ދިވެހި|English 22 ސެޕްޓެމްބަރު 2026 · 14:15
Top banner
Advertisement
ރާއްޖެގެ ނާއިބު ރައީސް އދ.ގެ އެސްޖީއާ ބައްދަލުކުރައްވައިފިނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް އދ.ގެ އެސްޖީއާ ބައްދަލުކުރެއްވުން/ފޮޓޯ ރަައީސް އޮފީސް
ޚަބަރު

ރާއްޖެގެ ނާއިބު ރައީސް އދ.ގެ އެސްޖީއާ ބައްދަލުކުރައްވައިފި

މި ބައްދަލުވުމުގައި ފަލަސްތީނުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި

ހިރި ނިއުސްހިރި ނިއުސް22 ސެޕްޓެމްބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވަނީ މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، ނިއުޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހީންގެ ނާއިބު ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މޫސުމީ ވިލުންތެރިކަމާއި، ދަރަނީގެ ދެމެހެއްޓެނިވި ކަމާއި، ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޛު ކުރުމާއި، ސިޑްސްއިން އިސްކަންދޭ ކަންކަމުގެ އިތުރުން އދ. އިޞްލާޙުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހިރާއްޖެއާއެކު އޮތް އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބާރުލުން ދެއްވުމަށާއި، މިކަމުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމުގައި އދ. އިން އެހީތެރިކަންދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ސަރަޙައްދީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލަތަކުގެ މައްޗަށާއި، ޚާއްޞަކޮށް ފަލަސްޠީނުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި ޚަބަރު