ދިވެހި|English 15 އޮކްޓޯބަރު 2026 · 18:22
Top banner
Advertisement
ކީރިތި ޤުރުއާނުގެ މުޢުޖިޒާތީ ސިއްރުތަކުގެ ތެރެއިން ޚާއްޞަ ސިއްރެއް!
ރިޕޯޓް

ކީރިތި ޤުރުއާނުގެ މުޢުޖިޒާތީ ސިއްރުތަކުގެ ތެރެއިން ޚާއްޞަ ސިއްރެއް!

ކީރިތި ޤުރުއާން ބާވައިލެއްވުނު ހިނދު، ފިރުޢައުނާއި، އޭނާގެ ޤައުމު ހަލާކުކުރެއްވި، ކުރެއްވުމާ ބެހޭ ގޮތުން ވަރަށް އާދަޔާ ޚިލާފު އާޔަތެއް ބާވައިލެއްވުނެވެ.

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ15 އޮކްޓޯބަރު 2026

ކީރިތި ޤުރުއާނުގެ ދުޚާން ސޫރަތުގެ 29 ވަނަ އާޔަތުގައި، މާތް الله ވަޙީކުރައްވައިފައިވެއެވެ. فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ (سورة الدّخان 29) މާނައީ: "ފަހެ، އެއުރެންގެ މައްޗަކަށް އުޑެއް ވެސް، އަދި ބިމެއް ވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި، އެއުރެންނީ މުހުލަތު ދެއްވައިފައިވާ ބަޔަކުކަމުގައި ނުވެތެވެ."

ސުވާލަކީ ކީރިތި ޤުރުއާނުގައި، އެ ގޮތަށް ވަޙީކުރައްވައިފައިވަނީ ކީއްވެގެންހެއްޔެވެ؟ އާދޭހެވެ! ފިރުޢައުނު ޣަރަޤުވެ މަރުވެދިއުމުން، އުޑާއި، ބިން އޭނާގެ މައްޗަށް ރޮއި ހިތާމަނުކުރާކަމަށް ބަޔާންކުރައްވައިފައިވަނީ ކީއްވެގެންހެއްޔެވެ؟ އާންމު އުސޫލެއްގެ ގޮތުން އަހުރެމެން ބުނާނީ ފިރުޢައުނު މަރުވީކަމަށެވެ. އަދި، ކީރިތި ޤުރުއާނުގައި، އޭނާ ހަލާކުކުރެއްވިކަމަށް ވެސް ބަޔާންކުރައްވައިފައިވެއެވެ. ވީމާ، ކީރިތި ޤުރުއާނުގެ ދުޚާން ސޫރަތުގެ 29ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވަނީ މުހާވިރާއެއްހެއްޔެވެ؟ ނުވަތަ އެ އާޔަތުގެ ފަހަތުގައި، ފިރުޢައުނިއްޔަތުގެ ޒަމާންވީ ޢަޤީދާއެއް ފޮރުވިފައިވޭހެއްޔެވެ؟ އަހުރެމެން ޤަދީމީ މިޞްރުގެ އާދަކާދައާއި، ތާރީޚަށް ބަލާ އިރު، ފިރުޢައުނަކީ ހަމައެކަނި ރަސްކަލެއް ނޫނެވެ. އޭނާގެ ޤައުމުގެ މީހުންގެ ކުރިމަތީގައި އޭނާއަކީ އިލާހީ ހަސްތީއެކެވެ. އޭނާގެ އުފަންވުމާއި، ދިރިއުޅުމާއި، އަދި މަރަކީ ވެސް މުޤައްދަސް ކަންކަމެވެ. 1881ވަނަ އަހަރު، މިޞްރިއްޔާތުގެ ފަރަންސޭސި ޢާލިމެއްކަމަށްވާ ގެސްޓޮން މަސްޕެރޯ ވަނީ ޤަދީމީ މިޞްރުގެ ޖަނާޒާގެ ކަންތައްތަކާ ބެހޭ ފޮތެއް ތަރުޖަމާކޮށްފައެވެ. އެ ފޮތުގައި، މީހަކު މަރުވުމަށް ފަހު، އެ މީހާގެ މައްޗަށް ކިޔަވާ ކިޔެވެލިތަކާއި، ތަފާތު ރަސްމުތައް ބަޔާންކޮށްފައިވެއެވެ. އެ ފޮތަކީ މިޞްރުގެ އަހުރާމުތަކުގެ ތެރެއިން ހޯދައިފައިވާ ފޮތެކެވެ. މިއަދު އެ ފޮތް އަހުރެމެންނަށް އެނގެނީ "ދަ ޕިރަމިޑް ޓެކްސްޓް"ގެ ނަމުންނެވެ. މިޞްރުގެ އަހުރާމުތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް އަހުރާމަކީ "އުނާސް"އޭ ކިޔޭ އަހުރާމެވެ. އެ އަހުރާމު ހުންނަނީ މިޞްރުގެ ސައްޤާރާގައެވެ. އެ އަހުރާމުގެ ފާރުތަކުގައި ލިޔެފައިވާ ލިޔުންތަކަށް ބަލާ އިރު، ކަލާމް 553ގެ، ފޮޅުވަތް 1365ސީ ގައި ލަފުޒުތަކެއް ލިޔެފައިވެއެވެ. [ތިބާގެ މައްޗަށް އުޑުތައް ރޮއެވެ. އަދި ބިން ތުރުތުރުއަޅައެވެ.] (ޔަޢުނީ ފިރުޢައުނު މަރުވުމުން، އުޑާއި، ބިން ރޮއި، ހިތާމަކުރެއެވެ. އަދި މުޅި ކާއިނާތު ފިރުޢައުނުގެ މަރާ ވިދިގެން ހިތާމަކުރެއެވެ.)

ފަހުން، މިސްރިއްޔާތުގެ އިނގިރޭސި ޢާލިމެއްކަމަށްވާ ސަރ އީ.އޭ ވޮލެސް ބަޖްގެ ފޮތެއްކަމަށްވާ [ދަ ގޯޑްސް އޮފް އިޖިޕުޓް]އާއި [ދަ ބުކް އޮފް ޑެޑް]ގައި ޤަދީމީ މިޞްރުގެ ޢަޤީދާ ވާހަކަ ގެނެސްފައިވެއެވެ. އެ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި ފިރުޢައުނުގެ މަރާ މެދު ޤަދީމީ މިޞްރު މީހުން ދެކެނީ ކައުނީ ހާދިސާއެއްގެ ގޮތުގައެވެ. ޔަޢުނީ އެއީ ހަމައެކަނި ޝާޢިރާނާ ލަފުޒުތަކެއްނޫނެވެ. އެކަމަކު، އެއީ ޤަދީމީ މިޞްރުގެ ރަސްމީ ޢަޤީދާއެވެ. އަދި ޝާހީ ނަޒަރިއްޔާއެކެވެ. އަދި، މިޞްރު މީހުން ދެކެނީ އެއީ ޙައްޤު ތެދުކަމުގައެވެ.

ދެން ވިސްނާށެވެ! ހަތް ވަނަ ޤަރުނުގެ ޢަރަބިކަރައެވެ. މިޞްރިއްޔާތުގެ ޢިލްމެއް ނެތެވެ. އަދި [ޕިރަމިޑް ޓެކްސްޓް]ގެ ތަރުޖަމާއެއް ނެތެވެ. އަދި ޤަދީމީ މިޞްރު މީހުން ލިޔެއުޅުނު ހައިރޮގްލެފިކްސްގެ އަކުރުތައް ކިޔާން ދަންނަ އެއްވެސް މީހަކު ދުނިޔެއަކު ނެތެވެ. ސަބަބަކީ ޤަދީމީ މިޞްރު މީހުންގެ އެ ބަހުރުވަ ވަނީ 2000 އަހަރަށް ވުރެ ގިނަ ދުވަސް ކުރީން އުވިގެން ގޮސްފައެވެ. އެކަމަކު، ކީރިތި ޤުރުއާން ފިރުޢައުނާ ބެހޭ ގޮތުން ބަޔާންކުރައްވައިފައިވަނީ [ފަހެ، އެއުރެންގެ މައްޗަކަށް އުޑެއް ވެސް، އަދި ބިމެއް ވެސް (ހިތާމަކޮށެއް) ނުރޮއެވެ." ޔަޢުނީ ކީރިތި ޤުރުއާން ހަމައެކަނި ފިރުޢައުނުގެ މަރުގެ ވާހަކަ ޒިކުރުކުރެއްވީއެއް ނޫނެވެ. ޤަދީމީ މިޞްރު މީހުން ޤަބޫލުކުރި މުޅި ޢަޤީދާ އެއްކޮށް ފުނޑުފުނޑުކޮށްލެއްވީއެވެ. އެ ޢަޤީދާއަކީ މިޞްރުގެ ފިރުޢައުނުން އެތައް ހާސް އަހަރެއް ވަންދެން ޔަޤީންކުރަމުން، ޤަބޫލުކުރަމުން ދިޔަ ޢަޤީދާއެކެވެ. އެ ޢަޤީދާއަކީ އަހުރާމުތަކުގެ ފާރުތަކުގައި ލިޔެފައިވާ ޢަޤީދާއެކެވެ. އަދި އެ ލިޔުންތައް ފުރިހަމައަށް ޑީކޯޑްކުރެވުނީ މީލާދީން 1822ވަނަ އަހަރުއެވެ. ވީމާ، 1822ވަނަ އަހަރުގެ ކުރީން، ކީރިތި ޤުރުއާނުގެ ދުޚާނު ސޫރަތުގެ 29ވަނަ އާޔަތަކީ ކޮން ކަމަކަށް ގޮންޖައްސަވައި، މާތް الله ބާވައިލައްވައިފައިވާ އާޔަތެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

ދެން ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! އުވިގެން ގޮސްފައިވީތާ 2000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބަހުރުވައަކުން ބުނެފައިވާ ވާހަކައެއް، ހަތްވަނަ ޤަރުނުގެ ތެރޭގައި ޢަރަބިކަރައިގައި އުޅުއްވި މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺއަށް އެނގިވަޑައިގަންނަވާނީ ކިހިނެއްހެއްޔެވެ؟ މިޞްރިއްޔާތުގެ ޢިލްމެއް ނެތެވެ. އަދި [ޕިރަމިޑް ޓެކްސްޓް]ގެ ތަރުޖަމާއެއް ނެތެވެ. އަދި ޤަދީމީ މިޞްރު މީހުން ލިޔެއުޅުނު ހައިރޮގްލެފިކްސްގެ އަކުރުތައް ކިޔާން ދަންނަ އެއްވެސް މީހަކު ދުނިޔެއަކު ނެތެވެ. މި ކަމުން ވެސް އެނގި ކަށަވަރުވަނީ ކީރިތި ޤުރުއާނަކީ މާތް الله ގެ ކަލާމްފުޅުކަމެވެ.

ގުޅުންހުރި ޚަބަރު