ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ބްލޫ ކާރބަން ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރަން ޖެހޭ: ނާޒިމް
ޚަބަރު

ބްލޫ ކާރބަން ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރަން ޖެހޭ: ނާޒިމް

އއިބްރާހީމްް ސަމީރު25 އޮކްޓޯބަރު 2024
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމް ވަނީ، ބްލޫ ކާރބަން ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރުމަށް ގޮވާލައްވާފައެވެ. ބްލޫ ކާރބަން ޕްރޮޖެކްޓްތަކުގެ މުހިންމު ކަމަށް އަލިއަޅުވާލައްވަމުން، ނާޒިމް ވިދާޅުވީ މޫދު ވިނައަކީ، ކަނޑުގެ ވެށީގެ އަސާސީ ބައެއް ކަމަށާއި، މޫދު ވިނަ އިން ކާރބަން އެބްޒޯބް ކުރާ މިންވަރަކީ، ރެއިންފޮރެސްޓްތަކަށް ވުރެން ހެކްޓަރަކަށް 40 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. މޫސުމީ ބަދަލުތަކާ ކުރިމަތި ލެވޭ ގޮތަށް، ނޫ އިޤްތިޞާދު ބައްޓަންކޮށް، އީޖާދީ ގޮތެއް ހޯދުމަށް ވެސް ނާޡިމްގެ ތަޤްރީރުގައި ގޮވާލެއްވިއެވެ.
"މޫސުމީ ބަދަލުތަކާ ކުރިމަތި ލުމުގައި، ނޫ އިޤްތިޞާދުން މުހިންމު ދައުރެއް އަދާކުރަން ޖެހޭ،" ނާޒިމްވިދާޅުވި އެވެ.
ނާޒިމްވަނީ ކަނޑުން ހަކަތަ އުފެއްދުމާއި، މެރިންބަޔޯޓެކްނޮލޮޖީގެ ހޯދުންތައް އިތުރުކޮށް ފުޅާކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފައެވެ. ޗައިނާގެ ޝިންޑާއޯގައި ކުރިއަށްދާ، 2024 ވަނަ އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ތަޤްރީރު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙުމަދު ނާޒިމް ވަނީ، ކަނޑުގެ ވެށި ކިލަނބު ވިޔަ ނުދިނުމަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އަޅައި ދިނުމަށް ގޮވާލައްވަމުން، އެރޮނގުން ރާއްޖޭން އަޅާފައިވާ ފިޔަވަޅުތައް ޙިއްސާ ކުރައްވާފައެވެ.
"ދިވެހިރާއްޖެއިން ވަނީ، ކަނޑުގެ 93 ސަރަހައްދެއް ޙިމާޔަތް ކޮށްފަ. އެތަންތަނަކީ، ގާތްގަނޑަކަށް 63 ހާސް ހެކްޓަރުގެ އޭރިއާއެއް. އަދި އިތުރަށްވެސް މިފަދަ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް" ނާޒިމްވިދާޅުވިއެވެ.
ޝިންޑާއޯގައި ބާއްވާފައިވާ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމެންޓް ފޯރަމް އަކީ ނޫ އިޤްތިޞާދުގެ ރޮނގުން ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މަޤްޞަދުގައި ބާއްވާފައިވާ ފޯރަމެކެވެ. މި ފޯރަމް އޮންނަނީ 24 އަދި 25 އޮކްޓޫބަރުގައެވެ. ފޯރަމުގައި ސިޔާސަތު ކަނޑައަޅާ 400 އެއްހައި ފަރާތެއް ބައިވެރިވެ ވަޑައިގަންނަވައެވެ. އަޙުމަދު ނާޒިމް ވަނީ ކަނޑުގެ ވެށި ޙިމާޔަތް ކުރުމުގައި ރާއްޖެއިން އަޅާފައިވާ ދެހެނެއްޓެނިވި ފިޔަވަޅުތަކުގެ މައްޗަށްވެސް ވާހަކަ ދައްކަވާފައެވެ. މަސްމަހާމެއްސާއި ކަނޑުގެ ދިރުން ޙިމާޔަތް ކުރުމަކީ ޒަމާނުއްސުރެން ރާއްޖޭގެ މަސްވެރިކަމުގެ ސަގާފަތެއްކަން ފާހަގަ ކުރައްވަމުން، ނާޡިމްގެ ވާހަކަފުޅުގައި ރާއްޖޭގެ ދޮށީގެ މަސްވެރިކަން ކުރާ ގޮތުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށާއި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށާއި، ކަނޑުގެ ދިރުން ޙިމާޔަތް ކުރުމަށްޓަކައި، ރާއްޖޭގެ ތަޖުރިބާއިން ޢިބްރަތް ލިބިގަތުމަށްވެސް ނާޒިމްއެދިވަޑައިގަތެވެ.
"ދިވެހިރާއްޖެއަކީ، ޢަމަލީ ގޮތުން ކަންކަން ކޮށް ދައްކާ ޤައުމެއް. ފިޔަވަޅު އެޅުމަށް އަވަސް ވެގަންނަމާ!" ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ 2030އާ ހަމައަށް ޙިމާޔަތް ކުރުމަށް ގޮވާލައްވަމުން، ނާޒިމްވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު