މި އިމާރާތުގެ ބިންގާ އެޅުމަށް ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ފެތުރިފައިވާ މިންވަރަށް ބަލާއިރު ފަރުވާދެވެނީ މަދު ބަޔަކަށް ކަމަށެވެ. އެހެންނަމަވެސް މިއަދު ބިންގާ އެޅި ސެންޓަރުގައި ފަސް ސަތޭކަ މީހުންނަށް ފަރުވާދެވޭނޭ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފޮހެލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބޭފުންފުޅުވާ ކަމަށެވެ. އެކަންކުރެވޭނީ ރަނގަޅު ފެންވަރުގެ ފަރުވާ ދެވިގެން ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް ކޮށްފައިވާ ކަމަށާއި އެހެންނަމަށް ވެސް އެކަމަށް ކުރައްވާފައިވާ މަސައްކަތް ކުޑަކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިވަގުތަށް މިކަން ހައްލުކުރުމަށް ބަލާއިރު އެންމެ ބޮޑަށް ބޭނުންވަނީ މަރުކަޒު ކުރެވިގެން ފަރުވާ ހޯދާ މީހުންނަށް ގަބޫލުކުރެވޭ ފެންވަރުގެ ޚިދުމަތްތަކެއް ދެވޭނެ ފެސިލިޓީއެއް ނެތުން. މިހާތަނަށް ފަރުވާގެ ކަންކަން ފޯރުކޮށްދެވެނީ އަޅުގަނޑުމެންވެސް ފަޚުރުވެރިވާ ވަރަކަށް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ބޭނުންވީ ފަރުވާގެ ކަންކަމުގައި މިއޮތް ގެޕް އެއްކޮށް ފިލްކޮށް އަޅުގަނޑުމެން މަސައްކަތް ކުރާނީ އިޚްލާސްތެރިކަމާއެކީ ނަތީޖާ ނެރެވޭ ގޮތަކަށް،" ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހިންމަފުށީގައި މިހާރު ހުރި ރިހިބިލިޓޭޝަން ސެންޓަރުން ފަރުވާދެވެނީ 174 މީހުންނަށް ކަމަށްވިޔަސް އެ ޢަދަދަށް ކްލައިންޓުންވެސް ނުނެގޭ ކަމަށްވިދާޅުވިއެވެ.





