ދިވެހި|English 27 އޮގަސްޓު 2026 · 23:08
Top banner
Advertisement
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހަމަވަނީ
ޚަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހަމަވަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހޯމަ ދުވަހު ހަމަވާނެއެވެ.

ހިރި ނިއުސްހިރި ނިއުސް27 އޮގަސްޓު 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު، މި އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން އިނާމަށް ހުށަހަޅާއިރު، އިނާމު ދެވޭ ކޮންމެ ގިންތިއަކުން ފޯމާއެކީ ހުށަހަޅަންޖެހޭ ކަމަށް އެއުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުށަހެޅުމަށް ވަރަށްބޮޑު ސަމާލުކަމެއް ދިނުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ވިދާޅުވެފައެވެ. ޚާއްޞަކޮށް ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްގެން އިނާމަށް ހުށަހަޅާއިރު، ސަނަދު ދިން މަރުކަޒުން ނުވަތަ ކޯސް ފުރިހަމަކުރި މަރުކަޒުން ދީފައިވާ ކޯހުން 1 ވަނަ ނުވަތަ އެންމެ މަތީ ވަނަ ހާސިލުކުރިކަން އަންގައިދޭ ލިޔުމާއި، ކޯހުން ހޯދައިފައިވާ މާކުހުގެ އެވްރެޖް ނުވަތަ ގްރޭޑް ޕޮއިންޓް އެވްރެޖް ބަޔާންކޮށްފައިވާ ލިޔުމާއި، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ހާސިލުކޮށްފައިވާ ސަނަދެއް ކަމަށްވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަޔާންކޮށް ތައްގަނޑު ޖަހައިފައިވާ ސަނަދުގެ ކޮޕީ ހުށަހަޅަންޖެހޭތީ އާއި، އިނާމަށް ހުށަހަޅާ ލިޔުންތަކުގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހަންޖެހޭތީ މިކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުމަށްވެސް ކޮމިޓީން އެދިވަޑައިގަންނަވައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ ގިންތިތަކަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއާއި، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއާއި، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތިއެވެ.

ގުޅުންހުރި ޚަބަރު