ދިވެހި|English 9 ނޮވެމްބަރު 2026 · 20:56
Top banner
Advertisement
ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން ރައީސް އުފައްދަވައިފި
ޚަބަރު

ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން ރައީސް އުފައްދަވައިފި

ރައީސް ވަނީ ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާކުރާނޭ ގޮތަށް ފަރުމާކުރައްވާފައިވާ ނިޒާމެއް އިއުލާން ކުރައްވައިފައެވެ.

ހިރި ނިއުސްހިރި ނިއުސް9 ނޮވެމްބަރު 2026

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)" މިއަދު އުފައްދަވައިފިއެވެ. މިކުންފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނު ގެ ފަނަރަވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާތައް ދިވެހި އެންމެހައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމަށް އުފެއްދެވި ކުންފުންޏެކެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ އެންމެހައި ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަންއޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބިދެވޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމުގެ ބޭނުމުގައި އުފެއްދެއްވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

މި ކުންފުންޏަކީ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީން ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދޭނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމަކީ ވެސް ކުންފުނި އުދެއްދެވި ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާކުރާނޭ ގޮތަށް ފަރުމާކުރައްވާފައިވާ ނިޒާމެއް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިއުލާން ކުރައްވައިފައެވެ. އެގޮތުން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާ ޖަމާކޮށްދޭނޭ ކަމަށް ވެސް ރައީސް ކުރިން ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި، ޤާނޫނަކުން ކަނޑައަޅުއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

ގުޅުންހުރި ޚަބަރު