ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އޭސީސީގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް ދެނީ
ޚަބަރު

އޭސީސީގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް ދެނީ

އއަހުމަދު މުހައްމަދު28 އޮކްޓޯބަރު 2024
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލް ފޮނުވައިފިއެވެ. ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލްހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންތަކުގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަން ކުރުމުގައި، އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުމަށްކުރުން ހިމެނެއެވެ. ގާނޫނުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އޭސީސީގެ ރައީސާއި، ނާއިބު ރައީސަކު އައްޔަން ކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށާއި، މަޖިލީހަށް، އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކޮމިޝަންގެ ރައީސާއި، ނާއިބު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުން ނުދާކަމަށް ކޮމިޝަންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ އެބޭފުޅުން މަގާމުން އިސްތިއުފާދޭންވާނެ ކަމަށެވެ. އަދި (ރ) ގައި ބުނަނީ އެގޮތަށް އިސްތިއުފާދިން ނަމަވެސް ކޮމިޝަންގެ މެންބަރުކަމުން ވަކިނުވާނެ ކަމަށެވެ. ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ނުވަތަ ނާއިބު ރައީސްގެ މަގާމު ހުސްވެއްޖެނަމަ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގެމަތިން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަން ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ކޮމިޝަންގެ ރައީސް މަގާމުން އިސްތިއުފާދިނުމަށްޓަކައި އެކަން ބަޔާންކޮށް ސިޓީއަކުން ކޮމިޝަނަށް ހުށަހެޅުމުން އެމީހަކު މަގާމުން ވަކިވީ ކަމަށެވެ. ނަމަވެސް ނާއިބުރައީސްކަމުން އިސްތިއުފާދޭން ހުށަހަޅަންޖެހޭނީ ކޮމިޝަންގެ ރައީސަށް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް 10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލްގައި ވަނީ ހިމަނައިފައެވެ. ގާނޫނުގެ ހަތްވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް އާއި ނާއިބުރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ. ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް  މެންބަރުންގެ ތެރެއިން މީހެއް، ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރައީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާގައިވާ އިސްލާޙުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނާއިބުރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން، ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީ ކަމަށެވެ.

ގުޅުންހުރި ޚަބަރު