މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެމްޓީސީސީން ވިދާޅުވެފައިވަނީ މިމަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެއިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެގޮތުން 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތް ފެށުމުން އެރަށުގެ ކައުންސިލުން ވަނީ ސަރުކާރަށް ޝުކުރު ދަންނަވައިފައެވެ. "ސަރުކާރުން އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ، ފަރެސްމާތޮޑާ ދެއަވަށުގެ ދެމެދުގަ ނުހިއްކައި އޮތް ސަރަޙައްދު ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު މިވަނީ ފަށައިފައި. ކައުންސިލްގެ އުންމީދަކީ މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިމި، ރައްޔިތުންނަށް މީގެ ފުރިހަމަ ލުއިފަސޭހަކަން ލިބިގެންދިޔުން. މި މަޝްރޫޢު ކުރިއަށްގެންދަވާ ކަމަށްޓަކައި ސަރުކާރަށާއި އެމް.ޓީ.ސީ.ސީ އަށް ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އެރަށު ކައުންސިލުން ވިދާޅުވެފައިވެއެވެ.
މިމަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލު ކުރެއްވީ 2025 ވަނަ އަހަރު ޑިސެމްބަރުގައެވެ.
މި މަޝްރޫގެ އަގަކީ 142.67 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގައި ވާގޮތުން 270 ދުވަހުގެތެރޭގައި މިމަސައްކަތް ނިންމަންޖެހެއެވެ.
މިއީ އެރަށު މީހުން ޒަމާނުއްސުރެން ކުރަމުން އައި އުންމީދެކެވެ. އެރަށަށް އާންމުކޮށް ދިމާވަމުންދާ އުދައެރުމުގެ މައްސަލައަށް މިމަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނޭ ކަމަށް އުންމީދު ކުރެވެއެވެ. އޭގެއިތުރުން ގޯތި ދިނުމަށް ދިމާވެފައިވާ މައްސަލައަށް ވެސް ވަގުތީ ހައްލެއް ލިބިގެންދާނޭ ކަމަށް ބެލެވެއެވެ.





