ދިވެހި|English 20 ސެޕްޓެމްބަރު 2026 · 13:08
Top banner
Advertisement
ޓްރަމްޕް މިކުރަނީ މޮޔަ ހަނގުރާއެއް، މާ ވޭންގަދަ ހަމަލާއެއް ދިނުމަށް އީރާން އޮތީ ތައްޔާރަށް: މުޙައްސިން ރެޒާއީއީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްސިން ރެޒާއީ
ދުނިޔެ

ޓްރަމްޕް މިކުރަނީ މޮޔަ ހަނގުރާއެއް، މާ ވޭންގަދަ ހަމަލާއެއް ދިނުމަށް އީރާން އޮތީ ތައްޔާރަށް: މުޙައްސިން ރެޒާއީ

އީރާނުން އަމިއްލަ ދިފާއުގައި މަސައްކަތްކުރުމަށް ސީރިއަސް ކަމަށާއި، އަސްކަރީ ހަނގުރާމަ އަލުން ފެށިއްޖެނަމަ، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އުދުއްސާ ބޭސްތަކަށް އީރާނުން މާއަސަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މމުހައްމަދު އަލީ20 ސެޕްޓެމްބަރު 2026

ތެހެރާން، އައިއާރުއެންއޭ – އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްސިން ރެޒާއީ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށްޓެވީ މޮޔަ ހަނގުރާމައެއް ކަމަށާއި، އެ ހަނގުރާމަ ކުރިއަށް ގެންދަވަނީވެސް މޮޔަކޮށް ކަމަށެވެ. ނަމަވެސް، މިއަހަރުގެ ކުރީކޮޅު ފެށުނު 40 ދުވަހުގެ ހަނގުރާމައިގައި ދިން ފަދައިން، އެމެރިކާއިން އަސްކަރީ އުދުވާންތައް އަލުން ފަށައިފިނަމަ، މާއަސަރުގަދަ އަދި ވޭންދެނިވި ރައްދެއް ދިނުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރެޒާއީ މިހެން ވިދާޅުވީ ޤަޠަރުގެ އަލްޖަޒީރާ ނިއުސް ނެޓްވޯކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. ހޮނިހިރު ދުވަހު އާންމުކުރި މި އިންޓަވިއު އައިސްފައިވަނީ، ފެބްރުއަރީ 28 ގައި އިސްރާއީލާއެކު ބައިވެރިވެގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާލާނެ ގޮތަކާމެދު އެމެރިކާއަށް ގޮތެއް ނިންމަން ނޭނގި އުޅޭ ދަނޑިވަޅެއްގައެވެ. މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ ހަތަރު ފަސް ހަފުތާއެއްގެ ތެރޭގައި ނިމޭނެ ކަމަށް ޓްރަމްޕް ކުރިން އަންދާޒާކުރެއްވި ހަނގުރާމައެކެވެ. ނަމަވެސް މިހާރު އަށްވަނަ މަހަށް އަޅައިގެން ގޮސްފައިވާއިރު، ވޮޝިންގޓަނަށް މިކަން ނިންމާނެ ސާފު ސްޓްރެޓެޖީއެއް ނެތެވެ. އެހެންކަމުން މިކަމާ އެމެރިކާގެ ރައްޔިތުން ވެސް ވަނީ ކަންބޮޑުވާން ފަށައިފައެވެ.

އީރާނުގެ އިސް ސެކިއުރިޓީ އޮފިޝަލް ވަނީ މި ހާލަތު މެދުވެރިވީ ޓްރަމްޕްގެ ކުށް އަންދާޒާތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ހަނގުރާމައާއި ކަނޑު ހިސާރުކުރުމަށްފަހު އިޤްތިޞާދީ ގޮތުން އެކަހެރިކުރުމުގެ ފިޔަވަޅުތައް އެޅުމުން އެނގެނީ، ވޮޝިންގޓަނުން އަސްކަރީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ރަނގަޅު ވަޒަންކުރުމެއް ނެތި ފިޔަވަޅުތައް އަޅާފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރެޒާއީ ވިދާޅުވި ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ހަމައެކަނި އިސްރާއީލާއި އެޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެދުމުގެ މަތިންނެވެ.

"ނަތަންޔާހޫ ވަނީ ޓްރަމްޕް އަނދަވަޅަކަށް ވައްޓާލާފައި،" އޭނާ ވިދާޅުވިއެވެ. އަދި ޓްރަމްޕް ފެއްޓެވީ މޮޔަ ހަނގުރާމައެއް ކަމަށާއި، ކުރިއަށްވެސް ގެންދަވަނީ މޮޔަކޮށް ކަމަށް ވިދާޅުވިއެވެ. އީރާނުގެ ޝަރުތުތައް ގަބޫލުކޮށް ހަނގުރާމަ ނިންމާލުމަކީ އެމެރިކާގެ ފައިދާވާނޭގޮތް ކަމަށާއި، މައްސަލަ ދިގުދެމިގެންދާ ވަރަކަށް އެމެރިކާގެ ހާލަތު ކުރިއަށްވުރެ ގޯސްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަނގުރާމަ ނިންމާލުމަށް އީރާނުން ހުށަހަޅާ ޝަރުތުތަކާ ބެހޭގޮތުން ރެޒާއީ ވިދާޅުވިއެވެ. "އަޅުގަނޑުމެން އެދެނީ ފްރީޒްކޮށްފައިވާ އަޅުގަނޑުމެންގެ މާލީ ވަސީލަތްތައް ދޫކޮށްލުމަށް. ދެވަނަކަމަކަށް، ލުބުނާނާ ދެކޮޅަށްކުރާ ހަނގުރާމަ ހުއްޓާލުމަށް. އެބޭފުޅުން އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމާއި އުދުވާންތައް ހުއްޓާލައި، ކަނޑުގެ ހިސާރު އުވާލަންޖެހޭ."

އިސް ސެކިއުރިޓީ އޮފިޝަލް ތަކުރާރުކޮށް ވިދާޅުވީ، އީރާނުގެ ފަސްގަނޑަށް އަމާޒުކޮށް އިތުރު ބޮޑު ހަނގުރާމައެއް ފަށައިގަނެފިނަމަ، އަމިއްލަ ދިފާއުގައި ތައްޔާރަށް އޮތް ކަމަށެވެ.

"ނިހާއީ ހަނގުރާމައަކަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން. އަދި އެމެރިކާގެ އަސްކަރީ ނާޒުކުކަންކަން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭ. މިފަހަރު އަޅުގަނޑުމެން ތައްޔާރުވެފައިވާ މިންވަރު މާރަނގަޅު،" އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުކޮށްފައިވާކަން ބަޔާންކުރައްވަމުން އޭނާ ވިދާޅުވިއެވެ. މިގޮތުން އެމެރިކާގެ އެއާކްރާފްޓް ކެރިއަރެއްގެ ކައިރީގައި ދާދިފަހުން ކުރިއަރާފައިވާ އެންޓި-ޝިޕް ކްލަސްޓާ މިސައިލްތަކެއް ޓެސްޓްކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންކަމުން އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާއިން އަލުން އަސްކަރީ އުދުވާނެއް ފަށައިގަނެފިނަމަ، އީރާނުން މާ ބާރުގަދަކޮށް، މާއަސަރުގަދަ ރައްދެއް އެމެރިކާއަށް ދޭނެ ކަމަށް ވިދާޅުވިއެވެ.

އަވައްޓެރި ޤައުމުތަކުގައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން ހަމަލާތަކަކީ އެމެރިކާގެ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށާއި، އެއީ އެ ޤައުމުތަކުގެ ފަސްގަނޑަށް ދިން ހަމަލާތަކެއް ނޫންކަން ރެޒާއީ ތަކުރާރު ކުރެއްވިއެވެ. އަދި ވޮޝިންގޓަނުން ތެހެރާނާ ދެކޮޅަށް ކުރާ އިޤްތިޞާދީ ހަނގުރާމައިގައި ބައިވެރިނުވުމަށް އަވައްޓެރި ޤައުމުތަކަށް އިރުޝާދު ދެއްވިއެވެ.

އަދި އީރާނުން އަމިއްލަ ދިފާއުގައި މަސައްކަތްކުރުމަށް ސީރިއަސް ކަމަށާއި، އަސްކަރީ ހަނގުރާމަ އަލުން ފެށިއްޖެނަމަ، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އުދުއްސާ ބޭސްތަކަށް އީރާނުން މާއަސަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަށް އޮތީ އެންމެ ހައްލެއް ކަމަށާއި، އެއީ އީރާނުގެ އަވައްޓެރި ޤައުމުތަކުން މި މަތިންދާބޯޓުތައް އުދުއްސުން ހުއްޓުވުން ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ބާބު އަލް-މަންދަބްގައި ޔަމަނާއި ސައޫދީ އަރަބިއްޔާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަކީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ކުރިއެރުމެއް ކަމަށް ދައްކާ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ. އަދި ޓްރަމްޕާއި ނަތަންޔާހޫގެ ހަނގުރާމައިގެ ސަބަބުން ދުނިޔެ ތިންވަނަ ބޮޑު ހަނގުރާމައަކަށް މިސްރާބުޖަހަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

އީރާނުގެ ނިއުކްލިއާ ޕްރޯގްރާމާއި، އީރާނުގެ މައްސަލަ އދ. ގެ ސެކިއުރިޓީ ކައުންސިލަށް ފޮނުވުމަށް އދ. ގެ ނިއުކްލިއާ ވޮޗްޑޯގުން ދާދިފަހުން ފާސްކުރި އެމެރިކާއިން އެކުލަވާލި ގަރާރާ ބެހޭގޮތުން ރެޒާއީ ވިދާޅުވިއެވެ. އީރާނުން ފުރިހަމައަށް އެއްބާރުލުން ދެމުންދާއިރުވެސް، ކުރިމަތިވި ޕްރެޝަރުތަކާއެކުވެސް މިހާތަނަށް ނިއުކްލިއާ ނޮން-ޕްރޯލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގައި ދެމިއޮތް ކަމަށެވެ. ނަމަވެސް، އީރާނުން މިހާރު އެންޕީޓީއިން ވަކިވުމާމެދު ވިސްނަމުންދާ ކަމަށާއި، އެ ނިންމުން ބިނާވެގެންވަނީ އެމެރިކާގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށް ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު