ސުމަކީ ހަމަ ސުމެކެވެ. އެކަމަކު، އެއީ މިއަދު އެއީ، އެއާ ނުލައި ނޫޅެވޭ ވަރުގެ ބާރުގަދަ އެއްޗެކެވެ. މުސްލިމަކު "ސުމެއް" އުފެއްދުމުން، ދުނިޔޭގެ އެންމެ ގަދަފަދަ ބާރަށް އެ ސުން ވެގެން ދިޔައެވެ. ދުނިޔޭގައި "ސުމެއް" ނުވާނަމަ، ކޮމްޕިއުޓަރެއް، މޯބައިލް ފޯނެއް، އިންޓަރނެޓެއް، ސިނާރެއް، ޒަމާނީ ބޭންކިންގ ނިޒާމެއް، ޖައްވީ ދިރާސާއެއް، އަދި މިއަދުގެ ޑިޖިޓަލް ދުނިޔެއެއް ނުވީހެވެ. އެއީ ހަމައެކަނި ވަށަ ރޮނގެއް ނޫނެވެ. އެއީ، ޒަމާނީ ޙަޟާރަތުގެ މުޅި ބިންގަލެވެ. އަދި، މީގެކުރިން އެ ބިންގާ ދުނިޔެއަށް ގެނެސްދިން މުސްލިމަކު ހުއްޓެވެ. ސައިންސްގެ ތާރީޚުގައި އަދިވެސް އޭނާގެ ނަން ލިޔެވިފައިވަނީ ރަން އަކުރުންނެވެ. އެއީ، އަލްޖަބްރާއާއި، އެލްގޮރިދަމްގެ ބައްޕައެވެ. އޭނާގެ ނަންފުޅަކީ މުޙައްމަދު އިބުނި މޫސާ އަލްޚުވާރުޒަމީއެވެ. މޫސާ އަލްޚުވާރުޒަމީއަކީ މިހާރުގެ އުޒްބެކިސްތާނުގެ ބޭކަލެކެވެ. ފަހުން، އޭނާ ދިރިއުޅުއްވުން ބަޣުދާދަށް ބަދަލުކުރެއްވީއެވެ.
މިއަދު ދުނިޔޭގައި ބޭނުންކުރަމުންދާ ކޮންމެ ކޮމްޕިއުޓަރަކީ ހަމަ އެ ސައިންސްގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. އެއްޒަމާނެއްގައި، މުސްލިމުން ރޭގަނޑު ފުޅިބައްތި ދިއްލައިގެން ފޮތްތައް ލިޔަމުން ދިޔަ ދުވަސްވަރެއް ދިޔައެވެ. އެކަމަކު، މިއަދުގެ ގިނަ ޒުވާނުން މުޅި ރޭގަނޑުގެ ހަތަރުދަން ބޮކި އަލީގައި ހޭދަކުރަނީ އެންމެބޮޑަށް ވިރަވިވާނޭ ވީޑިއޯއެއް އުފައްދާނީ ކިހިނެއްތޯއާއި، އެންމެ ގިނަ ވިއުސް ލިބޭނީ ކޮން ސުރުޚީއަކުންތޯއާއި، އިތުރަށް މަގުބޫލުވާނީ ކޮން ޓްރެންޑެއްތޯ ބެލުމުގައެވެ.
އަޅުގަނޑުމެން ޢިލްމު އުފައްދަނީތޯއެވެ؟ ނުވަތަ ހަމައެކަނި ސަމާލުކަން ހޯދުމުގެ ރޭހެއްގައި ދުވަނީ ހެއްޔެވެ؟ އަޅުގަނޑުމެންގެ ކެމެރާތަކާއި، ދިރާސާތަކާއި، ސައިންސާއި، ތަޢުލީމާއި، ޤުރުއާނުގެ ޙިކުމަތާއި، ތާރީޚާއި، އަޚުލާޤާއި، އިންސާނިއްޔަތަށް ޚިދުމަތްކުރުމަކީ ޚިދުމަތުގެ ވަސީލަތަކަށް ވެއްޖެނަމަ، މި މީސްމީޑިއާއަކީ މެދުނުކެނޑުމެއް ނުވާ ޞަދަޤާތަކަށް ވެދާނެއެވެ. އެކަމަކު، އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް ބޭނުންކުރަނީ ހަމައެކަނި ވަގުތީ މަޝްހޫރުކަމެއް ހޯދަން ކަމުގައިވާނަމަ، ދެން އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ އަސްލު ތަރިކައާ ދުރަށެވެ.
ކީރިތި ޤުރުއާނުގައި މާތް الله އެންމެ ފުރަތަމަ ވަޙީ ކުރައްވާފައިވާ ބަސްފުޅަކީ؛ "ކިޔަވާށެވެ!"
الله ތަޢާލާ މި އުންމަތް ޢިލްމުގެ ތެރެއިން އުފުއްލަވައި، މަތިވެރި ކުރެއްވިއެވެ. މިއަދު، މި އުއްމަތް ޢިލްމާއި ދުރަށް ދިއުމުން، މުސްލިމުން މިތިބީ އެހެން މީހުންނަށް ބަރޯސާވާން ޖެހިފައެވެ. މިއަދު ދުނިޔޭގެ ބޮޑެތި ލެބޯޓްރީތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި، ބާރުގަދަ އިޤްތިޞާދުތަކާއި، ޢިލްމީ އީޖާދުތައް ގިނައިން ހުރީ ދިރާސާތަކާއި، ތަޖުރިބާތަކާއި، ޢިލްމަށް މެދުނުކެނޑި ވުނަކުރަމުންދާ ޤައުމުތަކުގެ އަތްމަތީގައެވެ.
އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުން އިތުރު އަލްޚަވާރުޒަމީއެއް އުފަންވެދާނެ ހެއްޔެވެ؟ އަނެއް އިބްނު ސީނާއެއް އަތުވެދާނެ ހެއްޔެވެ؟ އަނެއް އިބްނު އަލްހައިތަމް ފާޅުވެދާނެ ހެއްޔެވެ؟ ނޫނީ އަޅުގަނޑުމެން ދެމިތިބޭނީ މަޝްހޫރުކަމުގެ ކުޑަ ހިނދުކޮޅަކަށްފަހު ހަނދާން ނެތިގެންދާނެ ސިލްސިލާ މޫނުތަކެއްގެ ގޮތުގައި ހެއްޔެވެ؟ ހަނދާން ކުރާށެވެ! އުއްމަތްތައް ދިރިދެމިއޮތީ ހަމައެކަނި ކަނޑިއާއި ބަޑީގެ ބާރަކުން ނޫނެވެ. އަދިކިއެއްތަ، ޤަލަމާއި ދިރާސާއާއި، އަޚުލާޤާއި، ޢިލްމުގެ ސަބަބުންނެވެ.
ދުނިޔޭގައި މުސްލިމުންގެ ޤަދަރާއި، ކަރާމާތް އަލުން އުފުލިގެން ދާން އެދޭނަމަ، އަޅުގަނޑުމެންގެ ޒުވާން ޖީލަށް ދައްކަންވީ ހަމައެކަނި މަޝްހޫރުވުމުގެ ހުވަފެނެއް ނޫނެވެ. އުއްމަތަށް ބޭނުންތެރި ބަޔަކަށް ވުމުގެ ހުވަފެންވެސް އެމީހުންނަށް އަޅުގަނޑުމެން ދައްކަން ޖެހޭނެއެވެ. އަޅުގަނޑުމެން ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ޒަމާނުގައި އަޅުގަނޑުމެންނަކީ އިޙުތިރާމް ލިބިގެންވާ ބައެކެވެ. އެކަމަކު، މިއަދު އަޅުގަނޑުމެން ޤުރުއާން ދޫކޮށްލުމުން މިތިބީ ޤަދަރެއް، އިޙުތިރާމެއްނެތް ނާކާމިޔާބު ބަޔަކަށް ވެފައެވެ.





