ތެހެރާން، އައިއާރުއެންއޭ – އެމެރިކާއިން ހަމަލާދީ ހަލާކުކޮށްލި އީރާނުގެ ހުރުމުޒްގާން ޕްރޮވިންސްގެ މިނާބުގައިވާ ޝަޖަރަހް ތައްޔިބާ ސުކޫލު ސްމާޓް ޓެކްނޮލޮޖީއާއެކު ފުރިހަމަ ސްކޫލެއްގެ ގޮތުގައި ބިނާކުރާނޭ ކަމަށް އީރާންސައިންސް، ޓެކްނޮލޮޖީ އެންޑް ނޮލެޖް-ބޭސްޑް އިކޮނޮމީގެ ނައިބު ރައީސް ހުސައިން އަފްޝީން ވިދާޅުވެއްޖެއެވެ.
މި ސުކޫލު ހުޅުވުމުގެ ރަސްމިއްޔާތާ ބެހޭގޮތުން އޭނާ ވިދާޅުވީ ރައީސް މައްސޫދު ޕެޒެޝްކިއަން މި ރަސްމިއްޔާތުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވި ކަމަށެވެ. އެހެންނަަމަވެސް ރަސްމީ މަސައްކަތު ދަތުރުފުޅެއްގައި އުޅުއްވާތީ ބައިވެރިވެވަޑައިގަނެވޭ ގޮތް ނުވީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިހުރީ އެމަނިކުފާނުގެ ފަރާތްޕުޅުން، ހުރުމުޒްގާންގެ ރައްޔިތުންނަށް، ޚާއްޞަކޮށް މިނާބުގެ ރައްޔިތުންނަށާއި ޝަހީދުވި ދަރިވަރުންގެ މައިންބަފައިންނަށް އެމަނިކުފާނުގެ ސަލާމާއި ހަމްދަރުދީގެ މެސެޖު ރައްދުކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.
އަފްޝީން ވިދާޅުވީ، އީރާން ބިނާކުރާނޭ މުސްތަޤްބަލުގެ ބާނީން ކަމުގައިވާ އަދުގެ އެއްވެސް ދަރިވަރަކު ކުރިއަށްދާންއޮތް މަގު ފުރިހަމަނުވެ އޮތުމަކީ ރައީސް ބޭނުންފުޅުވާ ގޮތެއް ނޫންކަމަށެވެ. ރައީސްގެ އިޚްލާޞްތެރި އެދުންފުޅަކީ ދަރިވަރުން ކުރިއަރައި ދިއުމަށްއޮތް ހުރިހާ މަގެއް ފަހިވެފައި އޮތުން ކަމަށް އަފްޝީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޝަޖަރަހް ތައްޔިބާ ސުކޫލު އަލުން ބިނާކުރުމަކީ ރީކޮންސްޓްރަކްޝަން ހެޑްކުއާޓަރސްއިން ޚާއްޞަ އިސްކަމެއް ދީގެން ފާސްކުރި ކަމެއް ކަމަށެވެ.
މި ސުކޫލު ސްމާޓް ޓެކްނޮލޮޖީއާއި އެންމެ ފަހުގެ ޒަމާނީ ލެބޯޓްރީތަކާއެކު ފުރިހަމައަށް ތައްޔާރުކުރެވި، ކައިރި މުސްތަޤްބަލެއްގައި ސަރަޙައްދީ ދަރިވަރުންނާ ހަވާލުކުރެވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ޝަޖަރަހް ތައްޔިބާ ސުކޫލަށް ދިން ހަމަލާއެއްގައި ސުކޫލުގެ 168 ކުދިން ވަނީ ޝަހީދުވެފައެވެ.





