ދިވެހި|English 9 ސެޕްޓެމްބަރު 2026 · 19:10
Top banner
Advertisement
ޚަލީފާ އުމަރު رضي الله عنه އާއި، ޣައްސާންގެ ރަސްގެފާނު
ރިޕޯޓް

ޚަލީފާ އުމަރު رضي الله عنه އާއި، ޣައްސާންގެ ރަސްގެފާނު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ9 ސެޕްޓެމްބަރު 2026

ޣައްސާނީ ދަރިކޮޅުގެ އެންމެ ފަހު ރަސްގެފާނަކީ ޖަބަލާ ބިން އަލް ޢައިހަމެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން އަލް ޚައްޠާބު رضي الله عنه އާއި، ޖަބަލާގެ މަޝްހޫރު ބައްދަލުވުން އިސްލާމީ ތާރީޚުގައި ފާހަގަކުރަނީ އިސްލާމީ ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން ދައްކުވައިދޭ ވަރުގަދަ މިސާލެއްގެ ގޮތުގައެވެ.

މުސްލިމުން ސީރިޔާ ފަތަޙަ ކުރުމުގެ ކުރިން ޣައްސާނީންނަކީ ބައިޒަންޓައިން އަމްބަރާޠޫރިއްޔަތުގެ ދަށުގައި ޑޯލާ ވެރިކަމެއް ކުރި ޢަރަބި ނަސްރާނީންގެ ބައެކެވެ. މީލާދީން 636 ވަނަ އަހަރުގެ ޔަރުމޫކު ހަނގުރާމައިގައި ޖަބަލާ ހަނގުރާމަ ކުރީ އިސްލާމީ ލަޝްކަރުތަކާ ދެކޮޅަށެވެ. ނަމަވެސް ސަރަޙައްދުގެ ބާރު ބަދަލުވަމުންދާތަން ފެނުމުން، ޖަބަލާ އިސްލާމްދީން ޤަބޫލު ކުރުމަށް ނިންމިއެވެ. އޭނާގެ އެ ނިންމުމާއި ގުޅިގެން ޚަލީފާ ޢުމަރު رضي الله عنه އޭނާއަށް މަދީނާއަށް އައުމަށް ދަޢުވަތު ދެއްވިއެވެ. އަދި އޭނާ މަދީނާއަށް އައުމުން ހޫނު މަރުޙަބާއެއް ދަންނަވައި، އިޙުތިރާމާއެކު މުޢާމަލާތް ކުރައްވައި، މައްކާއަށްގޮސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ދަޢުވަތު ދެއްވިއެވެ.

ޖަބަލާ ކަޢުބާގައި ޠަވާފު ކުރަމުން ދަނިކޮށް އާދައިގެ ބަދަވީ ޙައްޖާޖީއަކަށް ގަސްތަކާއި ނުލައި ރަސްގެފާނު ޖަބަލާގެ ޝާހީ ހެދުންކޮޅުގެ ފަސްބަޔަށް ފައިން އެރި ޖަބަލާ ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ.

އާންމު އާދައިގެ މީހަކު އޭނާގެ ހެދުމުގެ ފަސްބަޔަށް ފައިން އެރުމުން ޖަބަލާ އޭނާގެ ޝާހީ ބޮޑާކަމާއި، ކިބުރުވެރިކަމާއެކު ރުޅިއައިސްގެން ބަދަވީންގެ މީހާގެ މޫނުމަތީގައި ތަފާލެއް ޖެހުމުން ބަދަވީންގެ މީހާ ނޭފަތް ފަޅައިގެންގޮސް، ލޮލަށްވެސް އަނިޔާވިއެވެ.

އެ ނިކަމެތި ބަދަވީންގެ މީހާ ވަގުތުން، ޖަބަލާގެ ޝަކުވާ ޚަލީފާ އުމަރު رضي الله عنه ގެ އަރިހަށް ހުށަހަޅުއްވައި، އޭނާއަށް އިންސާފު ހޯއްދަވައި ދެއްވުމަށް އެދިވަޑައިގަތެވެ.

ޚަލީފާ ޢުމަރު رضي الله عنه ، ވަގުތުން ޖަބަލާ ދަރުބާރަށް ހާޒިރު ކުރެއްވިއެވެ. އަދި، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޖަބަލާ އެ ޢަމަލަށް އިންކާރު ނުކޮށް، ބޮޑާކަމާއެކު ދެންނެވިއެވެ. "އޭނާއަކީ އާންމު ބަދަވީއެކެވެ. އަޅުގަނޑަކީ ރަސްކަލަކީމެވެ. ޙުރުމަތްތެރިވެގެންވާ ކަޢުބާ ނޫން ތަނެއްގައި ހިނގި ކަމެއް ނަމަ އަޅުގަނޑު އޭނާގެ ބޯ ކަނޑާލީމުހެވެ."

އިސްލާމް ދީނުގެ ޢަދުލުވެރިކަމުގެ މައިގަނޑު އުޞޫލުގެ ދަށުން ޢުމަރު رضي الله عنه އޭނާއަށް ޖަވާބު ދެއްވިއެވެ.

"އިސްލާމްދީނުގައި ތިބާއާއި، އެ ޢާންމު މީހާއާ ދެމީހުން ހަމަހަމައެވެ. ތިބާގެ ޝާހީ ހައިސިއްޔަތަކީ ތިބާއަށް އެހެން މުސްލިމެއްގެ މައްޗަށް އަނިޔާވެރިވުމުގެ ޙައްޤު ލިއްބައިދޭ ކަމެއް ނޫނެވެ. ތިބާ އެމީހާގެ ކިބައިން މަޢާފަށް އެދޭށެވެ. އަދި އޭނާގެ ރުހުން ހޯދާށެވެ. އެހެން ނޫނީ ޤިޞާސް ހިފެވޭނެއެވެ. ތިބާ، އޭނާގެ ނޭފަތް ފަޅާލި ފަދައިން، ތިބާގެ ނޭފަތް ފަޅާލުމުގެ ހުއްދަ އޭނާއަށް ދެވޭނެއެވެ."

ޢުމަރު رضي الله عنه އެހެން ވިދާޅުވުމުން ޖަބަލާ ސިއްސައިގެން ގޮސް ދެންނެވިއެވެ. "އެއީ ކިހިނެއް ވާނެ ކަމެއް ތޯއެވެ؟ އަޅުގަނޑު ހީކުރީ އިސްލާމްދީނަށް ވަނުމުން، ޖާހިލިއްޔަ ޒަމާނުގައި އަޅުގަނޑު ހުރި ވަރަށް ވުރެ ވެސް އަޅުގަނޑުގެ ބާރުގަދަވާނެ ކަމަށެވެ."

ޢުމަރު رضي الله عنه ވަރަށް ސާބިތުކަމާއެކު ވިދާޅުވިއެވެ. "އިސްލާމް ދީން ވަނީ ރަސްރަސްކަލުންނާއި، ރައްޔިތުންނާ ދެމެދު އޮތް ހުރިހާ އިމްތިޔާޒުތަކެއް ނައްތާލައި، އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމު ކޮށްފައެވެ."

އާންމު އާދައިގެ ބަދަވީންގެ މީހަކު، އާންމުންގެ އެތައް ބައެއްގެ ކުރިމަތީގައި، އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމަކީ އޭނާގެ ފަޚުރާއި، ޝަރަފަށް ބަލާއިރު، ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާތީ، އެކަމާމެދު ވިސްނުމަށް އޭނާއަށް އެއްރޭގެ މުހުލަތު ދެއްވުމަށް ޖަބަލާ އެދުނެވެ. އެހެންކަމުން ޢުމަރު رضي الله عنه އޭނާއަށް އެ މުހުލަތު ދެއްވިއެވެ.

އެއަށްފަހު، ރޭގަނޑުގެ ހަމަހިމޭންކަމުގައި ޖަބަލާއާއި، އޭނާގެ ވަފާތެރިން ސިއްރު ސިއްރުން މައްކާއިން ނުކުމެ ފިލައިގެން ޤުސްޠަންޠީނިއާއަށް ދިޔައެވެ. އަދި އިސްލާމްދީން ދޫކޮށް ނަސާރާ ދީނަށް އަލުން ވަދެ، ބައިޒަންޓައިންގެ ރަަސްގެފާނު ހިރަގުލުގެ ޙިމާޔަތުގެ ދަށުގައި ޢުމުރުގެ ބާކީބައި ޤުސްޠަންޠީނިއާގައި ހޭދަކުރިއެވެ.

ގުޅުންހުރި ޚަބަރު