ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިއްކަވަމުން ގެންދަވާ ރަސްމާލެއިން ފަސް ސަތޭކަ ހެކްޓަރު ބިން ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އަށް ދޭން އުޅޭ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅި ޤަރާރު އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވޯޓާ ނުލައި ފާސް ކޮށްފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ ގއ. ކޮލަމާފުށީ ދާއިރާގެ ރައީސް މަހުފޫޒު ސަޢީދެވެ. ޤަރާރަށް ތާއިދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މި ޤަރާރުގައި ސަރުކާރަށް ގޮވާލާފައިވަނީ ރަސްމާލެ އީގަލް ހިލްސް އަށް ދިނުމުގެ މައްސަލާގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.
މި ޤަރާރު ފާސްކޮށްފައިވަނީ ޤައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓުދީގެންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޤަރާރާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދެވެ. އެ މަނިކުފާނު ވިދާޅުވީ އެ މަޝްރޫއަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.
މިރޭގެ ޖަލްސާއިން ފާސްކުރީ އާންމު ރައްޔިތުންގެ ޚިޔާލު ނުހޯދައި ރަސްމާލޭ މަޝްރޫއު ކުރިއަށް ގެންދާނަމަ ކޮންމެ ރެއަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމަށެވެ. އެ މުޒާހާރައި އިދިކޮޅު އެހެން ޕާޓީތަކަށް ވެސް ބައިވެރި ކުރެވޭނެއެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ މަޝްރޫޢާ ބެހޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދަން ވެސް މި ޤަރާރުގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
މި ޤަރާރަށް ވާހަކަ ދެއްކެވި އެންމެހާ މެންބަރުން ވަނީ މި ކަމުގައިހުރި ކަންބޮޑުވުންތަކާއި ނުރައްކާތައް ފާޅުކޮށް އެކަންކަމަށް ސީދާ ދެކޮޅު ހައްދަވައިފައެވެ.
މި ޤަރާރުގައި ގޮވާލައިފައިވަނީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެއްވެސް އެކުއިސިޝަން ކޯސްޓަކާއި ކުއްޔަކާ ނުލައި 99 އަހަރަށް އީގަލްސް ހިލްސް ދިނުމަށް ވެފައިވާ އެއްބަސްވުން އާންމު ކުރުމަށެވެ. އަދި ރައްޔިތުންގެ ޚިޔާލު މިކަމުގައި ހޯދުމަށް ވެސް ގޮވާލައިފައިވެއެވެ.
މީގެ އިތުރުން މި މުޢާމަލާތުގެ ނުރައްކާތެރި ކަމާބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވެސް މިޤަރާރުގައި ގޮވާލާފައިވެއެވެ. މި ޤަރާރާ ދެކޮޅަށް ވާހަަކަ ދައްކަވާފައިވަނީ ރައީސް ނަޝީދު އެކަންޏެވެ. އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ ޤަރާރަށް ތާއީދު ކުރައްވައިފައެވެ.





