިވާ މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ."

ސިފައިންނާއި ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބަޔެއްކަމުގެ ލާމަސީލް ނަމޫނާ މިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުއާއި، ސާޖަންޓް ޢަލީ ސައިފްގެ ފަރާތުން ފެނިގެންގޮސްފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މީގެއިތުރުން މި މަސައްކަތުގައި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤު ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތް ވެސް ފާހަގަކޮށްފައި ވެއެވެ.

"ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން ވަނީ އޭނާއާ ޙަވާލުވެފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައެވެ. ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދޯނީގެ ކެޕްޓަން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާ އެކު މަސައްކަތްކޮށްފައި ވާ އިރު، ދޯނި އަޑިޔަށްދިޔައީ ވަރަށް ކުއްލިގޮތަކަށެވެ. ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ."

ދޯނި އަޑިއަށް ދިޔައީ 2026އޮގަސްޓް 5ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ.ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރަށެވެ.

ގުޅުންހުރި ޚަބަރު