ރަށްރަށުގައި ބޭނުންކުރަމުންދާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީކުރުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ދޭން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ވިދާޅުވެފައިވަނީ އަތޮޅުތެރޭގައި ދުއްވާ އެއްގަމު ބައެއް އުޅަނދުފަހަރު ތަފާތު ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއްވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިފަދަ އުޅަނދުފަހަރު ރަޖިސްޓަރީކުރުމަށް ލާޒިމުވާ ބައެއް ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުގެ ސަބަބުން ދިމާވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ C3 އަދި C4 ކެޓަގަރީގެ ތިންފުރޮޅުލީ އުޅަނދުތަކަކީ، ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކުރެވިފައެވެ. މިއާއެކު މި ކެޓަގަރީތަކުގެ އުޅަނދުފަހަރު އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީކޮށްދެވޭނެ ކަމަށާއި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި އުޅަނދުފަހަރު ރަޖިސްޓަރީކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން، ރާއްޖެއަށް އެެތެރެކުރިތާ ގިނަދުވަސްވުމުގެ ސަބަބުން ނުވަތަ ރަޖިސްޓަރީކުރުން ލާޒިމްކުރުމުގެ ކުރިން ރާއްޖެ އެތެރެކޮށް އަތޮޅުތެރޭގައި ބޭނުންކުރަމުންދާ މިފަދަ އުޅަނދުފަހަރުގެ ލިޔެކިޔުންތައް ގެއްލިފައިވާ ފަރާތްތަކަށް ވެސް އެ ނިސްޓްރީން ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، ލިޔެކިޔުންތައް ފުރިހަމައަށް ނެތް ނަމަވެސް، އެ އުޅަނދެއްގެ ރޯޑްވާދިނަސް ލިޔުމަށް ބެލުމަށްފަހު ރަޖިސްޓަރީކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.





