މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން، މަލްޓިލެޓަރަލް ފަންޑުގެ ރިޕްލެނިޝްމަންޓް އަދި ފިކްސްޑް އެކްސްޗޭންޖް ރޭޓް މެކޭނިޒަމާ ގުޅޭ ކޮންޓެކްޓް ގްރޫޕުގެ ކޯ-ޗެއަރގެ މަގާމު މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުޙައްމަދު ފުރުއްވަން ފައްޓަވައިފި ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިރުޒާ މުޙައްމަދު މި މަގާމު ފުރުއްވަމުން ގެންދަވަނީ ނެދަލެންޑްސްގެ މަންދޫބު މިސްޓަރ ރާލްފް ބްރީސްކޯންއާ އެކުގައެވެ. ދެ ބޭފުޅުން ގުޅިގެން މި ގްރޫޕްގެ ކޯ-ޗެއަރގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މޮޕް38 (MOP38) ގެ ބައްދަލުވުމުގައި އެންމެ އިސްކަމެއް ދީގެން ކުރިއަށްދާ އެއް މަޝްވަރާއަކީ ރިޕްލެނިޝްމަންޓާ ގުޅޭ މަޝްވަރާތަކެވެ. މި މަޝްވަރާތަކަކީ ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް (2027 އިން 2029 އަށް) މަލްޓިލެޓަރަލް ފަންޑު އަލުން ފުރިހަމަކުރުމަށް (ރިޕްލެނިޝްމަންޓަށް) ވަރަށް މުހިންމު މަޝްވަރާތަކެއް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި ފަންޑު އަލުން ފުރިހަމަ ކުރުމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން އޯޒޯން ފަށަލަ ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، މި ބައްދަލުވުމުގައި އެކަށީގެންވާ ނަތީޖާއެއް ނެރުމަށް ގިނަ ޤައުމުތަކަކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.





