އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާ ގުޅޭ މޮންޓްރިއަލް ޕްރޮޓޮކޯލްގެ އެއްބަސްވުމުގެ 38 ވަނަ ބައްދަލުވުމަށް (އެމް.އޯ.ޕީ 38) ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެއިސް ވަފުދެއް ބައިވެރިވެއްޖެއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޢިރުޟާ މުޙައްމަދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާޠިމަތު ޢުސްރާއާއި، ސީނިއަރ ކެމިކަލްސް މެނޭޖްމަންޓް އޮފިސަރ ނަފްޙާ ޢައްބާސް ކަމަށެވެ.
މިއަހަރުގެ ބައްދަލުވުމަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ހައިޑްރޯފްލޫރޯކާބަންސް (އެޗް.އެފް.ސީ) މަދުކުރުމަށް އެކުލަވާލި ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރާ މުހިންމު ބައްދަލުވުމެއް ކަމަށް ވެސް ވުޒާރާއިން ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކުރެވިފައިވަނީ 2027 އިން 2029 އަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީތެރިކަން ކަށަވަރުކުރުމަށާއި، މޮންޓްރިއަލް ޕްރޮޓޮކޯލްގެ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. މީގެއިތުރުން، އެއްބަސްވުމުގެ ދަށުން ނިންމާ ނިންމުންތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމާއި، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން ސަރަޙައްދީ ފެންވަރުގައި ޖައްވީ ބަދަލުތައް މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް މި ބައްދަލުވުމުގައި ދަނީ މަޝްވަރާކުރެވެމުންނެވެ.
ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައްޔާއި، ޚާއްޞަކޮށް އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ޤައުމެކެވެ.





