ދިވެހި|English 9 ޖުލައި 2026 · 05:09
Top banner
Advertisement
ކްލައިމެޓް ފައިނޭންސް އިތުރުކުރަންޖެހޭ: ނާއިބު ރައީސް
ޚަބަރު

ކްލައިމެޓް ފައިނޭންސް އިތުރުކުރަންޖެހޭ: ނާއިބު ރައީސް

މމުހައްމަދު އަލީ23 އޮކްޓޯބަރު 2024
ކްލައިމެޓް ފައިނޭންސިންގްގެ ކަންކަމަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް މީގެ ކުރިން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު، އެއަށްވުރެ އިތުރު ކުރުމަށް ރާއްޖޭގެ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" ގައި ތަގުރީރު ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަށް އިޖާބަ ދިނުމާއި، ގެއްލުމުގެ އަސަރު ކުޑަކޮށް، އަދި ނޭދެވޭ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ކަންކަމަށްވެސް އަމާޒުތަކެއް ކަނޑައެޅަންޖެހޭ  ކަމަށެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ފަދަ ނާޒުކު ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، މިހާރު އޮތް ބައިނަލްއަގްވާމީ މާލީ އެހީގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް ބޭނުންވާ މާލީ އެހީގެ ކަންކަން ކަށަވަރުކޮށްދިނުމަށް، މިންކުރެވެނިވި އައު އަމާޒެއް ކަނޑައަޅައި، ކުރިއަށް އޮތް ކޮޕް29 ގެ ބައްދަލުވުން ނިމިގެންދާއިރު އެކަމަށް އެއްބަސްވުން މުހިންމުކަމަށެވެ. ނާއިބު ރައީސް ވިދާޅުވީ ދިވެހިރާއްޖެ ފަދައިން، ކޮމަންވެލްތުގެ ގިނަ ގައުމުތަކަށް ބޭނުންވާ މާލީއެހީ ހޯދުމުގައި ދިމާވާ ބޮޑެތި ހުރަސްތައް ފާހަގަކުރައްވާ ކަމަށެވެ. އެހެންނަމަވެސް ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު