ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި އެހެންނަމަވެސް މަސައްކަތުގެ ނަތީޖާ ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން ރާއްޖެ މީހާރުއޮތް ހިސާބަށް ބަލާއިރު މިސަރުކާރުގެ ބާކީއޮތް ދުވަސްތަކުގައި އިޤްތިޞާދު ރަނގަޅު ކުރެވޭނޭ ކަމަށް ލަފައެއް ނުކުރެވޭ ކަމަށެވެ. އެކަން ރަނގަޅު ކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަން ޖެހޭނޭ ކަމަށާއި އެހެން ނަމަވެސް އެކަމެއް "އަޅުގަނޑުމެންނަށް ފެނިގެންނުދޭ،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިސަރުކާރަށް ތިން އަހަރުވާން މިހާރު ގާތްވެފައިވާއިރު ރާއްޖޭގެ އިޤްތިޞާދު ހީނަރު ވެއްޖެ ކަމަށެވެ. ސަރުކާރުގެ ބާކީއޮތް ދެ އަހަރެއްހާ ދުވަސްތެރޭ އެކަން ރަނގަޅުކޮށް އިޤްތިޞާދު އަލުން ކޮޅަށްޖެހޭނޭ ތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިހިސާބަށް އައިއިރު ރާއްޖޭގެ އިޤްތިޞާދު ވަރަށް ދަށްވެ މިހާރުވަނީ ނާމާން ހިސާބެއްގައި ކަމަށެވެ. އެހެންކަމުން ރައްޔިތުން މިއަދު ހޭދަކުރަމުންދަނީ ދަތި ދުވަސްތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ޑޮލަރުގެ އަގުމަތިވެ ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ހުންނަ ގޮތާބެހޭ މައުލޫމާތު ނޫސްތަކުން ހާމަކުރުމުން ޖޫރިމަނާ ކުރާގޮތަށް ހެދުމަށްޓަކައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމެވުމުން އެކަމަށް ވެސް ޔާމީން ވަނީ ރައްދު ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ކަމެއް އިސްލާހު ކުރެވޭނީ އެކަމެއްގެ ވާހަކަ ދައްކައިގެން ކަމަށެވެ.
ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ޙައްލު ކުރައްވާނޭގޮތް ރާއްޖޭގެ މާލީ ވަޒީރާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވެދެއްވަން ޖެހޭ ކަމަށެވެ. "އޭރުން އަޅުގަނޑުމެން އުފާވާނެ އަދި ރައްޔިތުންނަށް ހަމަޖެހުން އަންނާނެ،" ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރައްވާނޭ ގޮތް ވިދާޅުވެދެއްވުމުގެ ބަދަލުގައި ސަރުކާރުން ގެންދަވަނީ ގާނޫނޫ މެދުވެރިކޮށް އެވާހަކަ ދެއްކުން ހުއްޓުވަން މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތަށް ހެދުމުން "އެ ހުއްޓުވަން އުޅޭކަމެއް އަލިފާން އަޅައި ދަރުއަޅައި އިތުރަށް އެނދުން ނޫން އެހެންކަމެއް ވެގެންނުދޭ،" ޔާމީން ވިދާޅުވިއެވެ.





