ދިވެހި|English 9 ނޮވެމްބަރު 2026 · 20:56
Top banner
Advertisement
އެއްގަމު މަގުން އީރާނަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށް ޓާސްކްފޯހެއް އުފައްދައިފި
ދުނިޔެ

އެއްގަމު މަގުން އީރާނަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށް ޓާސްކްފޯހެއް އުފައްދައިފި

އިސްލާމީ އިންގިލާބީގާޑުން ބުނީ އެމެރިކާގެ މަސައްކަތް "ފެއިލްވާނެ" ކަމަށް އަދި އިރާނުގެ އިގްތިސާދު އިނދަޖައްސާ ނުލެވޭނެ ކަމަށް.

މމުހައްމަދު އަލީ9 ނޮވެމްބަރު 2026

އެއްގަމު މަގުން އީރާނަށް ހަތިޔާރާއި އެހެނިހެން މުދާ ވެއްދުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓާސްކްފޯހެއް އުފައްދަވައ އެކަން އާދީއްތަދުވަހު އިއުލާން ކުރައްވައިފިއެވެ. މި ފޯހުގައި ހިމެނެނީ ވިހި މެންބަރުންނެވެ.

މިއީ އަށް މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި އީރާނުގެ ބަނދަރުތައް ބަންދުކޮށް އެގައުމަށް ކަނޑުމަގުން ހަތިޔާރާއި މުދާ އެތެރެވިޔަ ނުދިނުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް އެކުލަވާލި ޓީމެއް ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފައެވެ.

"ޓާސްކް ފޯސް އަޔަން ގޭޓް މިހާރުވަނީ ފުރިހަމަ ބާރާއެކު މަސައްކަތް ފަށާފައި. ތާރީޚުގައި ވެސް ފެނުނު އެންމެ ބޮޑު ކަނޑުގެ ދަތިކުރުމުގެ ފިޔަވަޅާ އެކު، އީރާނަށް ވަދެވޭނީ ނުވަތަ ނުކުމެވޭނީ ވަރަށް މަދު އުޅަނދަކަށް،" ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ފޯހުގެ ސަބަބުން "ޓެރަރިޒަމަށް ފައިސާ ޚަރަދުކުރުމާއި، ހަތިޔާރު އުފައްދާ ކާރުޚާނާތައް އަލުން ބިނާކުރުމާއި، އަސްކަރިއްޔާ ވަރުގަދަކުރުމަށް އީރާނަށް ލިބޭ ފުރުސަތުތައް އިތުރަށް ހަނިވެގެންދާނެ،" ކަމަށެވެ.

މި ޓާސްކް ފޯސްގައި ހިމެނެނީ ސިވިލް މުވައްޒަފުންނާއި އަސްކަރީ މުވައްޒަފުންނެވެ. މި ފޯސް ގާއިމްވެ ތިބޭނީ ފްލޮރިޑާގައެވެ. މި ޓީމުން އެމެރިކާ ސަރުކާރުގެ އިދާރާތަކާ ގުޅިގެން "ޒަމާނީ ހަތިޔާރު ނިޒާމުތަކާއި، ޓެކްނޮލޮޖީއާއި، އެތެރެ ކުރުން މަނާ މުދާ، އީރާނުގެ އެއްގަމުގެ ބޯޑަރުތަކާއި ކަސްޕިއަން ކަނޑު ހުރަސްކޮށް އެތެރެކުރާ ގާނޫނާ ޚިލާފު މުދާ އެތެރެކުރުން ހުއްޓުވަން،" މަސައްކަތް ކުރާނޭ ކަމަށް ސެންޓްކޮމްއިން ވަނީ ބުނެފައެވެ.

މި ފިޔަވަޅާ ގުޅިގެން އިރާނުގެ އިސްލާމީ އިންގިލާބީ ގާޑުން ބުނީ ވޮޝިންޓަންގެ އެންމެ ފަހުގެ މި މަސައްކަތް "ފެއިލްވާނެ" ކަމަށެވެ. އީރާނުގެ އިގްތިސާދު އިނދަޖައްސާ ނުލެވޭނޭ ކަމަށް ވެސް ބުންޏެވެ.

އިސްލާމީ އިންގިލާބީ ގާޑުގެ ތަރުޖަމާނު ހުސައިން މޮހެބީއާ ހަވާލާދީ ފާރސް ނިއުސް އެޖެންސީން ބުނެފައިވަނީ "އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެކި ނަންނަމުގައި އަދި އެކި ރޭވުންތަކުގެ ދަށުން އެޅިކަމުގައި ވިޔަސް އެމެރިކާއަށް ކާމިޔާބެއް ނުވާނޭ ކަމަށެވެ. "އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށް އިނދަޖައްސާލުމަށްޓަކައި އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އެމީހުންގެ މަގުސަދެއް ހާސިލް ނުވާނެ،" މޮހެބީ އިތުރަށް ވިދާޅުވީ އީރާނާއި އަވަށްޓެރި ގައުމުތަކާ ދެމެދުއޮތް މުވާސަލާތީ ގުޅުންތައް "ހުއްޓުވުމުގެ އެއްވެސް ބާރެއް އެމެރިކާއަށް ލިބިގެން ނުވާ" ކަމަށެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މަދުވެގެން 25 ބިލިއަން ޑޮލަރުގެ ތެޔޮވަނީ ބޭރުނުކުރެވި ބަންދުވެފައި ކަމަށް ސެންޓްކޮމްއިން ވަނީ ބުނެފައެވެ. އޮގަސްޓް މަހުން ފެށިގެން އެމެރިކާއިން ވަނީއީރާނުގެ އިގްތިސާދު ހަލާކުކޮށްލުމުގެ ރަހުމްކުޑަ ކެންޕޭނެއް ފަށައިފައެވެ. މި ފިޔަވަޅުއަޅަންފެށީ އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ.

 

ގުޅުންހުރި ޚަބަރު