މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގެ މަސައްކަތް ނިންމައި، މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިޢުލާނުކުރައްވާނޭ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޞައްޙަތޯ ބެލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 58،585 ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިވެލުއޭޝަން މަސައްކަތް ނިމޭނީ ޑިސެންބަރު ކުރީ ކޮޅުގައި ކަމަށެވެ. އެއަށްފަހު ދާއިމީ ލިސްޓު އާންމުކުރާނީ ޑިސެންބަރު މެދުތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީީ ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މަޢުލޫމާތު، އިވެލުއޭޝަން މަރުޙަލާގެ ތެރެއިން ވެރިފަރާތަށް ފޯރުކޮށްދެމުން ގެންދާނޭ ކަމަށެވެ.
މި މަރުޙަލާގައި ބަލާނީ ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެޕްލިކޭޝަން ފޯމުގައިވާ މަޢުލޫމާތުގައި އެއްވެސް ފުށުއެރުމެއް ފާހަގަކުރެވިއްޖެނަމަ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެކަން އެޕްލިކަންޓަށް އަންގާނޭ ކަމަށް ވެސް ވިދާޅުވެފައިިވެއެވެ.
މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ފޮނުވާ ނޯޓިހުގައިވާ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށްވާނަމަ، އެކަމުގެ ތަފްޞީލާއި ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.
އަދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަނަށް އަންނަ ކޮންމެ ބަދަލެއް، ފޯމު ފުރުމުގައި ބޭނުންކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވާނެއެވެ. ނަމަވެސް، މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ އެޕްލިކޭޝަނަކީ ޝަރުޠު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނޭ ކަމަށް މިނިސްޓްރީން ވަނީީ ވިދާޅުވެފައެވެ.





